ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރީއަތުގެ މަޖިލީހެއްގައި

ޕީޖީ އޮފީސް

ސީލައިފުގެ ވެރިޔާ އަހުމަދު މޫސާ އަލުން ބަންދުން ކޮށްދޭން ޕީޖީއިން ހައިކޯޓުގައި އެދެނީ

އަހުމަދު މޫސާ އަލުން ބަންދުކޮށް ދޭން އެދެނީ މީހުން ޖާމިނުކޮށް ދޫކޮށްލުމުގެ އުސޫލާ ހިލާފަށް ކޯޓުން އޭނާ ދޫކޮށްލާފައި ވާތީ ކަމަށް ޕީޖީން ބުނޭ
21 އޮކްޓޯބަރު 2021

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ފިލި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން އިއްޔެ ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަހުމަދު މޫސާ ބަންދުން ދޫކޮށްލަން ކޯޓުން އިއްޔެ ނިންމީ އޭނާގެ ދައްތަ އާއި ކޮއްކޮ ޖާމިނު ކުރުމަށް ފަހު ޝަރުތުތަކަކާ އެކު އެވެ.

ބުނީ ކީކޭ؟ - ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ އަހުމަދު މޫސާ ކަފާލާތުގެ ދަށުން ދޫކުރި މައްސަލަ އިސްތިއުނާފުކޮށް އޭނާ އަލުން ބަންދުކޮށްދޭން ޕީޖީގެ ފަރާތުން ހައިކޯޓުގައި އެދެން މިހާރު ނިންމާފައިވާ ކަމަށެވެ. ޝަފީއު ވިދާޅުވި ގޮތުގައި އެގޮތަށް އެދެން ނިންމި ސަބަބަކީ:

  • ކަފާލާތުން މީހުން ދޫކުރެވޭނެ ކަމަށް ބުނެފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް އަހުމަދު މޫސާ ކޯޓުން ދޫކޮށްލާފައިވުން

  • އަންނަ ހަފްތާ ތެރޭ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ

ޕީޖީގެ ބަސް - އަހުމަދު މޫސާ ދޫކޮށްލި މައްސަލައަށް ރިއާޔަތް ކުރައްވާ ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ޖާމިނުކޮށް ބަންދުން ދޫކޮށްލެވޭނޭ އުސޫލު ދަށު ކޯޓުގެ ފަނޑިޔާރަކަށް ނޭނގި އޮތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމެއް ކަމަށެވެ. 

ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓް

އެނގުން މުހިންމު - އަހުމަދު މޫސާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތް ކުރިއަށް ދާއިރު މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދު މުރާޖާކޮށްފައިވެ އެވެ. ނަމަވެސް އެ ތިން ފަހަރު ވެސް އޭނާ ބަންދުން ދޫކުރަން ކޯޓުން ނިންމި ސަބަބުތަކަކީ:

  • އޭނާ އަކީ މީގެ ކުރިން ވެސް ފިލައިގެން ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅެފައިވާ މީހަކަށް ވާތީ

  • ފިލުމުގެ ރެކޯޑެއް އޮތުމުން އޭނާ އަދިވެސް ފިލައިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުނޭ

  •  މީހަކު ޖާމިނުކޮށް ދޫކޮށްލަ ދޭން މިދިޔަ މަހު 16 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް އަހުމަދު މޫސާ އެދުނު

އަހުމަދު މުސާ މީގެ ކުރިން ކޯޓުގައި ބުނެފައި ވަނީ، އޭނާ ލަންކާގައި އުޅުނީ ފިލައިގެން ނޫން ކަމަށާއި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް