މަޖިލީހުގެ ރިޔާސަތުގައި މުހައްމަދު ނަޝީދު (ފޮޓޯ/މަޖިލިސް)
ގާނޫނުއަސާސީއަށް ބޮޑު ތިން އިސްލާހެއް ގެންނަން ނަޝީދު އެމްއެންޕީއާ މަޝްވަރާކުރައްވައިފި
ގާނޫނުއަސާސީއަށް ބޮޑު ތިން އިސްލާހެއް ގެނައުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެހީތެރިކަމަށް ވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން އެކަމުގައި މަޝްވަރާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަނުން އިއްޔެ ރަޖިސްޓްރީކޮށް ދިން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ހުރެ އުފައްދަވާފައިވާ އެމްއެންޕީގެ ލީޑަޝިޕާ އެކު ނަޝީދު މިއަދު ވަނީ ބައްދަލުވުމެއް ބާއްވަވައިފަ އެވެ.
ތަފްސީލް - ނަޝީދު ދައުވަތަކަށް ބޭއްވި ބައްދަލުވުމަށް ފަހު އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގައި މަޝްރަވާ ކުރީ ރާއްޖެއަށް މިހާރު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމަށް ހައްލު ހޯދުމާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގެ އެންމެ މުހިންމު މަޝްވަރާއަކީ ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައުމާ ގުޅޭ ވާހަކަތައް ކަމަށް އެމްއެންޕީން ބުންޏެވެ.
ގާނޫނުއަސާސީ އިސްލާހުކުރަން ކުރި މަޝްވަރާތަކަކީ:
-
ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން
-
ވެރިކަމުގެ ނިޒާމް ބަދަލުކުރުން
-
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ބަދަލުކުރުން
އެމްއެންޕީން ބުނީ އެ ކަންކަން ބަދަލުކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ.
އެމްއެންޕީގެ ބަސް - އެ ޕާޓީން ބުނީ ގައުމުގެ މުސްތަގްބަލާ ގުޅޭ މިފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން އެކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޕާޓީން ދެކޭ ކަމަށެވެ.
"އެހެންކަމުން، މި ކަންކަމާ ގުޅޭގޮތުން މިޕާޓީން ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހު އެވެ." ބަޔާނުގައިވެ އެވެ.
ގުޅުންހުރި - ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް މަޝްވަރާކުރައްވައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ މެންބަރުންނާ ވެސް ނަޝީދު ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
އިތުރަށް ކިޔާލަން -