އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ޒަކާތަށް ފައިސާ ނެގަނީ (ފައިލް ފޮޓޯ)
ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަން؛ ފަގީރަކަށް 3،450ރ.
ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ސީދާ އިސްލާމިކް މިނިސްޓްރީއަށް ލިބިފައި ވަނީ 9 މިލިއަން ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.
ތަފްސީލު - މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، ރޯދަ މަހުގެ 29ގެ ނިޔަލަށް މިނިސްޓްރީއަށް ޒަކާތް ދައްކާފައި ވަނީ 175،485 މީހުންނެވެ.
ފަގީރުންގެ ދަފްތަރުގައި 8،446 މީހަކު ރަޖިސްޓްރީވެފައިވެ އެވެ. އޭގެ ތެރެއިން މާލޭގައި ތިބި 1،736 މީހަކަށް ބޮލަކަށް 3،450ރ.ގެ ރޭޓުން މިދިޔަ ބުރާސްފަތި ދުވަހު އެމީހުންގެ އެކައުންޓަށް ޒަކާތު ފައިސާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއީ، 5.99 މިލިއަން ރުފިޔާ އެވެ.
ބުނީ ކީކޭ؟ - މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބާކީ 3 މިިލިއަން ރުފިޔާ އަދި ބަހާފައި ނުވާ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް ބަލައިގެން ޒަކާތު ފައިސާ އެ ރަށެއްގެ ކައުންސިލުން ބެހުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި، ގޮވާމުން ލިބިފައިވަނީ ޖުމްލަ 12،989.3 ކިލޯ އެވެ. އެ ތަކެތި ވެސް ބަހާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - މިދިޔަ އަހަރު، ފިތުރު ޒަކާތުގެ ގޮތުގައި 7.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ލިބިފައި ވަނީ، 6.7 މިލިއަން ރުފިޔާ އެވެ.