ދާއިރާގެ ރަށަކަށް ވަޑައިގަތުމުން ރިޒާއަށް މަރުހަބާ ކިޔަނީ: ކެންސަރު ބަލީގައި ރޭ އޭނާ އަވަހާރަވެފައިވާއިރު، ދާއިރާގެ ގިނަ ރައްޔިތުން ތިބީ އެކަމުގެ ހިތާމައިގައި.

މަރު

ރިޒާގެ ކުއްލި ވަކިވުން: ދާއިރާގެ ރަށްތަކަށް ވެސް ލިބުނު ބޮޑު ހިތާމައެއް

ދާއިރާގެ ކޮންމެ ރައްޔިތަކު ވެސް އޭނާ ނެތުމުގެ ހިތާމަ ކުރާނެ ކަމަށް އެ ރަށްތަކުން ބުނޭ
23 ފެބްރުއަރީ 2023
1

ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެން، އެއް މަގާމެއްގައި ދެމި ހުންނެވޭނީ، ކ. ގުޅީ ކައުންސިލުން ދެކޭ ގޮތުގައި ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު އެ ބޭފުޅަކަށް އޮތީމަ އެވެ. އެހެންވެ، އެ މަގާމުގައި ރެއާ ހަމައަށް ދެމި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވެ، ވަކިވެވަޑައިގަތުމަކީ ގިނަ ބަޔަކަށް ލިބޭނެ ހިތާމައެއް ކަމަށް އެ ކައުންސިލުން ގަބޫލު ކުރެ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރެއް ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި ރިޒާ އަވަހާރަވުމަކީ، އޭނާ ތަމްސީލު ކުރައްވާ ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ލިބުނު ޝޮކެކެވެ. ކ. ގުރައިދޫގެ އިތުރުން އެ އަތޮޅު ގުޅި އާއި މާފުށީގެ ރައްޔިތުން މިއަދު ތިބީ ހިތާމައިގެ ސާލެއް ލައިގެންނެވެ. ވާހަކަ އަހާލި ކޮންމެ މީހަކު ވެސް ބުނަނީ އެއީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

ގުރައިދުއަށް އުފަން، ރިޒާގެ ވަކިވެ ވަޑައިގަތުމަކީ ހުރިހާ ގޮތަކުން ބެލިޔަސް އެ ރަށަށް ލިބުނު ބޮޑު ގެއްލުމެކެވެ.

ދާއިރާގެ ޒުވާނަކާއެކު ރިޒާ ފޮޓޯއަކަށް ހުއްޓިވަޑައިގެން: ވޭތުވެ ދިޔަ ތިން ދައުރު ވެސް އޭނާ ހުންނެވީ ގުރައިދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި.

ކައުންސިލް މެމްބަރު ހުސެން ނިހާލް ވިދާޅުވި ގޮތުގައި، ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ވެސް އެ ރަށުގައި އެހާ ވަރުގަދަ ޝަހުސިއްޔަތެއް ނުއުފެދެ އެވެ. ޖެހިޖެހިގެން ތިން ދައުރަކަށް ރިޒާ އިންތިހާބު ވެވަޑައިގެންނެވީ ގުރައިދޫގެ %70 ވުރެ މަތިން ވޯޓު ހޯއްދަވައިގެންނެވެ. އެހެންވެ، ބަލި އުޅުއްވާތާ ދުވަސްތަކަކަށް ފަހު ރިޒާ އަވަހާރަވުމަކީ ގުރައިދޫގެ ކޮންމެ ރައްޔިތަކަށް ވެސް ލިބުނު ހިތާމައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށުގައި ކޮންމެ ކަމެއް ކުރެއްވިޔަސް ރިޒާ އެއްބާރުލުން ދެއްވާނެ. އަމިއްލަފުޅަށް ވެސް އެހީދެއްވާނެ. މި ރަށުގެ ކޮންމެ މީހަކު އޭނާ ކައިރިއަށް ދިޔަ ނަމަވެސް އެކަމެއް ކޮށްދެއްވާނެ،" ގުރައިދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގުރައިދޫގައި ރިޒާގެ އާއިލާ ބޮޑެވެ. އެހެންވެ، ކުއްލިއަކަށް އޭނާ ވަކިވެވަޑައިގަތުމަކީ އެ ހުރިހާ އެންމެންނަށް ވެސް ލިބުނު ވަރަށް ދެރައެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި ބޭފުޅެއް އެ ވަޑައިގެންނެވީ،" ނިހާލް ވިދާޅުވި އެވެ.

މާފުށީ ކައުންސިލުން ވެސް ވަނީ ރިޒާ އަވަހާރަވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފަ އެވެ.

"އެއީ ވަރަށް ހިތްހެޔޮ ބޭފުޅެއް. ފިކުރު ތަފާތުވިޔަސް އަޅުގަނޑުމެންނަށް ގުޅައި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ،" މާފުށީ ކައުންސިލްގެ ރައީސް އަދި އެމްޑީޕީ މެމްބަރު ހަސަން ސޮލާހު ވިދާޅުވި އެވެ.

އިވެންޓެއްގައި ރިޒާ ވާހަކަ ދައްކަވަނީ: އޭނާގެ ކުއްލި ވަކިވުމުން ދާއިރާގެ ރައްޔިތުންނަށް ލިބިފައިވަނީ ފުން ހިތާމައެއް.

ޕީޕީއެމް އުފެއްދުމުގައި އުޅުއްވި އަދި އެންމެ ކުރިއްސުރެ އެ ޕާޓީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ރިޒާއާ ގުޅޭ ގޮތުން ސޮލާހު މިއަދު ދައްކަވަން ހުރީ ހުސް ރަނގަޅު ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދެ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް، ރިޒާ އެކަމެއް ނުބާއްވަ އެވެ. ރައްޔިތުންނަށް ގުޅުއްވައި، ގަވައިދުން ހާލު ބައްލަވައި، ކަންކަމާ ގުޅޭ ގޮތުން ހިޔާލު ހޯއްދެވި ކަމަށް ސޮލާހު ވިދާޅުވި އެވެ.

"ވަރަށް ދެރަވޭ އެކަހަލަ ބޭފުޅެއް ގެއްލިގެން ދިޔުމުން،" އޭނާ ވިދާޅުވި އެވެ.

ގުޅީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފާއިޒު ވެސް ވިދާޅުވި ގޮތުގައި، ދާއިރާއަށް ގެއްލިގެން އެ ދިޔައީ ވަރަށް ހެޔޮލަފާ ހިދުމަތްތެރިއެކެވެ. މީގެ ނުވަ އަހަރު ކުރިން މަގާމަށް އިންތިހާބު ވެވަޑައިގަތީއްސުރެ، މިހާތަނަށް އައި އިރު ދާއިރާގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކައުންސިލާއި ރައްޔިތުންނާ ވެސް އޭނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ކަމަށް ފާއިޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މެމްބަރުކަން ރިޒާއަށް ލިބިވަޑައިގަތުމުން ގުރައިދޫގައި އުފާ ފާޅުކުރަނީ

"ދާއިރާއާ މެދު އެ ބޭފުޅާ ގެންގުޅުއްވި އުއްމީދުތަކާއި ތަސައްވުރުތަކެއް ވެސް ހުންނާނެ ދެއްތޯ. ރިޒާއާ އެކު އެކަންކަން ވެސް އެ ދިޔައީ."

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ރިޒާ ރޭ އަވަހާރަވީ މެލޭޝިޔާގަ އެވެ. އޭނާ ވަކިވުމުގެ ހިތާމަ މަޖިލީހުގެ މެމްބަރުންނާއި ޕީޕީއެމްގެ އާއްމު މެމްބަރުން ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް (1)

ވިސްނާ

23 ފެބްރުއަރީ 2023
ރިޒާގެ ދުނިޔޭގަ ހުއްޓަ ކީއްވެބާ ތިޔަ ކައުންސިލަރުންނަށް ބުނަން ނުކެރުނީ ރިޒާ އަކީ ފިކުރު ތަފާތު ވިޔަސް އެމްޑީޕީ ކައުންސިލަރުންނާވެސް ގުޅުން ބާއްވާ ބޭފުޅެކޭ. މީހަކު ދުނިޔޭގައި ހުންނައިރު އެމީހާގެ ހެޔޮ ވާހަކަ ދައްކާ އަވު ވަޒަން ކުރަންޖެހޭ އެބަ.ސިޔާސީ ކޮންމެ ފިކުރެއްގައި ތިބި ނަމަވެސް.ވަކިވެ ދިޔައިމަ އެވާހަކަ ދެއްކުމުގެ މާނައެއް ނެތް. މަރްހޫމުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށި.އެންމެހާ ކުށް ފާފަތައް ފުއްސަވާށި
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް