ނަސްރުގެ ދުވަހުގެ މުނާސަބަތުގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހު މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން މާލޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވާހަކަފުޅުދައްކަވަނީ (ފޮޓޯ/އެމްއާރްއެމް)

މައުމޫން ޓެސްޓްތަކެއް ހަދަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މައުމޫން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ހާލު ރަނގަޅު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޓެސްޓްތަކެއް ހަދަން ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު އެޑްމިޓްކޮށްފި އެވެ.

ވީ ކިހިނެއް؟ - މައުމޫން އެޑްމިޓްކޮށްފައިވާކަން، އެމަނިކުފާނު ޒައީމްކަން ކުރައްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. 

ތަފްސީލު - މައުމޫން ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ހާލު ރަނގަޅެވެ.

މައުމޫންގެ ޓްވީޓް

އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ 'ދައުރު'އަށް ވިދާޅުވީ، އެމަނިކުފާނު މިއަދު ހެނދުނު ގުޅުއްވި ކަމަށާއި ހުންނެވީ ހެޔޮ ހާލުގައި ކަމަށެވެ.

"ރައީސް މައުމޫން ވިދާޅުވި، މިއަދު އެޑްމިޓް ކުރާ ވާހަކަ ޓެސްޓްތަކެއް ހެދުމަށް. ޓެސްޓްތައް ހެދުމަށް ފަހު ދޫކޮށްލާނެ. ސީރިއަސް ކަމެއް ނެތް،" މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ނާދިރާ ވިދާޅުވި އެވެ.

މައުމޫންގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން މާ ބޮޑު ތަފްސީލެެއް ނާދިރާ ނުދެއްވަ އެވެ.

އެނގުން މުހިންމު - މިހާރު އުމުރުފުޅުން 85 އަހަރުވެފައިވާ މައުމޫން، އޮގަސްޓް 2020 ގައި ކޮވިޑަށް ޕޮޒިޓިވްގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، ބަލިން ފަސޭހަވެ، ހޮސްޕިޓަލުން ދޫކޮށްލި އެވެ. 

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 21 ޑިސެމްބަރު 2022 ގައި ށ. މިލަންދޫ އަށް ވަޑައިގަތުމުން އެ ރަށު މީހުން މަރުހަބާ ކިޔަނީ (ފޮޓޯ/އެމްއާރްއެމް)

މައުމޫން މިދިޔަ މަހު ވަނީ ށ. މިލަންދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. މިލަންދޫއަށް ވަޑައިގެންނެވީ އެ ރަށުގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރަން ބާއްވި ހަފްލާގައި ބައިވެރިވަޑައިގަތުމަށް ކައުންސިލުން ދިން ދައުވަތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް