ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް ސަމަދު (ވ-2): އިންޑިއާގެ އިމިގްރޭޝަނުން އޭނާ ވަނީ ހިފަހައްޓާފައި (ފޮޓޯ/ ސަމަދު)

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އިންޑިއާގެ ހޮސްޕިޓަލެއްގެ ތެރެއިން ހިފަހައްޓައި ފޮނުވާލަނީ

ހީނާ ވިދާޅުވީ ސަމަދު ހައްޔަރުކުރިކަން ކަށަވަރު ނުވާ ކަމަށާއި އިމިގްރޭޝަންގެ ބެލުމުގެ ދަށުން މިވަގުތު އޭނާ ހުރީ އެއާޕޯޓުގައި ކަމަށް

ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) އިންޑިއާގެ ހޮސްޕިޓަލެއްގެ ތެރޭގައި ހުއްޓައި އެ ގައުމުގެ އިމިގްރޭޝަނުން އޭނާ މިއަދު ހިފަހައްޓާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އަންހެނުންނާއި ދަރިންނާ އެކު ސަމަދު އިއްޔެ އިންޑިއާއަށް ފުރީ ބޭސްފަރުވާ އަށެވެ. އޭނާ ހިފިހެއްޓި ކަމަށް ޕީޕީއެމް އިން ބުނަނީ މިއަދު އެވެ.

ތަފްސީލު - ޕީޕީއެމްގެ ތަރުޖަމާނު ހިނާ ވަލީދު 'ދައުރު'އަށް ވިދާޅުވީ، އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން ސަމަދުއާ ސުވާލުކުރަން ފެށީ އާއިލާއާ އެކު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓާ ކަމަށެވެ. އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށުން މިވަގުތު ސަމަދު ހުރީ އެއާޕޯޓުގައި ކަމަށް ހީނާ ވިދާޅުވި އެވެ.

"ޕާސްޕޯޓުގެ މައްސަލައެއް ޖެހިގެން ކަމަށް ބުނެ ގެންދިޔައީ. ހައްޔަރުކުރި ކަމެއް ޔަގީނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ސަމަދުބެއަކީ 'އިންޑިއާ އައުޓް' ހަރަކާތުގައި އިސްކޮށް އުޅުއްވާ މެންބަރެއް. ބެލެވޭ ގޮތުގައި ހިފެހެއްޓީ އެ ސަބަބާ ހުރެ."

ހީނާ ވިދާޅުވީ، އެއާޕޯޓަށް ސަމަދު ގެންދިޔައީ ޑީޕޯޓުކޮށްލަން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ޔަގީން ނުވާ ކަމަށެވެ.

"އެއާޕޯޓަށް ގެންދިޔަ ސީދާ ސަބަބެއް ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

ސަމަދު ވަނީ މީގެ ގަޑިއެއްހާއިރު ކުރިން އޭނާގެ ފޭސްބުކް ޕޭޖްގައި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެ ވީޑިއޯގައި އޭނާ ވިދާޅުވީ، ހޮސްޕިޓަލުގައި ދަރިންނާއި އަންހެނުން ކައިރީގައި ހުއްޓައި އިމިގްރޭޝަނުން އޭނާ ބަލާ އައީ ކަމަށެވެ.

"އަޅުގަނޑުގެ ދަރިންނާއި އަނބިމީހާ އެ ތަނުގައި އެކަނިވެރިކޮށްލާފައި އަޅުގަނޑު މިހާރު މި ގެންދަނީ އެއާޕޯޓަށް. އަޅުގަނޑުގެ ކުށަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑު ޑީޕޯޓުކުރުމުގެ މަސައްކަތައިގެން ކުރިއަށް އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން ހިންގާ 'އިންޑީއާ އައުޓް'ހަރަކާތްތަކުން އިސްކޮށް ފެންނަ ސަމަދު ހިއްސާކުރި 1 މިނިޓުގެ އެ ވީޑިއޯގައި "މިއީތޯ ދިވެހިންނަަށް ހައްގު މިންވަރަކީ" ވިދާޅުވެ، ސުވާލު އުފެއްދެވި އެވެ.

މިކަަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސަފާތު އަހްމަދު ޒާހިރާ ސުވާލުކުރުމުން ވިދާޅުވީ އެކަން ބެލުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.

ކޮމެންޓް (2)

ޙަސަން

12 ފެބްރުއަރީ 2023
ކުށް ނޭގުނީމާ އިނގޭ ތިބޭފުޅާގެ ވިސްނުން ހުރީ ވަރު. ބަލަ ދެން އައުޓް ގޮވަން ދަނީ އިންޑިޔާ އަށް ދާން ނުޖެހޭ ވަރުގެ މީހުން...
0 0

ރެއްކަބޭ

11 ފެބްރުއަރީ 2023
އިންޑިއާ އައުޓް ގޮވާފައި ދާންމިޖެހެނީ އިންޑިއާއަށް. ގަމާރުކަން ބޮޑުވީމާ ވާގޮތްތީ. އަދިވެސް ބަޔަކު ބުނާހާކަމެއް ކުރާތި.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް