ނަރުހުންތަކެއް ހިދުމަތުގައި (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ރިޔާސީ ބަޔާން 2023

ޔުނިވާސިޓީ މުސާރަތައް އަންނަ މަހު، ސިއްހީ ދާއިރާގެ މުސާރަތައް މެއި މަހު ބޮޑުކުރާނަން: ރައީސް

ރައީސް ވިދާޅުވީ މުސާރަތައް އެއް ހަމަކޮށް ނިމޭއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުން އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށް

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކަށް އަލި އަޅުވާލައްވާފަ އެވެ.

އެނގުން މުހިންމު - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި މަހު ބޮޑުވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އިރު، މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމަށް 493 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު، އެ ބަދަލުގެ ތެރޭގައި ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރަ ނުހިމެނޭތީ، އެ ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެމްއެންޔޫ: ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރައްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - ރައީސް ސޯލިހުގެ ފަސް ވަނަ އަދި ފުރަތަމަ ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ، އަންނަ މަހުން ފެށިގެން ރާއްޖޭގެ ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އެއަށް ފަހު، މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާނެކަން ރައީސް އިއުލާނުކުރެއްވި އެވެ.

"އަދި ސަރުކާރުގެ ވުޒާރާތަކުގައި %35 އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މެއި އިން ފެށިގެން މި އެލަވަންސް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މުސާރަތައް އެއް ހަމަކޮށް ނިމޭއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުން އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށެވެ.

'މިނިމަމް ވޭޖަކީ ބޮޑު ހެޔޮ ބަދަލެއް'

މިދިޔަ އަހަރު މިނިމަމް ވޭޖު ތަންފީޒުކުރަން ފެށުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ދިވެހި މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެވެ. އެ ހެޔޮ ބަދަލު 35،000އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް އައިކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މިދިޔަ ސެޕްޓެމްބަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގެ ސާވިސް ޗާޖަށް ގެނައިި ބަދަލުގެ ސަބަބުން އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ވެސް ރަނގަޅުވެއްޖެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް