ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމައި އެކަމަކު މިހާތަނަށް ވަކި ނުކޮށް ތިބި ތިން އޮފިސަރުން މި ވަގުތު ވަޒީފާގައި ބައިތިއްބަން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި.
ކޯޓުން މައްސަލަ ނިންމަންދެން 3 އޮފިސަރަކު ވަޒީފާގައި ބައިތިއްބަން އަމުރުކޮށްފި
ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ އޮފިސަރުންގެ ތެރެއިން ތިން އޮފިސަރެއްގެ މައްސަލަ ސިވިލް ކޯޓުން ބަލައި ނިމެންދެން، އެ މީހުން ވަޒީފާގައި ބައިތިއްބަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން، ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ފަސް މީހަކު ވަނީ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެއީ:
-
އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
-
އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
-
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
-
ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
-
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
މީގެ އިތުރުން ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދެވެ.
ބައެއް އޮފިސަރުން މި ވަގުތު ވަޒީފާގައި ބައިތިއްބަން ހައި ކޯޓުން މި އަމުރު ކުރީ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ އަމުރު ނުނެރެދިނުމުން، އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުން އަމުރު ނެރުނީ، ޝަރީފާއި ޝަމީމާއި ދާއޫދު، މައްސަލަ ނިމެންދެން ވަޒީފާގައި ބޭތިއްބުމަށެވެ.
އެ އަމުރު ނެރުއްވަމުން ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ މި އޮފިސަރުން މިހާރު ވެސް ތިބީ ފުލުހުންގެ ވަޒީފާގައި ކަމަށާއި މައްސަލަ ނިމުމުގެ ކުރިން އެ މީހުން ވަޒީފާއިން ވަކިކޮށްފި ނަމަ ބޮޑެތި ގެއްލުންތަކެއް އެ މީހުންނަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ މީހުންނާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، އެ ވަޒީފާ އިއާދަކުރުމުގައި އެއްފަހަރާ ބަދަލު ދޭން ޖެހި ދައުލަތަށް ވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.
ހައި ކޯޓަށް މައްސަލަ ހުށަހެޅި އޮފިސަރުންގެ ތެރެއިން އަހުމަދު މުހައްމަދާއި ޖަމްޝީދަކީ، މައްސަލަ ހުށަހެޅުމުގެ ކުރިން ވެސް ވަޒީފާއިން ވަކިކޮށްފައިވާ ބަޔަކަށް ވާތީ، ހައި ކޯޓުގެ އަމުރެއް ނެރުނަސް އެ މީހުންނަށް އަންނާނެ ބަދަލެއް ނެތް ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެނގުން މުހިންމު - ފުލުހުންގެ ހިދުމަތުގައި މިހާ ގިނަ ދުވަސްވީ އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ކޮމިޝަނަރަށް ލަފާދިން ސީދާ ސަބަބުތަކެއް މިހާތަނަށް އެ ބޯޑުން ވެސް އަދި ފުލުހުންގެ އިދާރާއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވާގޮތުން:
-
ޕޮލިސް ބޯޑުން ބަލާނީ ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ އޮފިސަރުންގެ ކަންކަން
-
އެ އޮފިސަރުންގެ މައްސަލަތައް ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސް ތެރޭ ބަލަން ޖެހޭ
-
ފުލުހަކަށް ވީތީ ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބޯޑުން ބަލާނެ
-
ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބަލާނެ