އައްޑޫ ހަންކެޑެ ބްރިޖް އަޅާ ސަރަހައްދުގެ މޫދާ ދިމާލުން ގޮނޑުދޮށަށް މަސްތައް މަރުވެ ލައްގާފައި - ފޮޓޯ/ޓްވިޓާ

ހަންކެޑެ

ހަންކެޑެ ބްރިޖް އަޅަން ހިއްކުމުން މަސްތައް މަރުވެ މޫދު ތަގައްޔަރު ވެއްޖެ

އެ ބްރިޖް އަޅަނީ މަރަދޫއިން ފެށިގެން ގައުކެނޑިއާ ހަމައަށް ހިއްކުމަށް ފަހު، އެ ހިއްކާ ތަނުގައި ތަނބުޖަހައިގެން
22 އޭޕްރީލު 2023

ރިސޯޓް ހަދަން ނިންމާފައިވާ އައްޑޫ ހަންކެޑެ ވަކިކުރުމުގެ ގޮތުން ބްރިޖެއް ހެދުމަށް މަރަދޫއިން ފެށިގެން ގައުކެނޑިއާ ހަމައަށް ހިއްކުމުން އެ ސަރަހައްދުގެ މޫދުން ގިނަ އަދަދެއްގެ މަސްތައް މަރުވެ މޫދާއި ގޮނޑުދޮށް ތަގައްޔަރުވެއްޖެ އެވެ. 

މައްސަލައިގެ ފެށުން - އައްޑޫގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަންކެޑެގެ ބޭރުން ބްރިޖެއް އެޅުމުގެ މަސައްކަތް، އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސްއިން އަންނަނީ ކުރަމުންނެވެ. އެ ބްރިޖް އަޅަނީ މަރަދޫއިން ފެށިގެން ގައުކެނޑިއާ ހަމައަށް ހިއްކުމަށް ފަހު، އެ ހިއްކާ ތަނުގައި ތަނބުޖަހައިގެންނެވެ.

ބުރިޖް އަޅަން ހިއްކާފައިވާ ސަރަހައްދުގެ މޫދު ތަގައްޔަރުވެފައި.

ބުނީ ކީކޭ؟ - އައްޑޫއިން 'ދައުރު'އާ ވާހަކަ ދެއްކި އެކަކަށް ވުރެ ގިނަ މީހުން ބުނި ގޮތުގައި ބްރިޖް ހެދުމަށް ހިއްކުމުގެ ސަބަބުން އެ ސަރަހައްދު ބެދި ލޮނުގަނޑު ދައުރުވަމުން ނުދާތީ މޫދުގައިވާ ގިނަ ދިރުންތައް ވަނީ މިހާރު މަރުވެފަ އެވެ. އަދި އެކަމުގެ ސަބަބުން މޫދު ތަގައްޔަރުވެ، މަރުވެ ކުނި ވެފައިވާ މަސް ފަދަތަކެތި ގޮނޑުދޮށަށް ލައްގަމުން އަންނަ ކަމަށް އެ މީހުން ބުންޏެވެ. 

"މުޅި ސަރަހައްދުގެ މޫދު ތަގައްޔަރުވެ މަސްތައް ވެސް މަރުވެ އެ ދަނީ ލައްގަމުން. ރަށު ތެރެއާ ހަމައަށް ވެސް އެ ކުނިވަސް ދުވަމުން އެބަ އާދޭ. އެކަމަކު މިކަން ބަލާނޭ މީހެއް ނެތް،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

އެ މީހުން އިތުރަށް ބުނި ގޮތުގައި: 

  • މޫދުގައި ތެލުގެ އަސަރު ވެސް ފެންނާން ހުރޭ 

  • މަސްމަހާމެހީގެ އިތުރަށް ހަންކެޑެ ހިމެނޭ ގޮތުން އެ ސަރަހައްދުގެ މޫދުގައިވާ މުރަކަތައް ވެސް ހަލާކުވެފައިވޭ 

  • ހަންކެޑެ ގޮނޑުދޮށަށް ވެސް ވަނީ އަސަރުކޮށްފައި 

ހަންކެޑެ ބްރިޖް އަޅަން ހިއްކުމުގެ ސަބަބުން މޫދު ތަގައްޔަރުވެ މަސްތައް މަރުވެގެން ލައްގާފައި

"މި ގޮތަށް ހިއްކައިގެން މި ބްރިޖެއް ހެދުމަކީ ރަނގަޅު ކަމެއް ނޫން. ނުހިިއްކާ މޫދުގައި ތަނބު ޖަހައިގެން މިކަން ކުރި ނަމަ މި މައްސަލަ ނައިސް،" ނަން ނުޖަހާ ގޮތަށް އައްޑޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅި ނަމަވެސް އެ ފަރާތްތަކުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. 

އެނގުން މުހިންމު - ހަންކެޑެގައި ޓޫރިޒަމް ތަރައްގީ ކުރަން މިހާރު ވަނީ 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)އަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްގެން އައްޑޫގައި 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމާއަތްތަކުން އަންނަނީ އައްޑޫގައި ބިން ހިއްކުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް