ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު ހޭލުންތެރި ކުރުމަށް އާއްމުކޮށްފައިވާ ފޮޓޯއެއް
11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ: ބޮޑުބޭބެ ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގެ 11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކުރެވޭ އޭނާގެ ބޮޑުބޭބެ ހައްޔަރު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނިގޮތުގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 11 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ޑިވިޝަންއަށް މިދިޔަ އަންގާރަދުވަހު ހުށަހަޅާފައިވެ އެވެ. އެ މައްސަލައިގައި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބެލެވެނީ ކުއްޖާގެ ބޮޑުބޭބެއެކެވެ. އެ މީހާ ދިރިއުޅެމުން އައީ އެ ކުއްޖާ ވެސް ދިރިއުޅޭ ގޭގަ އެވެ. ނަމަވެސް މައްސަލަ ފެންމަތިވުމުން އެ މީހާ ގެއިން ނެރެލާފައިވާ ކަމަށް އެނގިފައިވެ އެވެ.
އެނގުން މުހިއްމު - ކުޑަކުދިންނާ ގުޅުން ހުރި މިފަދަ މައްސަލަތަކުގައި ކުއްޖާ ރައްކާތެރިކުރުމުގެ ގޮތުން، ކަން ހިނގާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.