ސިޓީ ކައުންސިލްގެ ތަރުޖަމާނު ޝިއުނާ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ކައުންސިލުގެ ތަރުޖަމާނު ލޭއޮހޮރުވުމަކަށް ގޮވާލުމުން ފާޑުކިޔުން؛ ޓުވީޓު ޑިލީޓުކޮށްފި
ލޭއޮހޮރުވުމަކަށް ގޮސްގެން ވިޔަސް މި ސަރުކާރު ބަދަލުކުރަން ވެއްޖެ ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ މިއަދު ކުރެއްވި ޓުވީޓަކާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. އެއާ އެކު، އޭނާ ވަނީ އެ ޓުވީޓް ޑިލީޓުކުރައްވާފަ އެވެ.
މައްސަލައިގެ ފެށުން - މިއަދު ހެނދުނު ޝިއުނާ ކުރެއްވި އެ ޓުވީޓުގައި ވަނީ، ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނިކުމެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާފަ އެވެ. ރައީސް ސޯލިހު ގެންދަވަނީ "މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުން" ކަމަށް ތުހުމަތުކުރައްވައި "ލޭއޮރޮރުވުމަކުން ވެސް [ސަރުކާރު] ބަދަލުކުރަން ވެއްޖެ" ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ތަފްސީލް - ޝިއުނާގެ އެ ޓުވީޓަށް ގިނަ ބަޔަކު ފާޑުކިޔައި އެ މައްސަލަ ބަލަން ފުލުހުންނަށް ގޮވާލާފައިވެ އެވެ.
ފުލުހުންގެ ބަސް - ޒިންމާދާރު މަގާމެއްގައި ހުންނެވި ޝިއުނާ ކުރެއްވި ޓުވީޓުގައި ލޭއޮހޮރުވުމަކަށް ގޮވާލާފައިވާތީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އެ ޓުވީޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މި ދަނީ ބަލަމުން،" ތަރުޖަމާނު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އެ ޓްވީޓު ޑިލީޓުކުރެއްވުމަށް ފަހު ޝިއުނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ކުރެއްވި ޓުވީޓް ޑިލީޓުކޮށްލެއްވީ ބައެއް މީހުންނަށް އޭގެން "ނުބައި މާނައެއް ނެގިގެން އުޅޭތީ" ކަމަށެވެ.
އެ ޓުވީޓުން "ހަރުކަށި މާނަ ނެގުން ނަމަ މައާފު،" ޝިއުނާ މެންދުރު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
ކޮމެންޓް (3)
ފާތުން
އިބްރާހިމް
އަޒާން