ނަޝީދު މިއަދު މަޖިލީހުގެ އިދިިކޮޅު މެންބަރުންނާ ބައްދަލު ކުރައްވަނީ (ފޮޓޯ/މަޖިލިސް)
ބަރުލަމާނީ މަޝްވަރާއަށް އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންނާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ އިދާރާގައި ނަޝީދު ބައްދަލު ކުރެއްވީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންއާ އެވެ.
ނަޝީދުގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އެމްޑީޕީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟ - އާދަމް ޝަރީފް 'ދައުރު'އަށް ވިދާޅުވި ގޮތުގައި ނަޝީދު ބައްދަލު ކުރެއްވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައުމާ ގުޅޭ ގޮތުން އިދިކޮޅާ މަޝްވަރާކޮށް އިދިކޮޅުގެ ތާއީދާ އެކު އެ މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވުމަށެވެ. އެހެން ނަމަވެސް އެފަދަ މަޝްވަރާއެއް ކުރެވޭނީ ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް ނަޝީދަށް ދެންނެވި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ރައީސް ޔާމީނާ ނުލާ އެފަދަ އެއްވެސް މަޝްވަރާއަކަށް ނުވަތަ މީޓިންއަކަށް ނުދާނެ ކަމަށް އަޅުގަނޑުމެން ދެންނެވިން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަޝީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދާއިރާ އަދި އޭނާގެ އުފަން ރަށް އދ. މާމިގިއްޔަށް ވަޑައިގެން ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ގާސިމްއާ އެކު ވެސް ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.