ކުރީގެ ރައީސް ނަޝީދު ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ޅ. ކުރެންދޫގައި ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ކެމްޕެއިން ޓީމް)

ނަޝީދުގެ ނުރުހުން ކުރެންދޫ މެމްބަރު ގަނީއަށް: 'އެހެރީ ފިކުރު ގެއްލި ޕާޓީން ވަކިވެފައި'

ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް 'ބިރުދެއްކި' ނަމަވެސް އެ މީހުންގެ ވޯޓު ރައީސް ސޯލިހަށް ނުލިބޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް "އެހެރީ ޕާޓީ އިން ވަކިވެފައި" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޅ. ކުރެންދޫގައި ހުންނަވައި އޭނާއަށް ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގަނީ ހުންނެވީ ނަޝީދާ ވާދަވެރި ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގަ އެވެ. ކުރީގެ ރައީސް ނަޝީދު ކެމްޕޭނުގައި މިއަދު ކުރެންދޫ އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވިދާޅުވީ މެންބަރު ނުވަތަ ރަށާ ގުޅުން ހުރި ކޮންމެވެސް ވަޒީރަކު ރައްޔިތުންނަށް ބިރުދައްކާތަން އެބަ ފެންނަ ކަމަށެވެ. އަދި އެފަދައިން ކުރެންދޫ މީހުންނަށް "ބިރުދައްކާ" ކަމުގެ ތުހުމަތު ނަޝީދު އަމާޒުކުރެއްވީ މެންބަރު ގަނީ އަށެވެ.

ބުނީ ކީކޭ؟ - "އޭނާގެ ފިކުރު އެހެރީ ގެއްލިފަ. މިތަނުގެ މެންބަރު އެހެރީ ޕާޓީ އިން ވަކިވެފަ. އެއަކު އެއްވެސް ޝައްކެއް ނެތް. އެއީ، އެ އަހުލާގީ މިންގަނޑެއް އަދި އެ އުސޫލެއް، އެ ހަމަތަކެއް އޭނާ އަކަށް ނުހިފެހެއްޓުނު، މިތަނުގައި ކަންކަން ރަނގަޅަށް ގެންދާކަށް. އަޅުވެތި ކުރާކަށް، އޮބަހައްޓާކަށް، ބިރު ދައްކާކަށް އުޅޭ އުޅުމަކުން އެއީ އެމްޑީޕީ އަކަށް ފައިދާ ވާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެންނަށް އިންތިހާބެއް ކާމިޔާބު ކުރެވޭނެ ގޮތެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

"ޕާޓީގެ އެއްވެސް މީހަކު އަނެއް މީހާ ކައިރީ ބާރު ދައްކައިގެން، ބިރު ދައްކައިގެން އޭނާ ހަންމަތަކޮށްގެން އޮބަހައްޓައިގެން ހިފަހައްޓައިގެން އުޅޭ އުޅުން އެއީ ޕާޓީ އަށް ވެސް ލިބޭ ގެއްލުމެއް. އެއީ އެމްޑީޕީގެ ފިކުރެއް ނޫން." 

ކުރެންދޫ ދާއިރާގެ މެމްބަރު ގަނީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލިސް)

ފަސްމަންޒަރު - ނަޝީދު މި ކެމްޕޭންގައި ގެންދަވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބޭފުޅުން ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ މުވައްޒަފުންނަށާއި އާއްމުންނަށް ބިރުދައްކާ ކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންނެވެ. އަދި ކައުންސިލަރުން ވަޒީރުން ރުއްސަން އުޅޭ ކަމަށް ވިދާޅުވެ، އެއީ ޑިމޮކްރެސީއާ ބީރައްޓެހި، ބޯދާ ކަމެއްގެ ގޮތުގައި ސިފަކުރައްވަ އެވެ.

"އަޅުގަނޑު މި ރަށަށް، ކުރެންދު އަށް މިހާރު އައިސްގެން ހުރި އިރު އެބަ ފެނޭ، މި ދެންނެވި ޑިމޮކްރަސީގެ ވަޔަރިން ޝޯޓްސާކިޓް ވާތަން،" ނަޝީދު މިއަދު ވިދާޅުވި އެވެ. "މި ރަށުގެ ބައެއް ރައްޔިތުން، މިތަނުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ނުވަތަ މި ރަށާ ގުޅޭ ކޮންމެވެސް ވަޒީރު ބޭފުޅަކު މާ މޮޅު ބޭފުޅެއްގެ ގޮތުގައިވެ، ރައްޔިތުންނަށް އެބަ، ބިރުދެެއްކުމާއި އިންޒާރުދިނުމާ މި ބާވަތުގެ ކަންކަން ކުރަމުން ގެންދޭ." 

ކުރީގެ ރައީސް ނަޝީދު ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ޅ. ކުރެންދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ (ފޮޓޯ/ކެމްޕެއިން ޓީމް)
ކުރީގެ ރައީސް ނަޝީދު ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ޅ. ކުރެންދޫގައި ވާހަކަފުޅުދައްކަވާ އިރު ޕާޓީގެ މެމްބަރުން އަޑުއަހަނީ (ފޮޓޯ/ކެމްޕެއިން ޓީމް)

ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް "ބިރުދެއްކި" ނަމަވެސް އެ މީހުންގެ ވޯޓު ރައީސް ސޯލިހަށް ނުލިބޭނެ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނާ ގާތް ކުރެންދޫގެ އެމްޑީޕީ މެމްބަރަކަށް ވެސް ފާޑުވިދާޅުވި އެވެ. "ދޮންމޫސަބޭ"ގެ ނަމުން އޭނާއަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބައްދަލުވުމަށް އޭނާ ނުދިޔައީތީ އެކަމާ "ލަދުގަނޭ" ކަމަށެވެ.

"މިއަދު ކުޑަކޮށް ލަދުގަނޭ އަޅުގަނޑު. އެއީ ދޮން މޫސަބޭ އަށް ވެސް މިތަނަށް ނިކުންނަން ނުކެރުނީމާ. ދެން އެއީ ލަދުވެތި ކަމަކަށް ވާނެ. އަދި އެއީ ހެއްވާ ކަމަކަށް ވެސް އަޅުގަނޑަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ލަދުން އަރައިގަންނާނެ ގޮތެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު މި ހިތަށް އަރަނީ އަޅުގަނޑު ބާއޭ ލަދުގަންނަންވީ ނޫނީ ދޮންމޫސަބޭ ބާއޭ ލަދުގަންނަންވީ. ކޮންމެއަކަސް އަޅުގަނޑު އިންތިހާ އަށް ލަދު ގަނޭ،" ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ކުރެންދޫ ކައުންސިލަރަކު 'ދައުރު' އަށް ވިދާޅުވިގޮތުގައި ނަޝީދުގެ ވާހަކަ އަމާޒުކުރެއްވި ދޮންމޫސަބޭ، ނަޝީދުގެ ބައްދަލުވުން މިއަދު ބޭއްވި އިރު ރަށަކު ނޫޅެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް