އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިރު 'ދައުރު' އަށް އިންޓަވިއުއެއް ދެއްވަނީ (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ސިޔާސީ

ސަރުކާރު ނޫން ގޮތެއް ހިޔާރުކުރީ އިސްލާހުނުވުމުން، އެމްޑީޕީގެ ސިޔާސަތު ދަމަހައްޓާނަން: އަމްރު

އަމްރު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތެއް އޮޅިފައި ނުވާ ކަމަށް
12 އޭޕްރީލު 2023

ސަރުކާރު ނޫން އެހެން ގޮތެއް ހިޔާރުކުރަން ޖެހުނީ ތަކުރާރުކޮށް އިސްލާހުގެ މަގަށް ކަންކަން ގެނައުމަށް ކުރި މަސައްކަތަށް ސަރުކާރުން އެއްބާރުލުން ނުދިނުމުން ކަމަށް، މިފަހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ހުސެއިން އަމްރު ރޭ ވިދާޅުވެއްޖެ އެވެ.

ފަސްމަންޒަރު - މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގަ އެވެ. އެތެރޭގެ ކޯޅުން ބޮޑުވެފައިވާ އެމްޑީޕީގައި ނަޝީދު ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އަމްރު މަގާމުން ވަކިކުރީ މިދިޔަ މަހުގެ 26ގަ އެވެ. އަމްރު ސަރުކާރުގެ މަގާމެއްގައި ހުންނަވައިގެން، ރައީސް ސޯލިހާ އިދިކޮޅު ނަޝީދުގެ 'ފިކުރެއްގެ ދިރުމަށް' ތާއީދުކުރާތީ، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގެންދިޔައީ އޭނާއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.  

ބުނީ ކީކޭ؟ - ސަރުކާރާ ފެއަށް ޖެހުނު ސަބަބާ ގުޅޭ ގޮތުން އަމްރު ރޭ ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އޭނާގެ ބަޔާން ފެއްޓެވީ އެމްޑީޕީއާ އަލަށް ގުޅި ސިޔާސީ މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. އޭގެ އިތުރަށް އޭނާގެ ބަޔާނުގައި ވިދާޅުވެފައިވަނީ:

  • އެސްޓީއޯއާ 2018 ގައި ހަވާލުވީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށް

  • ޕާޓީގެ ސިޔާސަތެއް އޭރު ވެސް، މިހާރު ވެސް އޮޅިފައެއް ނުވޭ؛ ގަބޫލުނުކުރާ އަދި އިންކާރުކުރާ ސިޔާސަތެއް ވެސް ނެތް ކަމަށް

  • އެކަމަކު، ފާއިތުވި ހަތަރު އަހަރު ސަރުކާރުން ކަންތައްކުރީ އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި ވަކި ސިޔާސަތެއް، އަމާޒެއް ނެތި ކަމަށް

  • އެގޮތުން ރައްޔިތުންނާއި ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް، މަސް ގަންނަ އަގު ދަށްކުރަން ޖެހުމުން ފޫނުބެއްދޭ ބޮޑެތި ގެއްލުން ވެގެންދިޔަ ކަމަށާއި އެއީ ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ޕްރޮޖެކްޓުތައް ހިނގާ ނުހިނގާ ގޮތް ނުބަލާ ދޫކޮށްލުމުގެ ނަތީޖާ ކަމަށް

އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް ނަޝީދުއާ އެކު އަމްރު ހުވަދު އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން (ފޮޓޯ/ނަޝީދުގެ ކެމްޕެއިން ޓީމު)

އަމްރު ވިދާޅުވީ، ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި، ނުރަނގަޅު ކަންކަން ރަނގަޅުކުރުމަށް ބައްދަލުވުންތަކުގަ އާއި މެސެޖުން، އަދި ސިޓީ އިން ވެސް ލަފާ އަރުވާފައިވާނެ ކަމަށެވެ. އަދި ސަރުކާރުން ދޫކޮށްލާ ސިޔާސަތުތައް އެސްޓީއޯ އިން ގެންގުޅެފައިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އަމްރު ގަބޫލުކުރައްވާ ގޮތުގައި މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންގެ ތާއީދެއް ހޯދިފައެއް ނުވެ އެވެ. އެކަން އެނގިގެންދަނީ، އަމްރު ވިދާޅުވި ގޮތުގައި:

  • ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮވެ ފަސް އަހަރުގެ ދައުރެއް ނިމޭއިރު ކޯލިޝަނަކާ ނުލާ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލުކުރެވުން

  •  ބައި އިލެކްޝަންތަކުގައި މުޅި ސަރުކާރުގެ ބަޖެޓް ހުސްވާ ވަރަށް ހަރަދުކޮށް މަތިމައްޗަށް އެ ދާއިރާއަކަށް ޕްރޮޖެކްޓުތައް ހިންގަން ފެށުމާއި ރަށު އެންމެނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދޭން ޖެހުމުން

އަމްރު ވިދާޅުވީ، އެމްޑީޕީއަށް ރައްޔިތުން ކުރި އިތުބާރު ގެއްލިފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް އެ ޕާޓީއަށް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެމްޑީޕީއަށް ވަފާތެރި އެތައް ބަޔަކު ޕާޓީއާ ދުރަށް ޖެހުނީ ޕާޓީގެ ސިޔާސަތުތައް އޮޅިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ނުހަނު އިހުލާސްތެރިކަމާއި ހެޔޮ ނިޔަތުގައި މަސައްކަތް ކުރީ އެ ސިޔާސަތުތައް ކުރިއަރުވައި ތަންފީޒުކުރުމަށެވެ. އަދި އެހެން ގޮތެއް ހިޔާރުކުރަން ޖެހުނީ ގިނަ ފަހަރުތަކެއް މަތިން އިސްލާހުގެ މަގަށް ގެންނަން ކުރި މަސައްކަތަށް އިޖާބައެއް ތަރުހީބެއް އެއްބާރުލުމެއް ނުލިބުމުންނެވެ،" އަމްރު ވިދާޅުވި އެވެ.

"އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން އެމްޑީޕީން ދެކޭ ތަސައްވަރާ އެއްގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑު ދެމިހުންނާނަމެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް