ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި މޮޑެލް ކައިޒީން (ފޮޓޯ/ކައިޒީން އެފްބީ)

ކައިޒީން

ކައިޒީން ބޯޓުގެ މައްސަލައިގައި އެންމެ ފަހުން ބައްޕަ ގޮވައިގެން ހައި ކޯޓަށް

ކައިޒީން ހައި ކޯޓަށް ދިޔައީ ނާލު ބޯޓުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރާ މެދު ހިތްހަމަނުޖެހިގެން
26 މާރިޗު 2023
1

ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައަށް ހަދިޔާއަކަށް ގަނެދިން ނާލު ބޯޓެއްގެ މައްސަލައިގައި ސިވިލް ކޯޓުން ހޯދަން އެދުނު އަމުރު ނެރެނުދިނުމުން، އެ އަމުރު އިސްތިއުނާފު ކުރުމަށް ކައިޒީންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - މިިދިޔަ އަހަރުގެ ފަހުކޮޅު ކައިޒީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅު ބޯޓެއް ގަންނަން ބޭނުންވުމުން ލޯނެއް ނަގައިގެން 3.6 މިލިއަން ރުފިޔާއަށް ބައްޕައަށް ގަނެދިން ކަމަށް ބުނާ އެ ބޯޓު، އޭނާގެ ރުހުން ހޯދުމަކާ ނުލާ އިބްރާހިމް އަލިފުޅުގެ އަމިއްލަ ނަން މައްޗަށް ބޯޓު ބަދަލުކޮށްފައިވާތީ އެކަމާ ދެކޮޅު ހެދުމަށެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ކައިޒީން އެދުނީ އޭނާގެ ނަމުގެ މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކުރުމާ އެކީ، ވަކި ގޮތަކަށް މައްސަލަ ނިމެންދެން އޭނާގެ ރުހުން ނެތި ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރަން ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް، މިދިޔަ މަހު ސިވިލް ކޯޓުން ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ތަފްސީލު - ކައިޒީން މިއަދު ވަނީ ބައްޕައާ ދެކޮޅަށް، ސިވިލް ކޯޓުގެ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ކައިޒީންގެ ބައްޕަ ސިވިލް ކޯޓުގައި ބުނެފައި ވަނީ:

  • އޭނާ އެ ބޯޓު ގަތީ ކައިޒީން ބުނާ ގޮތަށް އޭނާގެ އެޖެންޓެއްގެ ގޮތުގައި ނޫން ކަމަށް؛ އެކަން ސާބިތުވަނީ ބޯޓު ގަތުމުގެ އެއްބަސްވުމުގައި އޭނާގެ ނަން އޮންނާތީ ކަމަށް

  • އެ ބޯޓާ ގުޅޭ އެއްވެސް މުއާމަލާތަކާ ގުޅިގެން ކައިޒީންއަށް ހިމާޔަތް ލިބެން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ވަގުތީ އަމުރަށް އޭނާ އިންކާރުކުރި

ކައިޒީން އާއި އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅު (ފޮޓޯ/ސޯޝަލް މީޑިއާ)

ސިވިލް ކޯޓުން ވަނީ އޭގެ ކުރިން ކައިޒީން ކޮޅަށް ބުރަވެ، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

ނަމަވެސް، އޭގެ ފަހުން މިދިޔަ މަހުގެ 12ގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނީ:

  • މުދަލުގެ މިލްކުވެރިކަން ބަދަލުވާ ފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ކުރިން ނެރެފައިވުމާ އެކު، ނެރެދިނުމަށް އެދިފައިވާ ކޯޓު އަމުރުގައިވާ ކަންކަމަކީ ދައުވާގެ މައުލޫއާ މެދު ގޮތެއް ނިންމާއިރު ކަނޑައަޅާނެ ކަންކަން ކަމަށް ވާތީ އެ އަމުރު ނެރެދޭން ޖެހޭ ތަނެއް މި ވަގުތަށް ނެތް ކަމަށް

ކޮމެންޓް (1)

ހަސަންދީ

27 މާރިޗު 2023
އެންމެ ފުރަތަމަ ކައިޒީނަށް ނާލު ބޯޓެއް ގަނެވުނީ ކިހިނެތްތޯ ބަލާބަލަ؟ ނުހައްގު މުއްސަނދިކަމަކީ ކުށެއްކަމަށް ކަނޑައެޅިވާހަކަ ނޫހުން ދެކުނިން.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް