ހިޔާ ފްލެޓްތަކުން ކަރަންޓް ދިޔުމުން މައްޗަށް ނޭރި މީހުން ލިފްޓް ކައިރީ ކިޔޫ ހަދާފައި: ހިޔާ ފްލެޓްތަކުން ހަތަރު ގަޑިއިރަށް ކަރަންޓް ދިޔަ ދައުރު ފޮޓޯ/ކިޔުންތެރިއެއް)

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓަށް 4 ގަޑިއިރު ފަހުން ކަރަންޓް؛ މީހުން ބުނީ ބޮޑު ވަރުކަމަށް

ހިޔާގެ ވަރަށް ގިނަ ފްލެޓްތަކުން ކަރަންޓް ދިޔައީ މިއަދު ހަވީރު 5:30 އެހާއިރު؛ ކަރަންޓް ލިބުނީ މިރޭ 9:30 އެހާއިރު

ރޯދަ ވީއްލާ ވަގުތު ވަރަށް ކައިރިވެފައި ވަނިކޮށް ހިޔާ ފްލެޓްތަކުގެ ބޮޑު ބަޔަކުން މިއަދު ކުއްލިއަކަށް ކަރަންޓް ކެނޑުނެވެ. އޭރު އެއީ ހަވީރު 5:30 އެހާއިރެވެ. ރޯދަ ފިންޏަށް ބޭރަށް ދިޔަ އެތައް ބަޔަކަށް ރޯދަ ވީއްލަން އެ މީހުންގެ ފްލެޓްތަކަށް މައްޗަށް ނޭރި ލިފްޓް ކައިރީ ތާށިވި އެވެ. އަދި އަނެއް ބައި މީހުންނަށް ރޯދަ ވީއްލަން ތަކެތި ތައްޔާރުކޮށް ނިންމާލެވޭ ގޮތެއް ވެސް ނުވި އެވެ. ގިނަ ބަޔަކު ރޯދަ ވީއްލަން ޖެހުނީ ކަނު އަނދިރީގައި އެކަހަލަ މިކަހަލަ ގޮތަކަށެވެ. 

"ކަނު އަނދިރީގައި، ހޫނުގައި ވީމާ ކުޑަ ދަރިފުޅުވެސް ހުއްޓާ ނުލި އެހާ ގިނައިރުވީމައި. ހަމަ ރޮނީ. އަޅުގަނޑުގެ މައްސަލައަކީ ކަރަންޓް ކެނޑުމެއް ނޫން. މިހާ ގިނައިރު ވީމާ. ހަވީރު ދިޔަ ކަރަންޓް އެ ދެވުނީ ގޮސް ރޭގަނޑު ދެބައިވާން އުޅެނިކޮށް،" ހިޔާ ޓަވަރު، އެޗް-6ގެ 22 ވަނަ ބުރީގައި ދިރިއުޅޭ މީހަކު އޭނާއަށް ދިމާވި ދަތިތައް ކަޔައިދެމުން ބުންޏެވެ.

"މިއީ އައްޑޫ ވަރު އާބާދީއެއް އޮތް ތަނެއް. މިވަރުގެ ތަނަކަށް ދޭން ޖެހޭ އަހަންމިއްޔަތު ނުދެވޭތީ މިވަރު މިވަނީ. މިހާ ގިނައިރު ވާނީ އެހެންވެޔާ އަޅުގަނޑު ބުނާނީ. އަޅުގަނޑު ބުނާނީ މިއީ ހަމަ ބޮޑުވަރޭ."

ހުޅުމާލޭގައި ހިޔާފްލެޓް ސަރަހައްދު: މިތަނުގެ ކަރަންޓް ނެޓްވޯގެ އަޅާފައިވާ ގޮތާ މެދު ސްޓެލްކޯގެ ކަންބޮޑުވުންތައް ބޮޑު (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

ސްޓެލްކޯއިން ބުނި ގޮތުގައި ހިޔާގެ 16 ޓަވަރުގެ ތެރެއިން ކަރަންޓް ކެނޑުނީ 1 އިން 8 ވަނަ ޓަވަރަށެވެ. ކަރަންޓް ކެނޑެން ދިމާވި ސަބަބަކީ ހިޔާ ޓަވަރު-1 އަށް ކަރަންޓް ދޭން ހުރި ޓްރާންސްފޯމަރުގެ ފިޔުޒު ސޯޓްވެ އެނދުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިއީ އައްޑޫ ވަރު އާބާދީއެއް އޮތް ތަނެއް. މިވަރުގެ ތަނަކަށް ދޭން ޖެހޭ އަހަންމިއްޔަތު ނުދެވޭތީ މިވަރު މިވަނީ. މިހާ ގިނައިރު ވާނީ އެހެންވެޔާ އަޅުގަނޑު ބުނާނީ. އަޅުގަނޑު ބުނާނީ މިއީ ހަމަ ބޮޑުވަރޭ

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހެއް

'މައްސަލައަކީ ހިޔާގެ ކަރަންޓް ނެޓްވޯކް އަޅާފައިވާ ގޮތް'

ކަރަންޓް ނުދެވި ލަސްވި ސަބަބު ތަފްސީލްކޮށްދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް އަނބުރާ ދޭން އެހާ ގިނައިރު ނެގީ ހިޔާ ޓަވަރުތަކުގައި ކަރަންޓް ނެޓްވޯކް އަޅާފައި ހުރި ގޮތުން ކަމަށެވެ. ހިޔާ ޓަވަރު 1 އިން 8 އަށް ކަރަންޓް ދެނީ އެއް ކޭބަލް މެދުވެރިކޮށް ކަމުން އެއް ޓަވަރުން ކަރަންޓް ދިޔަ ނަމަވެސް އެ ހުރިހާ ޓަވަރަކުން ކަރަންޓް ދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެތަނުގައި ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރާއި އެހެން ވެސް ކަރަންޓް ނެޓްވޯކްގެ އާލާތްތަކަކީ ސްޓެލްކޯއިން ބަހައްޓާފައިވާ ތަކެއްޗަށް ނުވުމުން، އޭގެ އެއްޗެއް ހަލާކުވިޔަސް ސްޓެލްކޯއިން ޖެހެނީ އެ ކުންފުނީގެ ތަކެތި އެތަނަށް ގެންގޮސްގެން މައްސަލަ ހައްލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓަވަރު 1-8 އަށް ކަރަންޓް ދޭން މި އިންނަނީ އެއް ކޭބަލް ލޫޕްކޮށްފައި. އެހާ އިންކޮމްޕްލީޓްކޮށް އެތަނުގެ ނެޓްވޯކް މިހުރީ. މިރޭވެސް ކަރަންޓް ދޭން މިޖެހުނީ ސްޓެލްކޯއިން ވަގުތީ ބޯޑެއް އެތަނަށް ގެންގޮސްގެން. މި ނެޓްވޯކްގެ މައްސަލަތައް ބޮޑުވީމާ ގިނަ ވަގުތު މައްސަލަ ހައްލުކުރަން މި ނަގަނީ،" އޮފިޝަލް ވިދާޅުވި އެވެ.

 ހިޔާ ފްލެޓެއްގައި ދިރިއުޅޭ ބަޔަކު އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހިޔާ ޓަވަރުތަކުން ކަރަންޓް ދާ ހާލަތުގައި ވެސް، ވަގުތީ ގޮތުން ކަރަންޓް ދެވޭނޭ ބެކަޕް ނިޒާމެއް ވެސް، 30،000 އެއްހާ މީހުން ދިރިއުޅޭ އެ ސަރަހައްދުގައި އަދި ގާއިމްކޮށްފައެއް ނުވެ އެވެ. 

ޓަވަރު 1-8 އަށް ކަރަންޓް ދޭން މި އިންނަނީ އެއް ކޭބަލް ލޫޕްކޮށްފައި. އެހާ އިންކޮމްޕްލީޓްކޮށް އެތަނުގެ ނެޓްވޯކް މިހުރީ... މި ނެޓްވޯކްގެ މައްސަލަތައް ބޮޑުވީމާ ގިނަ ވަގުތު މައްސަލަ ހައްލުކުރަން މި ނަގަނީ

ސްޓެލްކޯގެ އޮފިޝަލެއްް

ހިޔާ ޓަވަރުތަކަށް ކަރަންޓް ލިބުނީ މިރޭ ގާތްގަނޑަކަށް 9:30 އެހާއިރު އެވެ. 

ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި ގޮތުގައި ހިޔާ ޓަވަރުތަކުން ކަރަންޓް ގޮސް ގިނައިރުވާ މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާ ނަމަ، އެތަނުގެ ކަރަންޓް ނެޓްވޯކަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. 

އެކަމަކު އަދި އެކަން އޮތީ ނުކުރެވި އެވެ. ކޭބަލެއް ބުރިވެގެން ވެސް މުޅި ހިޔާގެ ހުރިހާ ފްލެޓްތަކުން މިދިޔަ އަހަރު ވެސް ކަރަންޓް ކެނޑި އެތައް ގަނޑިއިރުތަކެއްވި އެވެ. 

ކޮމެންޓް (2)

ކ މޫސަ

28 މާރިޗު 2023
ދޮންކޭލޭ ފަޅޮލޭނުކިޔަބަލަ. ކަރަންޓްބިލޭކިއައިގެން މީހުން ފެލާފަ، އެފައިސާއިން ފުލެޓް ބަހާފަ ކުދިންބަލާނެ ނޯކިރީން ސްޓެލްކޯ މެނޭޱްމަންޓުން ހަމަޖައް ސައެއްނު. ލަދުހަޔާތުގެ ކަންފުޅެއް ނެތީމަވާނީ ތިހެން.
0 0

ޖަރިމާގެ އައްޕަ އސޝރފ

28 މާރިޗު 2023
މިހާރު ޔަގީން ވެއްޖެ ޖެއްސި ޖަރީމާއެއްކަން. ޔާމީންގެ ފޯލްޓް ދެއްކޯތޯ ހިންގާލި މޮޅު ސްޓަންޓެއް ،ނެޓްވޯރކޭ އެއްޗެކޭ މީއްޗެކޭ ކިޔާނެ ކަމެއް ނެތް ، ކަރަންޓް ދުއްވާލީ ގަސަތުގައި ، އެހެން ބުނަން މިޖެހުނީ ހުރިހާ ޓަވަރެއްގެ ގުރައުންޑު ފުލޯރތަކުގައި ހުރި ކަރަންޓް. ޙުރިހާ ފުލޯރއެއްގެ ވޯރކުވޭ ހުރި ކަރަންޓް. ހަމައެކަނި މީހުން ދިރިއުޅޭ އެޕާރޓްމަންޓު ތަކުގެ ފިއުޒު އެކަނިތަ އެނދީ.. މީ ކެންޕެއިންގެ ވައްތަރެއް ދިވެހިން ސަމާލުވެ ތިބޭތި..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް