ވެމްކޯގެ މުވައްޒަފަކު ކުނި ނަގަނީ: ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތުން ނަގާ ފީ އަންނަ މަހު 1 އިން ފެށިގެން ކަރަންޓު ބިލުގައި ހިމެނުމަށް ވަނީ ނިންމާފައި. ދައުރު ފޮޓޯ

ވެމްކޯ

ކަރަންޓު މީޓަރުގައި ލިފްޓް/މެއިންޓަނަންސް މީޓަރު ހިމެނޭ ނަމަ އަންގަން ވެމްކޯއިން އެދެފި

ވެމްކޯއިން ބުނިގޮތުގައި ކަނޑައަޅާފައިވާ މުއްދަތުގައި މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެދުކެނޑޭނެ

ގޭބިސީ ކަރަންޓު މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސްް މީޓަރެއް ވާ ނަމަ، 'ޔޫޓިލިޓީ މީޓާ އެކްސްކުްލޫޝަން ފޯމު' ފުރިހަމަކޮށް ހުށަހެޅުމަށް ވެމްކޯއިން އަންގައިފި އެވެ. 

ވީ ކިހިނެއް؟ - ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތުން ނަގާ ފީ އަންނަ މަހު 1 އިން ފެށިގެން ކަރަންޓު ބިލުގައި ހިމެނުމަށް ވަނީ ނިންމާފަ އެވެ. އެއީ އެ ކުންފުނިން މާލެ ސަރަހައްދުގައި ކުނި އުކައިދޭ ހިދުމަތަށް ގިނަ ގޭބިސީތަކުން ފައިސާ ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ވެމްކޯއިން މީގެ ކުރިން ވަނީ އިމާރާތްތަކުގައި ބޭނުން ކުރާ ލިފްޓާއި މެއިންޓަނަންސް މީޓަރުތަކުގެ ބިލު އެ ކުންފުނީގެ ބިލާ ނުގުޅުވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ސްޓެލްކޯގެ ޑޭޓާބޭސްގައި ހިމެނޭ މީޓަރުތަކުގެ ލިސްޓުން ފާހަގަ ނުކުރެވޭ ލިފްޓު އަދި މެއިންޓަނަންސް މީޓަރުތައް ބިލުގައި ހިމެނޭނެ ކަމަށް ބުންޏެވެ.

އެހެންވެ، އެ ކުންފުނިން މިއަދު ވަނީ އެފަދަ، ފާހަގަނުވެ ހުރި މީޓަރުތަކުގެ މައުލޫމާތު ދޭން 'ޔޫޓިލިޓީ މީޓަރު އެކްސްކްލޫޝަން' ފޯމެއް ތައާރަފްކޮޮށްފަ އެވެ. 

ތަފްސީލް - ވެމްކޯއިން ބުނިގޮތުގައި:

  • ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކަށް 'ޕްރައިމަރީ މީޓާ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން' ފޯމެއް ވެސް ވަނީ ތައާރަފްކޮށްފައި

  • މި ދެ ފޯމު ފުރިހަމަކޮށް، ވެމްކޯއަށް ހުށަހެޅުމަށް ވެމްކޯއިން އެދޭ

  • އަދި މި ވަގުތު ވެމްކޯގެ ހިދުމަތް ހޯދާ އެކި މުއައްސަސާތަކާއި ވިޔަފާރިތަކަށް ފޮނުވާފައިވާ 'އިންފޮމޭޝަން އަޕްޑޭޓް ފޯމު' ފުރިހަމަ ކުރަން ވެސް އެދޭ

  • ފޯމުތައް ހުށަހަޅަން ޖެހޭނީ 6 އޭޕްރީލްގެ ކުރިން 

  • ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ

އެ ކުންފުނިން ބުނިގޮތުގައި މި މުއްދަތުގައި މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެދުކެނޑޭނެ އެވެ.

ވެމްކޯއިން ކުރިން ބުނިގޮތުގައި އެ ފޯމުތައް ހުށަހެޅުމުން އެ ކުންފުނިން ފަސް ދުވަހުގެ ތެރޭގައި އެ މީޓަރެއް ދިރާސާކުރުމަށް ފަހު ކުނީގެ ހިދުމަތަށް ބިލުކުރުމުން އުނިކުރާނެ އެވެ.

އެނގުން މުހިންމު - އޭޕްރީލް މަހުން ފެށިގެން ކަރަންޓު ބިލުގައި، ކުނި އުކުމުގެ ފީ ހިމަނަން ފަށާއިރު، ވެމްކޯއިން ހިދުމަތްދޭ ގޮތަށް ވެސް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން:

  • ގޭބިސީތަކުގެ ކުނި އުކައިދޭނީ މިހާރު ވެސް ނަގާ 150ރ. އަށް (މަހަކަށް 150ރ.ގެ ރޭޓުން އަހަރަކަށް ޖެހޭ މިންވަރު 1،800ރ. 365 ދުވަހަށް ބެހުމަށް ފަހު ދުވާލަކަށް 4.9ރ.ގެ ރޭޓުން)

  • ބިލު ކުރާނީ ސްޓެލްކޯއިން ތައްޔާރުކުރާ ކަރަންޓު ބިލުގައިވާ ދުވަހުގެ އަދަދަށް

  • އޭޕްރީލް މަހުން ފެށިގެން ގޭބިސީތަކާއި ކޮމާޝަލް ތަންތަނުގެ ކުނި ނަގާނީ އިމާރާތުގެ ތިރިން؛ ކުނި ނެރެންވީ ގަޑިއަކީ ހަވީރު 5 އާއި ރޭގަނޑު 7އާ ދެމެދު

  • ކޮމާޝަލް ކަލެކްޝަން ހިދުމަތުގެ އަގު ފަށާނީ 972ރ. އިން ފެށިގެން (އެއީ ދުވާލަކު 120 ލީޓަރުގެ ބޭސްލައިން ޕެކޭޖެއް)

  • އެ މިންވަރަށް ވުރެ މަދުން ކުނި އުފެދޭ ތަންތަނަށް، އެއަށް ވުރެ ކުދި ޕެކޭޖުތަކަށް އެދި ހުށަހެޅޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް