ކްރިމިނަލް ކޯޓު ކުރިމަތީ ފުލުހުން ހަރަކާތްތެރި ވަނީ: 7.7 މިލިއަން ރުފިޔާގެ ޑްރަގު މައްސަލައެއްގައި ތުހުމަތުވާ މީހަކު ކޯޓުން ވަނީ ދޫކޮށްލާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

7.7 މިލިއަން ރުފިޔާގެ ޑްރަގުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ކޯޓުން ދޫކޮށްލައިފި

އޭނާ ބަންދުން ދޫކޮށްލަން ނިންމި އިރު، ދައުވާ ކުރަން ބޭނުންވާ ވަރަށް ހެކި ހުރިކަން ކޯޓު އަމުރުން އެނގޭ

ވައިގެ މަގުން ރާއްޖެ އެތެރެކުރި 7 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވަތާކެއްޗާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނަ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ މިނިވަންކޮށްފި އެވެ.

ވީ ކިހިނެއް؟ - މިިދިޔަ ޑިސެމްބަރު 24ގައި ބްރެޒިލް އިން ރާއްޖެ އައި 59 އަހަރުގެ ސްވިޒަލެންޑްގެ ރައްޔިތެއްގެ ލަޖެޖުން ފެނުނު 2 ކިލޯއަށް ވުރެ ގިނަ މަސްތިވާތަކެތީގެ މައްސަލައިގައި ދެ ދިވެއްސަކު ފުލުހުން އޭރު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން މިނިވަން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ތަފްސީލު - ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހް ނެރުއްވި އަމުރުން އެނގޭ ގޮތުގައި، އުމުރުން 32 އަހަރުގެ އެ ދިވެހި ފިރިހެން މީހާގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ވަނީ ހެކި ލިބިފަ އެވެ. ނަމަވެސް، މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށާއި އޭނާ ސީނަށް ދާން ޖެހުނު ހާލަތާއި ސަބަބަށް ބަލާއިރު، ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ބަންދުން ދޫކޮށްލުމަށް އަމުރު ކުރި ސަބަބެއްގެ ގޮތުގައި އޮތީ:

  • އޭނާގެ ބަންދާ މެދު މީގެ ކުރިން ގޮތެއް ނިންމިއިރު، ލިބިފައި ނުވާ ލިޔެކިޔުންތަކެއް ބަންދު މުރާޖައާ އަޑުއެހުމަށް ލިބިފައިވާތީ

  • މި މައްސަލައިގައި ތަހުގީގު ނިންމައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވާއިރު، ޓްރެފިކިން އަމަލުގައި އޭނާ ބައިވެރިވުމުގެ ގޮތުން އެއްވެސް މުވާސަލާތެއް އަދި މުއާމަލާތެއް ހިންގާފައިވާކަން އެނގެން ނެތުން

  • ޑްރަގު އެތެރެކުރި ސްވިޒަލެންޑް މިހާ ހުރި ތަނަށް އޭނާ ދާން ޖެހުނު ސަބަބާއި އޭނާ އެ ތަނަށް ގޮސް ބިދޭސީ މީހާއާ މުއާމަލާތްކުރަން ޖެހުނު ސަބަބު އޭނާގެ ބަޔާނުން ސާފުވޭ

  • އެ ބަޔާނަށް މި މައްސަލައިގައި ދެން ހިމެނޭ ދިވެހި މީހާގެ ބަޔާނުން ބާރު ލިބިދޭ

  • ސްވިޒަލެންޑްގެ މީހާ އާއި 32 އަހަރުގެ ދިވެހި މީހާ ވާހަކަދެއްކީ އެ ބިދޭސީ މީހާއަށް ކޮޓަރީގެ ފުލް ޕޭމަންޓް ހަމަޖެހިފައި ނުވާތީ ކަމަށް ތަހުގީގަށް އެނގިފައިވޭ

އެހެންކަމުން، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާއާ ހަވާލާދީ، ދެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ގާޒީ މިސްބާހު ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

އަމުރުގައި ހަވާލާ ދިން މާއްދާގައި ބަޔާންކޮށްފައިވަނީ، ބަންދާ މެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭ ކަންކަމެވެ. ދެ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ އިތުރުން ފަނޑިޔާރު ބަލަން ޖެހެނީ:

  • ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނާއި ކުށް ކޮށްފައިވާ ހާލަތާއި ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭކަން

  • އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން

  • އޭނާގެ ކުށުގެ ރެކޯޑް

  • ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތަނުގައި އަމަލުކުރި ގޮތް

ބްރެޒިލް އިން މީގެ ކުރިން ރާއްޖެ އެތެރެކުރަން ގިނަ އަދަދެއްގެ ކޮކައިން

އެނގުން މުހިންމު - ސްވިޒަލެންޑް މިހާގެ ލަޖެޖުން ފެނުނީ 2 ކިލޯއަށް ވުރެ ގިނަ ކޮކައިން އެވެ. އޭޏާގެ ލަޖެޖުން އެ ތަކެތި ފެނުނީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ލަގެޖް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން އޭރު ބުނެފައިވެ އެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 7.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް