ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެސް ފެށުމުގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ގާސިމް އަސަރާ އެކު ހަނދާންކުރެއްވީ ޔާމީންގެ 'އަނިޔާވެރިކަން'؛ ވިދާޅުވީ ހިތް ހަލާސް ކަމަށް

ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ ކަންކަމުގައި އުޅޭއިރު، ސިޔާސީ އެފަދަ 'ކުޅިގަނޑާ' ދިމާވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިމަތިވެވަޑައިގެންނެވި "އަނިޔާ އާއި ޖެއްސުން" ހަނދާން އާކުރެއްވުމަށް ފަހު، އެ ކަން ކަމަށް މިހާރު "ހިތް ހަލާސް" ކަމަށް، އެ ސަރުކާރުގައި ޖަލަށް ހުކުމް ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވި އެވެ.

ވީ ކިކިހިނެއް - ގާސިމް މިގޮތަށް ވާހަކަދެއްކެވީ، ދަރުބާރުގޭގައި ކުރިއަށް ގެންދާ ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "[ޔާމީންގެ ވެރިމުގައި] އެ ދުވަސްވަރު ތަފާތު އެކި ބާވަތް ބާވަތުގެ ހުކުމްތަކާއި ބޮޑެތި އަދަބުތައް ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަހަތުން ދިޔައީ ފުމެ އަރަމުން. މަނިކުފާނު ވެސް [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] އެއީ އޭގެ އެއް ވިކްޓިމްއެއް. އަދި [ހޯމް މިނިސްޓަރު] ޝޭހް އިމްރާން [އަބްދުﷲ] ވެސް، [އެމްއާރުއެމްގެ ރައީސް] ފާރިސް މައުމޫނަކީ ވެސް އޭގެ ވިކްޓިމްއެއް. އަޅުގަނޑަކީ ވެސް އޭގެ ވިކްޓިމްއެއް. މިހެން ގޮސް ނަން ހުސްކޮށް ކީދާނެ،" ފަނޑިޔާރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ދައުވާ ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް އޭރު ހުކުމް ކުރި ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެސް ފެށުމުގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ޔާމީނަށް 2018ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ޖަލު ހުކުމް ބާތިލުކުރުމުން، އޭރު އަމިއްލައަށް ބޭރަށް އަރުވާލެއްވިގެން ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ގާސިމް ވިދާޅުވީ ސިޔާސީ މަސްރަހުގައި އުޅޭއިރު، އެފަދަ ސިޔާސީ "ކުޅިގަނޑުތަކާ" ދިމާވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ހިތް ބޮޑުކޮށްގެން، ހަސަދަ ލައިގެން، ފަހަތުން ދުވެ، ނުނެއްޓިގެން އުޅެން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުގެ ހިތް ހަލާސް. އިހުލާސްތެރިކަމާ އެކު އަޅުގަނޑުގެ ހިތް ހަލާސްކުރަން، އެއްވެސް ކަހަލަ ބުރަ ކަމެއް އަޅުގަނޑުގެ ނެތް އެއިން އެއްވެސް ބެފުޅަކާ މެދު،" ޔާމީނާ އެކު އޭރު ޕީޕީއެމްގައި ތިއްބެވި ބައެއް އިސް ބޭފުޅުންނާ އެކު މިހާރު ޖޭޕީގެ ތެރޭގައި މަސައްކަތްކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.

ހިތުގައި އެއްވެސް ކަހަލަ ބުރަ ކަމެއް ނެތަސް، ތާރީހަށްޓަކައި އެ ދިމާވި އަނިޔާތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް، އަސަރާ އެކު ގާސިމް ވިދާޅުވި އެވެ.

"ސިޔާސީ މައްސަލައެއްގައި ތަހުގީގަށް ކަމަށް ބުނެ، ދުނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ދިމާވި ސިއްހީ ހާލަތަކާ ގުޅިގެން ހޮސްޕިޓަލުގައި އަޅުގަނޑު އިމަޖެންސީ ކެއާ ފަރުވާގައި އޮއްވައި އެއް ރެއަކު ފުރަ މެންދަމުގައި އަޅުގަނޑުގެ ގައިރު ހާޒިރުގައި، އަޅުގަނޑުގެ މައްޗަށް އިއްވާލީ ގައިރު ގާނޫނީ ހުކުމެއް،" ގާސިމް ވިދާޅުވި އެވެ. 

ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ހުންނެވި އިރު ގިނަ ފިއްތުންތަކެއް އެ ސަރުކާރުން ކުރިމަތިކުރިކަން ވެސް ގާސިމް ފާހަގަކުރެއްވި އެވެ. އެގޮތުން، ބޭސްފަރުވާ ކުރުމަށް ދިން މުއްދަތު ހަމަވުމަށް ފަހު، ސަރުކާރުން އޭނާގެ ޕާސްޕޯޓު ބާތިލުކުުރުމުން ބޮޑެތި ހުރަސްތަކާ ކުރިމަތިލައްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް