ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

މި ފެށުނީ އުތުރުގެ ބޮޑު ބަދަލު؛ ޔަގީނަށް ވެސް ނުހުއްޓޭނެ: ރައީސް

ރައީސް ވިދާޅުވީ ހުޅުލޭ އެއާޕޯޓާއެކު މާލެ ސަރަހައްދަށް އައި ފަދަ ތަރައްގީ މި އެއާޕޯޓާއެކު ބޮޑު ތިލަދުންމައްޗަށް އަންނާނެ ކަމަށް
18 ޖެނުއަރީ 2023

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަކީ ރާއްޖޭގެ އުތުރަށް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ މަޝްރޫއު ނުހުއްޓޭ ވަރަށް ކަންކަން ރޭވުމަށް ފަހުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެގްޒިމް ބޭންކުގެ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ ލޯނެއްގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ ފައްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ވާހަކަފުޅު ފެއްޓެވީ "މި ފެށުނީ މި ބޮޑު އުތުރަށް، މުޅި ބޮޑު ތިލަދުންމައްޗަށް ތާރީހުގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލު" ކަމަށް ވިދާޅުވެ އެވެ.

މި ސަރުކާރުގައި ކުރާ ކޮންމެ މަސައްކަތެއް ކުރަނީ ވައްޓަފާޅިއެއް އޮވެގެން ކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ:

  • ކޮންމެ މަޝްރޫއު އެއްވެސް ފަށަނީ ރަނގަޅަށް ދިރާސާކޮށް ހިސާބު ހަދައި ލިބޭ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދިގެން

  • އެގޮތަށް އެކަން ނުކުރެވިއްޖެނަމަ މިޒަމާނުގައި އެއީ "ކަނޑުގައި އެޅި ރޮނގެއް" ފަދަ ކަމެއް ކަމަށް ވިދާޅުވި

  • ވިސްނުމާއި ފިކުރާއި ހިކުމަތާއި ކެތްތެރިކަމާއި ނުލާ ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ

އެގޮތަށް ޕްލޭން ކުރެވިގެން މިއަދު ހަނިމާދޫ ބައިނަލްއަގުވާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފެށީ، ރައީސް ވިދާޅުވި ގޮތުގައި، "ހުއްޓި އޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ" ގޮތަށެވެ. އަދި ވިދާޅުވީ، "މިފެށިގޮތަށް ފެށީމާ މާތްﷲ ގެ އިރާދަޔާއިއެކު ދެން މި މަޝްރޫއެއް ނުހުއްޓޭނެ. ފަހަތަކަށްވެސް ނުދާނެ" ކަމަށެވެ.

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ރާވާފައިވާ ގޮތުގެ ކުރެހުމެއް (ކުރެހުން/ރައީސް އޮފީސް)

"ރައްޔިތެއް، ގައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ ވަކި ހަމަތަކެއްގެ މަތިން. ވަރަށް ގިނަ އަމިއްލަ އިހުސާސާއި ދޭދޭ ޖަޒުބާތު އެއްފަރާތް ކޮށްގެން. ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުން ނެތްނަމަ، އެ ހިތި އެންމެންގެ އަރުގައި ލާނެ. ކުރިއަށްދާން ޖެހޭ ސީދާ މަގުން ކައްސާލައި މަގުމަތިވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ހުރިކަމުގެ ޔަގީންކަން ދެއްވަމުން އެއާޕޯޓު ތަރައްގީކޮށް ނިމުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން ވިދާޅުވީ:

  • އެއާޕޯޓް ނިމުމާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން "މި ސަރަހައްދުގެ އިގްތިސާދު ފެނުން ތޮޅިލާ އުދަވާން ފަށާނެ"

  • އެތައް ހާސް ވަޒީފާއެއް އުފެދި، އަދި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައެއް އިތުރުވެގެން ދާނެ

  • އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި އިގްތިސާދީ މަސައްކަތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ

  • ބޮޑުތިލަދުންމަތި އިގްތިސާދީ ވަރުގަދަ ހަބަކަށް ހެދުމަށް މަގުފަހިވާނެ

"މި ދެންނެވީ މި އެއާޕޯޓަށް ފަހު ތޮބީއަތުން، އޭގެ ޒާތުން ގެނެސްދޭނެ ކުރިއެރުމާއި ތަރައްގީ. މިކަން ދިވެހިން މިތިބީ ތަޖުތިބާ ކޮށްފައި،" އެކަމުގެ ދިރިދިރި އޮތް މިސާލަކީ މާލެ ސަރަހައްދުގައި އޮތް ހުޅުލެ ކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރައީސް ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިރޭ ހަނިމާދޫގައި ފައްޓަވައި ދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

"އެއާޕޯޓު ނެތްއިރު ހުޅުލެއަކީ ހަމަ ހަނިމާދޫހެން އޮތް ހަނި، ދިގު ރަށެއް. ހުޅުލެއާ ގާތުގައި ހުރީވެސް ރާއްޖޭގެ އެހެން ރަށްރަށް ފަދަ ރަށްރަށް... މާލެ ސަހަރައްދަށް ބާރު ސްޕީޑުގައި އައި ކުރިއެރުމުގެ އެންމެ ފުނުގައި ވިންދު ޖަހާ އޮތް ސަބަބަކީ ހުޅުލޭގައި ދަމާލި އިންޓަނޭޝަނަލް އެއާޕޯޓު،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އުތުރުގައި ހިންގާ މަޝްރޫއުތަކާއެކު އެފަދަ ތަރައްގީ އެ ސަރަހައްދަށް ވެސް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާއެކު ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓް އެޅުމަށް ކޮށްފައިވާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން:

  • ހއ. ހޯރަފުއްޓާއި ގދ. ފަރެސްމާތޮޑާގެ އެއާޕޯޓު ވަނީ ނިމިފައި

  • ނ. މާފަރު ބައިނަލްއަގުވާމީ އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް މޮބިލައިޒް ކުރެވިއްޖެ

  • ހދ. މަކުނުދޫ، ށ. ބިލެއްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު އަޅާނެ ފައިސާ ހޯދާ، މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން ބީލަމަށް ވަނީ ހުޅުވާލާފަ

  • ރ. އަތޮޅުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނިމުމުން ޑޮމެސްޓިކް އެއާޕޯޓުތަކުން މުޅި ރާއްޖެ ގުޅާލާ ނިމޭނެ ކަމަށް ވިދާޅުވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް