ކައިޒީން އޭނާގެ އުފަންދުވަހު އާންމުކޮށްފައިވާ ފޮޓޯއެއް. (ފޮޓޯ/އިންސްޓަގްރާމް/ކައިޒީން)

ސިވިލް ކޯޓު

ބޯޓުގެ މައްސަލައިގައި ކައިޒީނަށް މިފަހަރު ބައްޕައާ ދެކޮޅަށް ކޯޓު އަމުރެއް ނުލިބުނު

ކައިޒީން ދައުވާ ކުރަނީ ބައްޕައަށް ހަދިޔާއަކަށް ގަނެދިން ބޯޓެއް އޭނާގެ ނުރުހުމުގައި ބައްޕަގެ ނަންމަތީގައި ރެޖިސްޓްރީ ކުރުމުން، ކައިޒީންގެ ނަމަށް އެ ބޯޓު ބަދަލުކުރަން
12 ފެބްރުއަރީ 2023

ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާގައި، ކައިޒީން އެދުނު ގޮތަށް މި ވަގުތު އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ފަސްމަންޒަރު - ކައިޒީން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅު ބޯޓެއް ގަންނަން ބޭނުންވުމުން ލޯނެއް ނަގައިގެން 3.6 މިލިއަން ރުފިޔާ ދިން ކަމަށެވެ. އޭގެ ފަހުން ކައިޒީންގެ ބައްޕަ ވަނީ ކައިޒީންގެ ރުހުން ހޯދުމަކާ ނުލާ ބޯޓު އޭނާގެ އަމިއްލަ ނަން މައްޗަށް ބަދަލުކޮށްފައި ކަމަށެވެ.

އެ މައްސަލައިގައި ކައިޒީން އެދުނީ އޭނާގެ ނަމުގެ މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކުރުމާ އެކީ، ވަކި ގޮތަކަށް މައްސަލަ ނިމެންދެން އޭނާގެ ރުހުން ނެތި ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރަން ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެ ތުހުމަތުތަކަށް ރައްދު ދެމުން ކައިޒީންގެ ބައްޕަ ކޯޓުގައި ބުނީ، އޭނާ އެ ބޯޓު ގަތީ ކައިޒީން ބުނާ ގޮތަކަށް އޭނާގެ އެޖެންޓެއްގެ ގޮތުގައި ނޫން ކަމަށެވެ. އެކަން ސާބިތުވަނީ ބޯޓު ގަތުމުގެ އެއްބަސްވުމުގައި އޭނާގެ ނަން އޮންނާތީ ކަމަށް އޭނާ ކޯޓުގައި ފާހަގަކުރި އެވެ. އަދި އެ ބޯޓާ ގުޅޭ އެއްވެސް މުއާމަލާތަކާ ގުޅިގެން ކައިޒީންއަށް ހިމާޔަތް ލިބެން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ވަގުތީ އަމުރަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

ކައިޒީން އާއި އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅު (ފޮޓޯ/ސޯޝަލް މީޑިއާ)

އޭރު ކޯޓުން ވަނީ ކައިޒީން ކޮޅަށް ބުރަވެ، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެމައްސަލައާ ގުޅިގެން ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ކުރިން ނެރެފައިވުމާ އެކު، މިހާރު ނެރެދިނުމަށް އެދިފައިވާ ކޯޓު އަމުރުގައިވާ ކަންކަމަކީ އެ ދައުވާގެ މައުލޫއުއާ މެދު ގޮތެއް ނިންމާއިރު ކަނޑައަޅާނެ ކަންކަން ކަމަށްވާތީ އެ އަމުރު ނެރެދޭންޖެހޭ ތަނެއް މިވަގުތަށް ނެތް ކަމަށެވެ.

އެނގުން މުހިއްމު - ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރުގައި އެ ބޯޓު ގަންނަން ފައިސާ ދިނީ ކައިޒީން ކަމާ މެދު ބަހުސެއް ނެތް އިރު، ބޯޓުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުން ހައްލު ނުވަނީސް ބޯޓާ ގުޅޭ މުއާމަލާތެއް ހިނގައިފި ނަމަ އޭނާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމުގައި ދެކިގެން ކަމަށް ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް