ފުވައްމުލަކު މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)
ފުވައްމުލަކުގައި ކުލައިން ރެކެން އުޅެނިކޮށް މީހަކަށް އަނިޔާވެގެން މާލެ ގެންނަނީ
ފުވައްމުލަކުގައި މިއަދު އީދު ފާހަގަކުރަން ކުލަ ޖަހަން އުޅުމުގެ ތެރޭގައި އަންހެނަކަށް އަނިޔާވެގެން އިތުރު ފަރުވާއަށް އޭނާ މާލެ ގެންނަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ދަނޑިމަގު އަވަށުގައި މިއަދު ހަވީރު މި ހާދިސާ ހިނގަން މެދުވެރިވީ، ސައިކަލުގައި ދުއްވާފައި ދަނިކޮށް ކުލަ ޖަހަން އުޅުނު ގްރޫޕަކާ ދިމާވެގެން އެ މީހުންގެ ކިބައިން ސަލާމަތްވުމަށް އެ އަންހެން މީހާ މަސައްކަތްކުރި ވަގުތު އޭނާ ދުއްވަން އިން ސައިކަލު ކަހާލައިގެން ވެއްޓިގެންނެވެ.
ތަފްސީލު - ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، އުމުރުން 20 އަހަރުން މަތީގެ އެ އަންހެން މީހާ އިތުރު ފަރުވާއަށް މިރޭ މާލެ ފޮނުވާލުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށެވެ.
"މޫނަށް އެކި ވަރުގެ ގެއްލުން ވެފައިވޭ. ކަންފަތުން ލޭ ވެސް އައި. ދެން މާލެ ގެންދަނީ ބޮލަށް ގެއްލުން ވެފައި ހުރިތޯ ބަލަން ސީޓީ ސްކޭން ހަދަން. މި ތަނަކީ [ފުވައްމުލަކު ހޮސްޕިޓަލަކީ] ސީޓީ ސްކޭން ހެދޭ ތަނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގީ ސީދާ ކޮން ސަރަހައްދެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ. އެ މީހާއަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.
ކައުންސިލަރު ވިދާޅުވި ގޮތުގައި، އެކްސިޑެންޓްވީ އެއް ގުރޫޕަކުން އެ އަންހެން މީހާ ގަޔަށް ކުލަ ޖެހުމަށް ފަހު އެ ތަނުން ދިޔަ ފަހުން ކަމަށެވެ. ހަމަ އެ ވަގުތު އެހެން ގުރޫޕަކުން ކުލަ ޖަހަން ދިމާކޮށްލުމުން އެ މީހުންގެ ކައިރިން ރެކެން އުޅެނިކޮށް ސައިކަލު ކައްސާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަހުން ކުރަން ފެށި ކަމެއް މިއީ. ބަޑިތަކަށް ކުލަ އާއި ފެން އަޅައިގެން، އީދު ފާހަގަކުރަން [ކުލަ ޖެހުން]،" ކައުންސިލަރު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.