ގދ. މަޑަވެލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ނަޝީދުގެ ކެމްޕެއިން ޓީމު)

ރަށްރަށުގެ ތަރައްގީއަށް ހުރަސްއެޅެނީ ސަރުކާރުން އިއްތިހާދު ދަމަހައްޓަން އިސްކަން ދިނުމުން: ނަޝީދު

އިއްތިހާދުގެ ލީޑަރުންނަށް ރަށްރަށުގެ މުއްސަނދިކަން ބަހާލަމުންދާ ކަމަށް ނަޝީދު ތުހުމަތުކުރެއްވި
19 ޖެނުއަރީ 2023

ރަށްރަށުގެ ތަރައްގީއަށް ހުރަސް އެޅިފައިވާ ކަމަށާއި އެހެން އެކަން ދިމާވީ މި ސަރުކާރުން އެއަށް ވުރެ އިއްތިހާދު ދަމަހައްޓަން މަސައްކަތް ކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ނަޝީދު މިހާރު ހުންނެވީ ކެމްޕެއިނަށް ހުވަދު އަތޮޅުގަ އެވެ.  މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން، އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް ވުރެ ކޯލިޝަން ޕާޓީތަކުގެ ސިޔާސަތުތަކަށް އިސްކަންދޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ ރައީސްކަން ކުރައްވާ ނަޝީދުގެ ވާހަކަފުޅު ފެއްޓެވީ އެމްޑީޕީގެ ސިޔާސަތުތަކުންނެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:

  • އެމްޑީޕީއަކީ ކޮންމެ ރަށަކަށް އަދި ކޮންމެ އަތޮޅަކަށް ވެސް ތަރައްގީގެ ވަކި ތަސައްވަރެއް ގެންގުޅޭ ޕާޓީއެއް 

  • އެ ޕާޓީގެ ސިޔާސަތަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، ހަމަޖެހޭ ދިިރިއުޅުމެއް އުޅޭވޭނެ ގޮތްތައް ފަހިކޮށްދިނުން 

  • އެއީ އެ ޕާޓީން ކޮންމެ އިންތިހާބަކާ ދިމާކޮށް ރައްޔިތުންނަށް ހުށަހަޅާ ސިޔާސަތުތަކެއް

"2018ގައި ވެސް އެމްޑީޕީގެ ސިޔާސަތުތަކެއް އެމްޑީޕީން ހުށަހެޅި. އެންމެ މުހިއްމު މަގްސަދަކީ މިއަދު ތިބޭފުޅުންނަށް ލިބޭ އެއްޗަކަށް ވުރެ އިތުރު އެއްޗެއް މާދަމާ ލިބޭނެ ސިޔާސަތުތަކެއް އަޅުގަނޑުމެން ތަންފީޒުކުރުން، ޖީބަށް ވަންނަން ޖެހޭ އެއްޗެއް އިތުރުވުން، ތަނަވަސްކަން އިތުރުވުން، ހާސްކަން ނެތި ރީތި ގޮތުގައި، އުފާ ފާގަތި ކަމުގައި ރައްޔިތުންނަށް އުޅެވޭނެ ފުރުސަތުތަކެއް އަޅުގަނޑުމެން މަގުފަހިކޮށްދިނުން،" ނަޝީދު ވިދާޅުވި އެވެ.

ގދ. މަޑަވެލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ނަޝީދުގެ ކެމްޕެއިން ޓީމު)

ނަޝީދު ވިދާޅުވީ މި ސަރުކާރަށް އެމްޑީޕީގެ އެ ސިޔާސަތުތައް ތަންފީޒުނުކުރެވުމުން ހިތާމަކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސިޔާސަތުތަކަށް ވުރެ ބޮޑަށް މި ސަރުކާރުން އިސްކަން ދިނީ ކޯލިޝަންގެ ސިޔާސަތުތަކަށެވެ.

ރައީސް ސޯލިހް ކޯލިޝަން ދަމަހައްޓަވަނީ، ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުންނަށް ވިޔަފާރި އުސޫލުން ދައުލަތުގެ މުއްސަނދިކަން ދީގެންނެވެ. އެއީ "ރިވެތި ސިޔާސީ މަސައްކަތުގައި" ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެއީ ރަށްރަށުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އެއް ހުރަހުގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"ވިޔަފާރީގެ އުސޫލުން އެވެނި އެއްޗެއް، މިވެނި ސިޔާސީ ލީޑަރަކަށް ދެއްވާފައި، މިވެނި ދައުލަތުގެ މުއްސަނދިކަމެއް މިވެނި ސިޔާސީ ލީޑަރަކަށް ދެއްވާފައި އޭގެ ބަދަލުގައި އެ ލީޑަރުގެ ޕާޓީ އަޅުގަނޑުމެންނަށް ތާއީދުކުރާ ވިސްނުމެއް އޮތީމާ މި ދެއްވެނީ ކޮންމެވެސް ރަށެއްގެ ގޮނޑުދޮށުން ބައެއް، ނުވަތަ ކޮންމެވެސް އަތޮޅެއްގެ ރަށެއް، ނުވަތަ އެހެން ވެސް ރައްޔިތުންގެ އިހުތިސާސްގައި ހިމެނޭ ގުދުރަތީ ވަސީލަތެއް، ތަނަވަސްކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ތަރައްގީގެ ކަންކަން ރައީސް އަތުރާލެއްވި ގޮތް ނަޝީދަށް ކަމަކު ނުދިޔަ

ނަޝީދު ވަނީ، ސަރުކާރުން ތަރައްގީގެ ކަންކަން އަތުރާލަމުން އަންނަ ގޮތާ ގުޅޭ ގޮތުން ރައީސް ސޯލިހު ރޭ ހދ. ހަނިމާދޫގައި ދެއްކެވި ވާހަކަފުޅަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ވަކި އުސޫލުތަކަކާއި ހާއްސަ ވައްޓަފާޅިއަކާ އެކު ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ފާހަަގަކުރެއްވި ގޮތުގައި:

  • ރާއްޖެއަށް ގެންނަ ތަރައްގީގެ ބަދަލު ފަށަނީ ގަލަމުގެ ތުނޑުން

  • ރަނގަޅަށް ދިރާސާކޮށް، ހިސާބު ކިތާބުން ނަތީޖާ ހޯދުން

  • ތަރައްގީގެ ޕްލޭން އެކުލަވާލަނީ އެ ނަތީޖާގެ މައްޗަށް ބިނާކޮށް

"އެ ގޮތަށް އެކަން ނުކުރެވިއްޖެ ނަމަ، މި ޒަމާނުގައި އެއީ ނުވާ ފަދަ ކަމެއް. އެ ގޮތަށް އެކަން ނުކޮށްފި ނަމަ، އެއީ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް ކަން ކުރީމާ ދެން ވަނީ މާ ދެރަ ގޮތެއް. ވިސްނުމާއި ފިކުރާއި ކެތްތެރިކަމާ ނުލާ ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހދ. ހަނިމާދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ނަޝީދުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅު އަލުން އަތުރާލައްވާފަ އެވެ. 

"އަޅުގަނޑު [ރައީސް ސޯލިހުގެ] ސްޕީޗުރައިޓަރަށް ދަންނަވަން ބޭނުން، އަސްލު ބަސްތައް އަތުރަންވީ ގޮތް. ތަރައްގީ އަކީ ވަކި ހާއްސަ ކަންތައްތަކެއް، ވަކި އިރެއްގައި ވަކި ގޮތަކަށް ކުރެވުނީމާ އަޅުގަނޑުމެންނަށް ވާ ކަމެއް. މި ދެންނެވި ބަސްތައް އަތުރާލުމަށް އިއްޔެ ހަނިމާދޫގައި ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރެއްވި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ތަރައްގީގެ ތަރުތީބު ރައީސް ވިދާޅުވި ނަމަވެސް، ރަށްރަށުގައި މިހާރު ވެސް ފަށައިގެން ކުރިއަށް ގެންދަން ޖެހޭ އެތައް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ރަށްރަށުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެތައް ކަމެއް އަދިވެސް ނުވެ އެބަހުއްޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް