އަލީ ޝިހާމް މަރާލި މައްސަލައިގައި މެރުމަށް ހުކުމް ކޮށްފައިވާ ކ. ތުލުސްދޫ، ރެޑްރޯސް، މުހައްމަދު ނިޔާޒު (ކަނާތް ފަރާތުން ސްކްރީންގެ މަތީގައި) މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.

ހައި ކޯޓު

ތުލުސްދޫ މަރު: ނިޔާޒަށް އިއްވި މަރުގެ އަދަބު ހައި ކޯޓުން ދަމަހައްޓައިފި

ހައި ކޯޓުގައި މުހައްމަދު ނިޔާޒް ބުނީ އަލީ ޝިހާމަށް ހަމަލާ ދިނީ މާރާމާރީ ހިންގުމުގެ ނިޔަތުގައި ކަމަށާއި އޭނާ މަރާލުމުގެ ގަސްތެއް ނެތް ކަމަށް؛ އެކަމަށް އަލީ ޝިހާމްގެ އާއިލާގެ ކިބައިން މައާފަށް ވެސް އެދުނު
26 އޮކްޓޯބަރު 2021

ކ. ތުލުސްދޫގައި 2014ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ ޝިހާމް މަރާލި މައްސަލައިގައި، އެ ރަށު މުހައްމަދު ނިޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރަށް މަރު ހިފުމުގެ އަދަބު ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މައްސަލައިގެ ފެށުން - އަލީ ޝިހާމަށް ތޫނު ހަތިޔާރުން ހަމަލާދީފައިވަނީ:

  • އޭނާގެ ބެލުމުގެ ދަށުން ތުލުސްދޫގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ތަނަކުން ވައްކަން ކުރުމުގެ އިލްޒާމް މުހައްމަދު ނިޔާޒުގެ މައްޗަށް ކުރުމާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން

  • އަލީ ޝިހާމަށް ހަމަލާދީފައިވަނީ އޭނާ ދިރިއުޅެމުންދިޔަ އެ ރަށު ދުށްފަޅުގޭ ކައިރީގައި އޮންނަ ހުސް ބިން ސަރަހައްދުގައި ހުރި ގަސްތަކުގެ ތެރެއިން ގަހެއްގައި އެލުވާލާފައިވާ ޖޯއްޔެއްގައި އޭނާ އޮއްވައި، މުހައްމަދު ނިޔާޒު ބައިސްކަލެއްގައި ގޮސް، މެއަށް ވަޅިއެއް ހަރާލައިގެން

ތަފްސީލް - އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ، މުހައްމަދު ނިޔާޒުގެ މައްޗަށް އުފުލި ގަސްތުގައި މީހަކު މަރުވުމުގެ ދައުވާ ސާބިތުވާތީ އޭނާ މެރުމަށެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ. މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.

ހައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު، މުހައްމަދު ނިޔާޒް ބުނީ އަލީ ޝިހާމަށް ހަމަލާ ދިނީ މާރާމާރީ ހިންގުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް އޭނާ މަރާލުމުގެ ގަސްތެއް ނެތް ކަމަށެވެ. އަދި އެކަމަށް އަލީ ޝިހާމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

ހައި ކޯޓުގެ ބަސް - ހައި ކޯޓުން ބުނީ ގަސްދުގެ މަރުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް މި މައްސަލައިގައި ފުރިހަމަވާ ކަމަށެވެ. މެރުމުގެ ގަސްދު ނެތް ކަމަށް މުހައްމަދު ނިޔާޒް ބުނި ނަމަވެސް، މީހަކު މަރުވާނެ ފަދަ އާލާތެއް ބޭނުންކޮށްފައި ވާނަމަ އެކަމުގައި މެރުމުގެ ގަސްދު އޮތް ކަމަށް ގަބޫލުކުރެވޭނެ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

މި މައްސަލައާ ގުޅިގެން ހައި ކޯޓުން ފާހަަގަކުރި ކަންކަމުގެ ތެރޭގައި:

  • އަލީ ޝިހާމަށް ހަމަލާދީފައި ވަނީ ވަޅިއަކުން 

  • ހަމަލާ ދިނީ ނަފުރަތުގެ ސަބަބުން 

  • އަލީ ޝިހާމަށް "ހޭ އަރުވާލާނެ ކަމަށް" ރައްޓެހިންގެ ގާތުގައި ބުނިކަން 

  • ހަމަލާ ދިނީ ސީދާ އަލީ ޝިހާމްގެ މެއަށްކަން

އާންމުކޮށް މީހަކު މަރުވާ ފަދަ އާލާތެއް ބޭނުންކޮށްގެން އަދި އަނިޔާވެރިކޮށް މީހަކަށް ހަމަލާދީފި ނަމަ، އެއީ މެރުމުގެ ގަސްދު އޮވެގެން ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭނެ ކަމަށް ހައި ކޯޓުން ބުންޏެވެ. އެހެންކަމުން، މުހައްމަދު ނިޔާޒް، އަލީ ޝިހާމަށް ހަމަލާ ދިނީ އޭނާ މަރާލުމުގެ ގަސްދުގައި ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ.

މި މައްސަލައިގައި މުހައްމަދު ނިޔާޒް ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު، ކޯޓުގެ ދެ މަރުހަލާގައި ވެސް ދޫކޮށްލައިފަ އެވެ.

ގަސްދު މަރުގެ ދައުވާ ސާބިތުވާ ހާލަތުގައި ވާރިސުން މަރަށް މަރު ހިފަން ބޭނުންވެއްޖެ ނަމަ، އިސްލާމީ ޝަރީއަތުގައި އެކަމަށް އޮންނަނީ ގިސާސް ނުވަތަ މަރަށް މަރު ހިފުމެވެ. އަލީ ޝިހާމްގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި އޭނާގެ އަންހެނުންނާއި މާމަ ވަނީ މުހައްމަދު ނިޔާޒްގެ ކިބައިން ގިސާސް ހިފަން ބޭނުން ކަމަށް ބުނެފަ އެވެ.

ހައި ކޯޓުގެ ހުކުމް - ހައި ކޯޓުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ، މުހައްމަދު ނިޔާޒް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.

"ދަރިން ބޮޑުވަންދެން މަރުގެ ހުކުމް ތަންފީޒު ނުކުރުން މުހިންމު"

އަލީ ޝިހާމްގެ ވާރިސުންގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުދިން އެބަތިއްބެވެ. އެ ދެ ކުދިންގެ ފަރާތުން އެ ކުދިންގެ މަންމަ ބުނީ، މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. އެ ހާލަތުގައި ގިސާސްގެ ހުކުމް ފަނޑިޔާރަށް ނިންމިދާނެ ކަމަށް އިސްލާމީ ހަތަރު މަޒްހަބުގައި ވެސް އިއްތިފާގުވެ އެވެ.

އެނގުން މުހިންމު - ނަމަވެސް ހަތަރު މަޒްހަބުގެ ރައުޔު ތަފާތުވަނީ، އެ ހާލަތުގައި އިއްވާ ހުކުމް ތަންފީޒުކުރާނެ ވަގުތަކާ މެދު އެވެ. ޝާފިއީ މަޒްހަބާއި ހަންބަލީ މަޒްހަބު ބުރަވަނީ، ކުދިން ބޮޑުވެ ތަސައްރަފު ފުރެންދެން ގާތިލްގެ ކިބައިން ގިސާސް ހިފުން ފަސްކުރުމަށެވެ. ހަނަފީ މަޒްހަބާއި މާލިކީ މަޒްހަބުގެ ރައުޔަކީ ވާރިސުންގެ ތެރޭގައި ކުޑަކުދިން ތިބި ނަމަވެސް، އެ ކުދިން ތަސައްރަފު ފުރެންދެން ފަސްކުރަން ނުޖެހޭ ކަމަށެވެ.

ރާއްޖޭގައި ހުރިހާ ވާރިސުން ތަސައްރަފު ފުރެންދެން މަރަށް މަރު ހިފުން ފަސްކުރަން ލާޒިމުކޮށްފައެއް ނުވެ އެވެ. ނަމަވެސް، ފިގުހީ ރައުޔުތަކަށް ބަލާއިރު، ގިސާސް އަކީ ހުރިހާ ވާރިސުންނަށް ލިބިދޭ އަދި ހުރިހާ ވާރިސުން ބައިވެރިވާ ހައްގަކަށް ވާތީ އެއްވެސް ވާރިސެއްގެ ހައްގު ގެއްލުވާލުމުގެ ބާރު އެހެން ވާރިސަކަށް ނޯންނާނެ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގަތެވެ.

"ހުކުމެއްގެ މައްޗަށް ބިނާކޮށްގެން ކަމުގައި ވިޔަސް، ފުރާނައެއް ދުއްވާލުމަކީ ވަރަށް ބޮޑު ކަމަކަށް ވެފައި މަރު ތަންފީޒުކުރުމުގެ މަރުހަލާފައި ޝުބުހަތަކުން ރައްކާތެރިވާން ޖެހޭއިރު، ކުޑަކުއްޖާ ބޮޑުވެ ތަސައްރަފު ފުރިގެން އޭނާގެ ބަސް އިއްވާއިރު ގާތިލަށް މައާފު ދިނުމުގެ އިހްތިމާލު ވެސް އޮންނާނެތީ އަހުރެންނަށް ބުރަވެވެނީ މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ތިބި ކުދިން ބޮޑުވެ ތަސައްރަފު ފުރެންދެން މަރުގެ ހުކުމް ތަންފީޒުނުކޮށް މަޑުކުރުން މުހިންމު ކަމުގައި،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައިވެ އެވެ.

މި މައްސަލައިގައި ހައި ކޯޓުގައި މުހައްމަދު ނިޔާޒް ވަނީ މަރަށް މަރުގެ އަދަބު ދިނަސް އެންމެ ރަނގަޅު ކަމަށާއި ނަމަވެސް އެ ހުކުމް ތަންފީޒު ނުކޮށް އިތުރު އަދަބުތަކެއް ދިނުމަށް ބޭއްވުމުގެ މާނައެއް ނެތް ކަމަށް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް