ރައީސް ސޯލިހާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ގާސިމް ރައީސް އޮފީހުން ނިކުމެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ސޮވެރިން ގެރެންޓީއަކަށް ނޭދެން؛ ނުވެސް އެދޭނަން: ގާސިމް

ގާސިމް ވިދާޅުވީ ބަދަލުގެ ގޮތުގައި ސަރުކާރުން އޭނާއަށް ލިބިފައިވަނީ، ޝަރުއީ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު އެއީ އޭނާއަށް ލިބެން ޖެހޭ އެއްޗެއް ކަމަށް ހުރިހާ ކޯޓަކުން ނިންމާފައިވާ އެއްޗެއް އެކަނި ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ފަހަރަށް ތާއީދުކުރެއްވުމަށް، މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވާ ޝަރުތަކީ ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން އޭނާގެ ވިޔަފާރިއަށް ބޮޑު އަދަދެއްގެ ލޯނެއް ދިނުން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ގާސިމް މިއަދު ދޮގުުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހަށް ވަޑައިގެން، މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. ގާސިމްގެ ވިޔަފާރިތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ލޯނެއް ހޯދަން މަޝްވަރާކުރެއްވިތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެކަން ގާސިމް ވަނީ ދޮގުކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އަޅުގަނޑު ދުވަހަކު ކުރި ކަމެއް ވެސް ނޫން އެއީކީ،" ސިޔާސީ ބާރާ އެކު ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރައްވަނީތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވި އެވެ.

"ނުވެސް ކުރާނަން. އެ ބާވަތުގެ ކަމެއް އެޑްވާންޓޭޖެއް ނަގާކަށް."

ރައީސް ސޯލިހާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ގާސިމް ރައީސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ސޮވެރިން ގެރެންޓީގެ އިތުރުން، މި ސަރުކާރުން ގާސިމްގެ ވިޔަފާރިތަކަށް ބަދަލުގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހޯއްދަވާފައިވާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ވެސް ގާސިމް ދެއްވީ އެފަދަ ޖަވާބެކެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ބަދަލުގެ ގޮތުގައި ސަރުކާރުން އޭނާއަށް ލިބިފައިވަނީ، ޝަރުއީ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު އެއީ އޭނާއަށް ލިބެން ޖެހޭ އެއްޗެއް ކަމަށް ހުރިހާ ކޯޓަކުން ނިންމާފައިވާ އެއްޗެއް އެކަނި ކަމަށެވެ.

އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އަޅުގަނޑު ދުވަހަކު ކުރި ކަމެއް ވެސް ނޫން އެއީކީ... ނުވެސް ކުރާނަން. އެ ބާވަތުގެ ކަމެއް އެޑްވާންޓޭޖެއް ނަގާކަށް.

ގާސިމް އިބްރާހިމް / ޖޭޕީގެ ލީޑަރު

އެނގުން މުހިންމު - މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓުނަރު ގާސިމް ރައީސް ސޯލިހާ ބައްދަލުކުރެއްވި އިރު، ރައީސް ވަނީ މިހާރު ވެސް އޮތް ކޯލިޝަން ދެމެހެއްޓުމަށް ހުރިހާ ބައިވެރިންނަށް ވެސް ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނިންމާފައި ވަނީ އަދާލަތު ޕާޓީން އެކަންޏެވެ. އެ ޕާޓީން ނިންމާފައިވަނީ ރައީސްއާ އެކު ތިބުމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ގާސިމް އަދި ސީދާ ވަކި ގޮތެއް ނުނިންމަވަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ވަނީ، އެ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ކައުންސިލަށް ލަފާދީފަ އެވެ.

ގުޅުން ހުރި ކަމެއް - ރައީސް ސޯލިހަށް ފާޑުވިދާޅުވެ، ސަރުކާރުގެ މަސައްކަތް ލަސްކަމަށް ވިދާޅުވެ، ގާސިމް ވަނީ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނުސީދާކޮށް ވާހަކަދައްކަވާފަ އެވެ.

ރައީސް ސޯލިހާ މިހާރު އެންމެ ވާދަވެރި، އެމްޑީޕީގެ ރައީސް އަދި ރައީސްގެ ކުރީގެ ގާތް އެކުވެރިޔާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ވަނީ ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ. މި ފަހުން ގާސިމް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަމުން ގެންދަވާއިރު، ނަޝީދު ގާސިމްގެ ރަނިންމޭޓަކަށް ނުކުންނަވާފާނެ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް