
އަމީނިއްޔާ ސްކޫލުގައި ދަރިވަރުންތަކެއް ކްލާހަށް ވަންނަނީ. އެ ސްކޫލުގެ ކޮންސެޓާ މެދު ބައެއް މީހުން ދަނީ ނުރުހުން ފާޅުކުރަމުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އަމީނިއްޔާ ކޮންސެޓުން ފެނުނު ބިރުވެރި ޕްލޭގެ ދެ ފަރާތް
މިއަދު ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯ އެކެވެ.
އަމީނިއްޔާ ސްކޫލުގައި މިހާރު ކުރިއަށްދާ ދަރިވަރުންގެ ކޮންސެޓެވެ. ފެންނަނީ ސްޓޭޖް މަތީގައި ދެ ދަރިވަރަކު، ވާގަނޑަކުން ތިން ހަތަރު ފޫޓު މައްޗަށް ނަގާފައި ހުރި ތަނެވެ. ލައިގެން ހުރި ހެދުމާއި އެ ކުދިން ތިބިގޮތާއި އަދި ކޮށްފައި ހުރި މޭކަޕުން ސިފަ ވަނީ ވަރަށް ބިރުވެރި މަންޒަރެކެވެ.
އެ ފޮޓޯ އާއްމު ކުރީ ކޮންސެޓްގެ އެ މަންޒަރު ފެނިގެން ގިނަ ދަރިވަރުން ރޮއެ، ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ބުނެ އެވެ.
މި ފޮޓޯ އާއްމު ވުމާއެކު ގިނަ ބަޔަކު ދަނީ އެއަށް ފާޑު ކިޔަމުންނެވެ. އެ މީހުންގެ ނަޒަރުގައި މިއީ ދަރިވަރުންނާ ނުގުޅޭ އަނިޔާވެރި މަންޒަރެކެވެ. އެ ފަދަ ބިރުވެރި މަންޒަރެއް ކުޅުވިޔަ ދީގެން އަދި ކުޅޭތަން ވެސް ބަލައިގެން ނުވާނެ އެވެ.
'ސުބުހާނަﷲ. މިއީ ކޯއްޗެއް ދަސްކޮށްދެން ކުރުވާ ކަމެއް." އެ ފޮޓޯއަށް ފާޑުކިޔަމުން، ފޭސްބުކްގައި މީހަކު ލިޔުނެވެ.
"މިއީ އަހަރުމެން މުސްލިމުން ދަރިންނަށް ދަސްކޮށްދީގެން ވާނެ ކަންކަމެއް ނޫން. މިއީ އެ ކުދިން ފަހުން ވެސް ވަރަށް ބިރުގަންނާނެ މަންޒަރެއް،" އެހެން މީހަކު ބުންޏެވެ.
އެއަށް ފާޑުކީ މީހުން ބުނިގޮތުގައި، ބިރުވެރި މަންޒަރެއް ދައްކުވައިދޭން، ސިފަކުރުންގަނޑު މިއަށް ވުރެ ކުޑަކުރެވިދާނެ އެވެ. އެ މީހުން ދެކޭގޮތުގައި މިހާ ބިރުވެރިކޮށް އެ މަންޒަރުތައް ގެނެސްދިނުން، ކުޑަކުދިންނަކާ ނުގުޅެ އެވެ.
މި މަންޒަރު ފެންނަ ކޮންސެޓްގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި އެވެ. އެއިން ފެންނަނީ ފުރަގަހުން ހެދުމުގައި ވާ އައްސާފައިވާ ދެ ކުދިން، ވާގަނޑަކުން މައްޗަށް ނަގައި ތިރި ކުރާތަނެވެ. އަދި ސްޓޭޖްމަތީގައި އެހެން ކުދިން ނަށަން ތިބޭތަން ވެސް ފެނެ އެވެ.
އެ ވީޑިއޯ އަށް މީހުން ކޮމެންޓު ކުރީ، ދަރިވަރުންގެ ހުނަރުވެރިކަމަށް ތައުރީފްކޮށްފަ އެވެ. އަދި ބިރުވެރި މަންޒަރުތަކުގައި އެހާ ގޮތްގަނޑު ބޮޑު ނޫން ކަމަށް ބުނެ އެ މީހުން އެކަން ދިފާއު ކުރެ އެވެ.
މި މަންޒަރުތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރުއަށް ގުޅާލުމުން، އޭނާ އޮއްސަވާލެއްވީ ޝަކުވާތަކެވެ.
"ކޮން ކުދިންނެއްތޯ ރުއީ. އަޅުގަނޑު ކޮންމެ ދުވަހަކު، ފެށުނީއްސުރެ ނިމެންދެން އެތަނުގައި ހުންނަން. ކުދިން ރޯ އަޑެއް ނާހަން،" ނާޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އެ ސްކޫލުގެ ގްރޭޑް 1-5 ދަރިވަރުން ހުށަހަޅައިދިން ކޮންސެޓެކެވެ. އަމާޒަކީ ވާހަކައެއްގެ ތެރެއިން ދަރިވަރުން އެހެން 'ދުނިޔެ'އަކަށް ގެންގޮސްދީ، ތަފާތު އިހުސާސްތައް ދައްކާލުމެވެ. އުފަލާއި ހިތާމަ އާއި މަޖަލާއި ޖާދޫ، އަދި އިބުރަތްތެރި ކަންކަން މި ދުނިޔޭގެ ތެރެއިން ކުދިންނަށް ފެނެ އެވެ.
ދަރިވަރުން ހުށަހަޅައިދޭ މި ޑްްރާމާގެ މައި ކެރެކްޓާ އަކީ ރޮބަޓެކެވެ. އެކި ފިލާވަޅުތައް ދަސްވާނެ ގޮތަކަށް، އެ ރޮބަޓް ދަރިވަރުން އެކި ދިމާއަށް ގެންދެ އެވެ. ސުނާމީގެ މަންޒަރުތައް ވެސް ދައްކާލަ އެވެ. ކޮންމެ އައިޓަމެއް ވެސް ހުށަހަޅައިދެނީ އެކި ހުނަރުތައް ބޭނުންކޮށްގެން ދަރިވަރުންނެވެ.
"މި ބިރުވެރި މަންޒަރަކީ ރޮބަޓް ގެންދާ ލެބޯޓަރީއަކުން ނުބައި ކެމިކަލެއް ލީކުވެ، ދިމާވާ ކަންތައްގަނޑެއް. އެއިން ދައްކައިދޭން ބޭނުންވި އިހުސާސަކީ ހޮރޯ [ބިރު]،" ނާޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އައިޓަމުން ބިރުވެރި އިހުސާސެއް ކުރެވުނު ނަމަ، އެއީ ދަރިވަރުންގެ ހުނަރުވެރިކަން ކަމަށެވެ. އެކަމަކު ކުދިން ބިރުން ރޮއެ، ހަޅޭއްލަވާ ނުހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް އެކްސައިޓެޑް ވެގެން ކުދިން އުޅުނީ. އެހެން ތަންކޮޅެއް ނޫނީ ފޮޓޯއެއް ބަލާލައިގެން އަދި އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖެއް މީހުންނަކަށް ނޭނގޭނެ ދެއްތޯ،" ނާޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ދަރިވަރުން ވަރަށް ޝައުގުވެރިވެ، ގަޔާވެގެން ދައްކައިދިން ހުށަހެޅުންތަކެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ގިނަ ކުދިންތަކެއް އެކަމުގައި ބައިވެރިވިކަން ޕްރިންސިޕަލް ފާހަގަ ކުރެއްވި އެވެ.
އެކަމަކު މި އައިޓަމާ މެދު ހިޔާލުވަނީ ދެބައި ވެފަ އެވެ.
ކޮމެންޓް (22)
އަލީ
ކާކުބާ
އެލީޓުން
ފިރާ
ޖާޒުބީ
ޓިނު
ޙހހބބބ
މަކްތަބު
ދީނަކީއިސްލާމްދީން
ހޮރޯ
ހޮރޯ
ސަަކަރާތް
އަމަން
ޙަހަ
ޝިޔު
ދެރަ
ޖސޖސޖސޖ
ެެައަންތަރީސް
މަހޭ
ބޮޑު އެދުރު
އިފާޒަތު ކޮމެންޓު ނުނިމި އޮތްްބައި
އިފާޒަތު