އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.

ރައީސް އޮފީސް

އަމްރު ދެއްކީ އޮއްޓަރެއް ނެތް ސިޔާސީ ވާހަކަ: ސަރުކާރު

ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ އިދާރާތަކުން ބަޖެޓް ސަޕޯޓަށް ފައިސާ ހޯދުމަށް މަސައްކަތް ކުރި ކަމަށް އަމްރުގެ ބަޔާނުގައި އޮތް ވާހަކަ ދޮގުކުރި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ހުސައިން އަމްރު ސަރުކާރަށް ފާޑުވިދާވެ ރޭ ނެރުއްވި ބަޔާނުގައި ހުރީ އެއްވެސް އޮއްޓަރެއް ނެތް، ސިޔާސީ ބޭނުމަށް ދައްކަވާފައިވާ ސިޔާސީ ވާހަކަތަކެއް ކަމަށް ބުނެ، އެ ބަޔާނަށް ސަރުކާރުން މިއަދު ރައްދު ދީފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނަށް ނިސްބަތްވާ އަމްރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ފާޅުގައި އެ ފެކްޝަންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވުމާ އެކު ސަރުކާރުން ވަނީ އޭނާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކޮށްފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު މަގާމުން ވަކިކުރި ފަހުން އަމްރު ވަނީ ރޭ ފުރަތަމަ ފަހަރަށް އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން، އަމްރު ވަނީ، ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވަން ނިންމެވި ސަބަބުތައް ހާމަކުރައްވައި ތިން ސަފްހާގެ ބަޔާނެއް ޓުވިޓާގައި އާންމުކުރައްވާފަ އެވެ.

ތަފްސީލު - އަމްރުގެ ބަޔާނުގައި އެންމެ ބޮޑަށް ފާޑުވިދާޅުވެފައި ވަނީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅޭ ގޮތުންނެވެ.

އަމްރުގެ ބަޔާނާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އިގްތިސާދީ ހާލަތު ދަށްވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ނޫން ކަމަށެވެ. އެ ހާލަތަށް ވެއްޓުނީ، އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުންނެވެ.

"ސަރުކާރުން ކުރި ކަމަކުން ނޫން އިގްތިސާދީ ހާލަތު މި ގޮތަށް ވީ. މި ހާލަތުގެ ސަބަބުން ސަރުކާރުން އެޅި ފިޔަވަޅުތައް އައިއެމްއެފްއެމް ފަދަ ބޭރުގެ ޖަމިއްޔާތަކުން އެކަން ބަލައިގަނެ، ދަނީ މަރުހަބާ ކިޔަމުން،" މިއުވާން ވިދާޅުވި އެވެ.

"އަމްރު ދެއްކި ވާހަކަތަކަކީ އެއްވެސް އޮއްޓަރެއް ނެތް، ސިޔާސީ ބޭނުމަށް ދައްކާފައިވާ ސިޔާސީ ވާހަކަ."

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު. (ފޮޓޯ/ ރައީސް އޮފީސް)

މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ އިގްތިސާދީ ލޮޅުމުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ތެލުގެ އަގު އުފުލުން ކަމަށާާއި އޭގެ ސަބަބުން ހަރަދުތައް މައްޗަށް ދިޔަކަން މިއުވާން ފާހަގަކުރެއްވި އެވެ.

"އަމްރު ހުންނެވީ އެސްޓީއޯގެ އެމްޑީއަކަށް. ކީއްވެގެންތޯ އެއަށް ވުރެ އަގުހެޔޮކޮށް ތެޔޮ ނުހޯދީ؟،" މިއުވާން ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ މާލީ އިދާރާތަކުން ބަޖެޓް ސަޕޯޓަށް ފައިސާ ހޯދުމަށް މަސައްކަތް ކުރި ކަމަށް އަމްރުގެ ބަޔާނުގައި އޮތް ވާހަކަ ވެސް މިއުވާން ދޮގުކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ އެސްޓީއޯ އަކީ އެއްވެސް އިރެއްގައި ބޭރުގެ އެހީ ހޯދުމަށް މަސައްކަތް ކުރި ކުންފުންޏެއް ނޫން ކަމަށެވެ.

އިއްޔެ އަމްރު ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ، ރާއްޖޭގައި ގޮދަން ފުށް ފެކްްޓްރީއެއް އެޅުމަށް އެސްޓީއޯ އިން ކުރި މަސައްކަތް ކާމިޔާބު ނުވެ އޮތީ، އެ ފެކްޓްރީ ހދ. ކުޅުދުއްފުށީގައި އަޅަން ރައީސް އޮފީހުން ބޭނުން ނުވެގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިއުވާން އެކަން ވެސް ދޮގުކުރެއްވި އެވެ.

"ފުށް ފެކްޓްރީ އެޅުމަކީ ސީދާ ރައީސް އޮފީހުގެ ނިންމުމެއް. އެސްޓީއޯގެ ނިންމުމެއް ނޫން. އެ ފެކްޓްރީ ކުޅުދުއްފުށީގައި ވެސް އަޅަން ނިންމީ ރައީސް އޮފީހުން،" އެ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް