ގާސިމް އިބްރާހިމް މީގެ ކުރިން ރައިސް އޮފީހުގެ ބައްދަލުވުމަކަށް ފަހު، އެ އޮފީހުން ނުކުމެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ޖޭޕީން ވަކިވަނީ މަގާމުގެ ދިފާއުގައި ކަމަށް ނުބުނަނީ ކީއްވެތޯ ގާސިމް ސުވާލު އުފައްދަވައިފި

ގާސިމް މިއަދު ވަނީ، ޕާޓީ ބަދުނާމު ނުކުރުމަށް އެދިވަޑައިގެންފައި

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވާ މެންބަރުން ޕާޓީން ވަކިވަނީ މަގާމުގެ ދިފާއުގައި ކަމަށް ވިދާޅުވުމުގެ ބަދަލުގައި ޖޭޕީއަށާއި އޭނާއަށް ފާޑުވިދާޅުވަނީ ކީއްވެތޯ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ސުވާލު އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމްކަން މިދިޔަ ބުރާސްފަތި ދުވަހު ކަށަވަރުވުމާ އެކު، މި ސަރުކާރުގައި ތިއްބެވި އެ ޕާޓީގެ ބައެއް މެންބަރުން ގެންދަވަނީ ޕާޓީން ވަކިވެވަޑައިގަންނަވަމުންނެވެ. އެކަމާ ގުޅިގެން ގާސިމް މިއަދު ވަނީ، ޕާޓީ ބަދުނާމު ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - "ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީ އާއި ޕާޓީގެ ލީޑަޝިޕް ބަދުނާމު ނުކުރައްވައި ކަމުގެ ހަގީގަތާ އެއް ގޮތަށް ވަޒީފާގެ ބޭނުމަށްޓަކާ ޕާޓީން ވަކިވާކަން އިއުލާންކުރެއްވުން ކީއްތޯ؟،" ގާސިމް ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ގާސިމްގެ ޓްވީޓް

ފަސް މަންޒަރު - މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމީ، ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް އެ މަނިކުފާނު ދައުވަތު ދެއްވާފައި ވަނިކޮށެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އެ ޕާޓީން ޕްރައިމަރީއަކަށް ވެސް ހުޅުވާލި އެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ބަންދުވި އިރު، ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ. އެހެންވެ، އޭނާއަކީ މިހާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.

ގާސިމް ރިޔާސީ ރޭހަށް ނުކުންނަވާނެކަން ރަސްމީކޮށް އިއުލާނުކުރެއްވުމާ އެކު، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން ގެންދަވަނީ ބުރާސްފަތި ދުވަހުން ފެށިގެން ޕާޓީން ވަކިވަމުންނެެވެ. އެގޭ ތެރޭގައި:

  • ގާސިމްގެ ކުރީގެ އެޑްވައިޒަރު، އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމް

  • އެމްޑަބްލިއުއެސްސީގެ ސީއީއޯ ހަސަން ޝާހް

  • އާޓްސްގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު 

  • ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް

ފާހަގަކޮށްލެވޭ ކަމެއް - ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެންބަރުން އެ ޕާޓީން ވަކިވެވަޑައިގަންނަވަމުން ގެންދަވާއިރު، އެ ޕާޓީގެ ތިން ބޭފުޅަކު ކެބިނެޓުގައި އެބަތިއްބެވި އެވެ. އެ ބޭފުޅުން އަދި ވަކި ގޮތަކަށް ނުނިންމަވަ އެވެ.

ކޮމެންޓް (1)

ހިމޫ

1 އޭޕްރީލު 2023
ގާސިމް ނިންމެވީ ވެރިކަމުގެ ދަހިވެތި ކަމުގައޭ ވިދާޅުނުވީ ކީއްވެގެންތޯ. ދެން ނަހުލާ ކިހިނެއް ހަދާނީ؟ އޭނާ ގޮވައިގެން ކެބިނެޓް ވެސް ބާއްވަންވީ ދޯ. ވަކި ކުރަންވީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް