ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)
ބަރުލަމާނީ ނިޒާމު ގެންނަން ރައީސާއި ނަޝީދު ފުރަތަމަ ފަހަރަށް މަޝްވަރާކުރައްވައިފި
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ބަރުލަމާނީ ނިޒާމު ގެނައުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ރަސްމީކޮށް މިއަދު މަޝްވަރާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މި މަޝްވަރާތައް ކުރައްވާފައި ވަނީ، ރައީސް އޮފީހުގައި ދެ ބޭފުޅުން މިއަދު ހެނދުނު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - ނަޝީދަށް އަމާޒުކޮށް މޭ 6ގައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ބޭސްފަރުވާއަށް ފަސް މަސްދުވަސް ވަންދެން ބޭރުގައި ހުންނެވުމަށް ފަހު މި މަހުގެ 11ގައި ރާއްޖެ ވަޑައިގެންނެވި ދުވަހު އެއާޕޯޓުން ބައްދަލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ދެ ބޭފުޅުން ރަސްމީކޮށް ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ގޮތުގައި ރައީސް އޮފީހުން ފާހަގަކުރީ:
-
1-
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުން
-
2-
ރާއްޖޭގެ އިގްތިސާދީ ހާލަތު
-
3-
ތިމާވެއްޓަށް އަންނަ ބަދަލުތައް
-
4-
ތިމާވެށި ހިމާޔަތްކުރުން
ބުނީ ކީކޭ؟ - މިއަދު ކުރި މަޝްވަރާތަކުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވެސް ވިދާޅުވީ އެ މަޝްވަރާތަކާ ގުޅޭ އިތުރު މައުލޫމާތު ހާމަަކުރެވެން ނެތް ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު ވެސް މިއަދުގެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ. އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ހަަމައެކަނި ވިދާޅުވީ ރައީސް ސޯލިހާ ބައްދަލުވެވަޑައިގަތް ކަމަށެވެ.
"ޝުކުރިއްޔާ ރައީސް. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް،" ރައީސް ސޯލިހާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައްވާފައިވާ ކަމަށް ކުރިން ވިދާޅުވުމަށް ފަހު މިހާރު އެ ވިސްނުން ބަދަލުކުރައްވާފައިވާ ކަމުގެ އިޝާރާތްތަކެއް ދެއްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ބޭހަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސް ސޯލިހުގެ މަޝްވަރާއާ އެކު ކުރައްވާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (2)
ހަންބެ
ފިކުރު