ފަރިވާ ފިހާރައިގައި ރޯވި ހާދިސާ، (ފޮޓޯ/ ޕޮލިސް)

ސުޕްރީމް ކޯޓު

ފަރިވާ ފިހާރަ އެނދުމުގައި ސްޓެލްކޯގެ އިހުމާލެއް ނެތް: ސުޕްރީމް ކޯޓު

2016 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފަރިވާ ފިހާރައިގައި ހުރި ހުރިހާ މުދަލަކާ އެކު އެ ފިހާރަ ވަނީ އެއްކޮށް އަނދައިފައި. ލިބުނު ގެއްލުމުގެ ބަދަލަށް 33 މިލިއަން ހޯދަން ވެރި ފަރާތުން ދައުވާ ކުރީ ސްޓެލްކޯއާ ދެކޮޅަށް
27 އޮކްޓޯބަރު 2021

މީގެ ފަސް އަހަރު ކުރިން، ޖެނުއަރީ 2016 ގައި މާފަންނު ފާމުދޭރި މަގުގައި ހުރި ފައިވާ އިލްކްޓްރޯނިކްސް ފިހާރާގައި އަލިފާން ރޯވެ އެ ފިހާރަ އެއްކޮށް އެނދީ ސްޓެލްކޯގެ އިހުމާލުން ކަމަށް ކަނޑައެޅެން ނެތް ކަމަށާއި، އަދި ބަދަލުގެ ގޮތުގައި ހޯދަން އެ ފިހާރައިގެ ވެރި މީހާ އެދުނު 33 މިލިއަން ރުފިޔާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ފިހާރައިގެ ވެރިމީހާ ހުސައިން ރަޝީދު (މަހުމާ ހުސެން) ބުނީ އެ އަލިފާން ރޯވީ ފިހާރަ ކުރިމަތީގައި އޮތް ދުވާރު މަތީގައި ސްޓެލްކޯއިން ބަހައްޓާފައިހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިން ކަމަށެވެ. އަދި އެ ފޮށިން ފެށުނު އަލިފާންގަނޑު ފިހާރައިގެ ފުރާޅުގައި ހިފައި، ފިހާރައިގެ ދެބުރީގައި ހުރި ހުރިހާ މުދަލެއް އަނދާ އަޅިއަށްވީ ކަމަށެވެ.

ތަފްސީލް - އެ ހާދިސާގެ ސަބަބުން ފިހާރަޔަށާއި ފިހާރައިގައިހުރި މުދަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސްޓެލްކޯއިން އެކީ އެއް ފަހަރާ 33 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ.

ސިވިލް ކޯޓުން ނިންމީ ފިހާރައިގައި އަލިފާން ރޯވީ ސްޓެލްކޯއިން ބަހައްޓާފައިހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުންކަން، މައްސަލައިގައި ހުށަހެޅި ލިޔުންތަކުން ޝަރީއަތަށް ސާބިތުނުވާތީ މިހާދިސާ ގެ ސަބަބުން ފިހާރައަށް ލިބުނު ގެއްލުމަށް ސްޓެލްކޯ ޒިންމާކުރެވެން ނެތްކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ. އެންމެ ފަހުން ހުސައިން ރަޝީދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް - ސުޕްރީމް ކޯޓުން ބުނީ މި މައްސަލައަކީ ޓޯޓް ލޯގެ ތެރޭގައި ހިމެނޭ އިހުމާލުގެ އަމަލަކާ ގުޅޭ މައްސަލައެއް ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއްގައި އަމަލުކުރާނެ ވަކި ގާނޫނެއް ރާއްޖެއަކު ނެތެވެ.

ނަމަވެސް އަވައްޓެރިޔާއަށް ގެއްލުމެއް ނުވާގޮތަށް އެމީހެއްގެ އަމަލު ބެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ގާނޫނީ ވާޖިބެއް ކަމަށާއި، އެކަމުގައި އާންމުންނާއި ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ތަފާތުނުވާ ކަމަށެވެ. އަދި އެ ޒިންމާއާމެދު ފަރުވާތެރިވާން ޖެހޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ އެ ފަރާތަކުން އެކަމުގެ މަސްއޫލިއްޔަތު އުފުލަންވެސް ޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ.

"އެގޮތުން، ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތަކާގުޅިގެން ނުވަތަ ކުރާ ކަމަކާ ގުޅިގެން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާނަމަ އެކަމުގެ މަސްއޫލިއްޔަތު ސްޓެލްކޯއިން އުފުލަން ޖެހޭނެއެވެ." ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނީ ސްޓެލްކޯ އިން ދުވާރު މަތީގައި ބަހައްޓާފަހުރި ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުން ސީދާ އަސަރުކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ސްޓެލްކޯގެ މައްޗަށް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް، އެ ޒިންމާ އަދާކުރުމުގައި ސްޓެލްކޯއިން އިހުމާލުވެފައިވާކަމަށް ބުނާ ހާލަތުގައި އެ ޒިންމާގެ މަސްއޫލިއްޔަތު ސްޓެލްކޯއިން އުފުލަންޖެހޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމަ ކަމަށެވެ.

އެ ޝަރުތުތަކަކީ؛

  • އިހުމާލުވިކަމަށް ބުނާ ފަރާތުން ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް އޮތްކަން 

  • އިހުމާލުވި ފަރާތުން އެ ގާނޫނީ ޒިންމާއާ ހިލާފުވެފައި ވާކަން

  • އިހުމާލުވިފަރާތުން އެ ގާނޫނީ ޒިންމާއާ ހިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަން

  • އެ ގެއްލުމަކީ އިހުމާލުވިފަރާތުން ގާނޫނީ ޒިންމާއާ ހިލާފަށް ކުރި އަމަލާ ގުޅިފައިވާ ގެއްލުމެއްކަން 

ސުޕްރީމް ކޯޓުން ބުނީ ދައުވާ ސާބިތުކުރަން ހުސައިން ރަޝީދުގެ ފަރާތުން ހުށަހެޅި ހެކިތަކުން އެ ޝަރުތުތައް ފުރިހަމަވާކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އަލިފާންގަނޑު ފެށިގެން ދިޔައީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށްޓަކުން ކަމަށް ބުނި ނަމަވެސް، އެ ޑިސްޓްރިބިއުޝަން ފޮށިން ހެކީގެ ގޮތުގައި ގެންދިޔަ ކަރަންޓް ކޭބަލްގެ ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަނުން، އެ ފޮށީގައި ހުރި ކަރަންޓް ކޭބަލްތަކުގައި ރޯވެފައި ނުވާކަން ފާހަގަކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ.

"މި މައްސަލައިގައި ހުސައިން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މަންޒަރު ލޮލަށް ފެނުނު މީހުންގެ ހެކިބަހަކީ އަލިފާން ފެށިގެން އައިގޮތް ސާބިތުކޮށްދޭ ހެކިބަހަކަށް ނުވާއިރު، ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަންގެ ނަތީޖާ ނަފީކުރެވޭފަދަ ހެއްކެއް ހުސައިން ރަޝީދުގެ ފަރާތުން މި މައްސަލާގައި ހުށަހެޅިފައެއް ނުވެއެވެ." ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ސްޓެލްކޯގެ ފަރާތުން ވި އިހުމާލަކުންކަން ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށާއި، އެހެންކަމުން ސްޓެލްކޯގެ ފަރާތުން ހުސައިން ރަޝީދުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއާ ހިލާފުވެފައިވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ހުކުމް - އެހެންކަމުން ސްޓެލްކޯގެ ފަރާތުން ހޯދަން ހުސައިން ރަޝީދު އެދުނު 33 މިލިއަން ރުފިޔާގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް އެ މައްސަލަ މިއަދު ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް