ވެމްކޯގެ މުވައްޒަފުން މާލޭގެ ގޭބީސީތަކުން ކުނި ނަގަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ވެމްކޯ

ކަރަންޓު ބިލުގައި ވެމްކޯގެ ފީ ހިމަނައި ބިލުކުރަން ފަށަނީ

ވެމްކޯ އިން ބުނީ އަމާޒަކީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަރަންޓު ބިލާ އެކު ކުނި ނެފުމުގެ ފީ ހިމެނުން ކަމަށް

ކުނި އުކާލުމުގެ ހިދުމަތުން ނަގާ ފީ ކަރަންޓު ބިލުގެ ތެރޭގައި ހިމެނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކަމާ ބެހޭ އިދާރާތަކާ އެކު އެ މަޝްވަރާ ކުރަމުން އަންނަ ކަމަށް، ކުނި އުކާލުމުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، ވެމްކޯ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ވެމްކޯ އިން ދެމުން އަންނައިރު، އެ ހިދުމަތް ހޯދާ ބައެއް ކަސްޓަމަރުން ބިލަށް ފައިސާ ނުދައްކާ މައްސަލަ އަކީ އެ ކުންފުންޏަށް ދިމާވެފައި އޮތް ބޮޑު މައްސަލައެކެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ނުވަތަ ކަރަންޓު ބިލުގައި ކުނި އުކާލުމުގެ ފީ ހިމެނުމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ތަފްސީލް - ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • ކަރަންޓު ބިލާ އެކު ވެމްކޯގެެ ކުނި އުކާލުމުގެ ފީ ހިމަނަން ކުރަން ޖެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް

  • އެ މަޝްވަރާތައް ކުރިއަށް ދަނީ އެންވަޔަރަމެންޓު މިނިސްޓްރީ އާއި ވެމްކޯ އަދި ސްޓެލްކޯ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ އެކު

"މިއީ ޓެކްނިކަލް ގިނަ ކަންތައްތަކެއް ހިމެނޭ ކަމެއް ވީމާ ސީދާ އެކަން ފެށޭނެ އިރެއް ދަންނަވަން ދަތި. އެހެން ނަމަވެސް، އިންޓަގްރޭޝަން، ޑޭޓާ ޝެއަރިން މަސައްކަތްތައް ވެމްކޯ އާއި ސްޓެލްކޯއާ ދެމެދު ކުރިއަށް އެބަދޭ. އަޅުގަނޑުމެން އަމާޒު ކުރަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެެރޭގައި ސްޓެލްކޯ މެދުވެރިކޮށް ބިލް ކުރަން ފަށަން،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ވެމްކޯގައި ރަޖިސްޓްރީކޮށްގެން ހިދުމަތް ހޯދާ 24،000 ކަސްޓަމަރުން މާލެ ސަރަހައްދުގައި އެބަތިބި ކަމަށެވެ. މީގެ ކުރިން ކަސްޓަމަރުންގެ އަތުން ފީ ހޯދުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް، މިހާރު ރަޖިސްޓްރީކޮށްގެން ހިދުމަތް ހޯދާ %85 ކަސްޓަމަރުން ހިދުމަތަށް ފައިސާ ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

މަމެން

12 ޖެނުއަރީ 2023
ވަރަށް ރަގަޅު ނިންމުމެއް. ކޮންމެ ގޭބިސީއަކުން ކުނި އުފައްދާ އަދި ކުނި ނެރޭއިރު، ކުނި އުކުމުގެ އަގު ނުދައްކާ އެތަކެއް ގޭބިސީއެއް ހުރުމަކީ މައްސަލައެއް. ހޯދާ ޚިދުމަތަށް އަގު ދައްކަންޖެހޭނެ، މިވަރު ނުވިސްނޭ މީހުން އުޅޭ ތަނެއްގައި ކަރަންޓު ބިލުގައި ވެސް އެ އަގު ހަމަ ހިމަނަންވީ. ފޯނު އާކުރާނެ ކޮންމެ ނިއު ރިލީސްއަކަށް، ކުނި އުކަންވީމަ ފައިސާ ނުހުރޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް