އޭސީސީގެ އޮފީސް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްޕީއާރުސީން ވަގަށް ނެގި 37 މިލިއަން ރުފިޔާ ލިބުނު މީހެއްގެ އަތުން އަނބުރާ ހޯދަން އަންގައިފި

އޭސީސީން އެމްއެމްޕީއާރުސީއަށް އަންގާފައިވަނީ އަބްދުﷲ އާސިމް، ހ. ސްނޫޕީއަށް ލިބުނު ފައިސާ ހޯދުމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ވައްކަމުގެ ތެރެއިން ގެއްލުނު 37 މިލިއަން ރުފިޔާ (2.46 މިލިއަން ޑޮލަރު) ލިބުނު މީހެއްގެ އަތުން އެ ފައިސާ އަނބުރާ ހޯދަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް މިއަދު އަންގައިިފި އެވެ.

ވީ ކިހިނެއް؟ - އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، އެމްއެމްޕީއާރުސީއަށް އަންގާފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން، އަބްދުﷲ އާސިމް، ހ. ސްނޫޕީއަށް ލިބުނު ފަައިސާ ހޯދުމަށެެވެ.

އެނގުން މުހިންމު - ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ތަހުގީގުގައި، ތުހުމަތުކުރެވޭ 338 ފަރާތެއްގެ މައްސަލަ ބަލަން ނިންމާފައި އިރު، މިހާތަނަށް 38 މައްސަލައެއް ވަނީ ނިމިފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ މަސައްކަތްތައް މިހާތަނަށް ހިނގާފައިވާ ގޮތާ ގުޅޭ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަހުގެ 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ:

  • 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވޭ (ކުރީ ސަރުކާރުން ހުށަހެޅި މައްސަލަތައް ހިމަނައިގެން)

  • އޭގެ ތެރެއިން ފަސް ފަރާތަކަށް ކުރި 43 ދައުވާ ކޯޓުގައި ސާބިތުވެއްޖެ

  • ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަދޭ

  • އޭސީސީން 53 މައްސަލައެއް ދަނީ ތަހުގީގުކުރަމުން

  • އޭގެ ތެރެއިން އަށް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރަން މަޝްވަރާ ކުރަނީ

މި ހިޔާނާތުގެ ތެރެއިން 30 ރަށަކާއި ފަޅެއް ދޫކުރި ކަމަށް ބެލެވޭ އިރު، އެ ތަންތަނުން ދައުލަތަށް ލިބެން ޖެހޭ 1.5 ބިލިއަން ރުފިޔާ ލިބިފައި ނުވާކަން ހާމަވެފައިވެ އެވެ.  

ކޮމެންޓް (1)

މޯހަން

20 ފެބްރުއަރީ 2023
ވަގަށްނެގި 37މިލިއަނުން މިހާތަނަށް ލިބުނީ ކިތައް ލާރިތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް