އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)

ރިޔާސީ އިންތިހާބުގައި އެހެން މީހެއްގެ ފަހަތަކަށް ނާރާނަން: އުމަރު

ރިޔާސީ ކެމްޕެއިން މި މަހު ރަސްމީކޮށް ފަށަން ތައްޔާރުވަމުން ގެންދަވާ އުމަރު ވިދާޅުވީ އޭނާ އިންތިހާބަށް ކުރިމަތިލައްވަނީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވެ ހުރި ކަންކަން ކުރުމަށް ކަމަށް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ އޭނާގެ ކެމްޕެއިން ރަސްމީކޮަށް ފެށުމުގެ ތައްޔާރީތައް ފައްޓަވައިފަ އެވެ.

އުމަރު މިއަދު 'ދައުރު' އަށް ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވާނީ، ކުރިން ވެސް ނިންމާފައިވާ ގޮތަށް، އަމިއްލަ ގޮތުން ކަމަށާއި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރުއްވާނެ ކަމަށެވެ.

ވީ ކިހިނެއް؟ - އުމަރުގެ ކެމްޕެއިން ކޮމިޓީ އެކުލަވާލައި، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފަ އެވެ. އަދި ކެމްޕެއިން ރާވާނެ ގޮތުގެ މަޝްވަރާތައް ވެސް ވަނީ ކޮށްފަ އެވެ.

ތަފްސިލު - އުމަރު ވިދާޅުވީ، މި މަސް ތެރޭ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އެއާއެކު ސިޔާސަތުތައް ހާމަކޮށް، ވޯޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެމްޕެއިން ހިނގާތާ އެތައް ދުވަސްތަކެއް ވެއްޖެ. އެކަމަކު ސިޔާސަތުތައް އިއުލާން ކުރުމުގެ މަސައްކަތް މި މަހު ފެށޭނެ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ތާރީހު ފަހުން އިއުލާންކުރައްވާނެ ކަމަށެވެ.

މިހާރުގެ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރު އޭރުގެ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ފަރާތުން ވާދަ ކުރެއްވި އުމަރު ވިދާޅުވީ، އޭނާ އަދިވެސް ހުންނެވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ގޮތަށް ކަމަށެވެ. އަދި ފުރަތަމަ އަމާޒަކީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދޭނަން އަޅުގަނޑުގެ ބެސްޓް ފައިޓް ދެވަނަ ބުރަށް ދާން. ދެން ދިވެހި ރައްޔިތުން ނިންމާނީ އެމީހުން ބޭނުންވަނީ ކުރީގެ އޯލްޑް ކޮރަޕްޓް ލީޑަރުންތޯ ނުވަތަ ޖެހިލުން ކުޑަ، ހިތްވަރުގަދަ ސަހުޝިއްޔަތެއްތޯ ބޭނުން ވަނީ،" އުމަރު ވިދާޅުވި އެވެ.

"އިންތިހާބުގެ އެއްވެސް ސްޓޭޖެއްގައި އެއްވެސް މީހެއްގެ ފަހަތަކަށް ނާރާނަން. އެއްވަނަ ބުރު، ދެވަނަ ބުރުގައި ވެސް ނާރާނަން. އެކަމަކު އަޅުގަނޑާ އެކު މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ."

އުމަރު ކެމްޕެއިން ކޮމިޓީއާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުން

އޭނާ ވިދާޅުވީ، ނުކުމެ ހުންނެވީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވެ ހުރި ކަންކަން ކުރުމަށް ކަމަށާއި އެ ކަންކަން ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އެއްވެސް ޕާޓީއަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލެއް ނުކުރެވުނު. އަޅުގަނޑު މި ވައުދު ވަނީ އެކަން ކުރާނެ ކަމަށް. އެއްވެސް ޕާޓީއަކަށް، އެއްވެސް ލީޑަރަަކަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވައެއްނުލެވުނު، އަޅުގަނޑު އެކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ދައުލަތް ހިންގުމަށް ހެޔޮ ބަދަލެއް ގެނެސް، "ހަރަދު ކުޑަކޮށް، މިހާރު ބޯމައްޗަށް ވެއްޓެމުން އަންނަ ދަރަނިން ސަލާމަތް ކޮށްދޭނަން" ކަމަށެވެ.

"މިއީ، ރާއްޖޭގެ ސިޔާސީ ލީޑަރުންނާ އަޅުގަނޑާ ހުރި ތަފާތަކީ. އެހެންވީމަ ރައްޔިތުން އެހެން ޕްރޮޑަކްޓެއް ޓެސްޓްކޮށްލަން ބޭނުމިއްޔާ އަޅުގަނޑު ޓެސްޓް ކޮށްލަންވީ."

އުމަރު ވިދާޅުވީ މަގާމުގެ ދަހިވެތިކަމެއް ނެތް ކަމަށާއި ބޭނުން ވަނީ ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.

ކޮމެންޓް (2)

ސަލާމް އަހްމަދު

5 ޖެނުއަރީ 2023
ހަގީގަތުގައި ވެސް ސިޔާސީ ޕާޓީތަކަށް ވޯޓުދީގެން ދެތިން ހާސް މީހުންގެ އަމިއްލަ އެދުން ހާސިލުވުން ނޫންކަމެއް ނުވޭ. މިނިވަން ކަމެއް ނެތި ވެރިކަންކުރަން ޖެހުނީމާ، ފިތިގެން ސިއްރުތައް ހާމަކޮށްފާނެތީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް އޮންނަނީ ނުވެފައި. ދިވެހި ޒުވާނުން މިހާރު މިކަމާ ވިސްނަންވެއްޖެ. ޕާޓީތަކާ ހެދި ބޭނުންވާ ވަރަށް ގައުމު ކުރި ނާރާ އެކަމާ ހެދި އެންމެ އުނދަގޫވެ ދެރަވެ ކަންބޮޑުވާނީ ވެސް ޒުވާނުންނަށް. ޕާޓީތަކަށް ނޫނެކޭ ބުނާ ދުވަސް މާބޮޑަށް ލަސްވެއް ވެއްޖެ.
0 0

ސިކުނޑި

5 ޖެނުއަރީ 2023
އުމަރު ކުރިމަތިލައިފިއްޔާ މަގޭ ވޯޓު އުމަރަށް ދޭނަން! އެހެނަސް މިއަދުގެ ސިޔާސީ ހަގީގަތަކީ ދިވެހިންގެ ތެރޭގައި އަމިއްލަ ސިކުނޑިން ވިސްނާ މީހުން މަދުކަން! ތިމާގެ އަމިއްލަ ޒަމީރަށްވުރެ އަނެކާއަށް އިތުބާރު ކުރާމީހުން ގިނައީ! ސަބަބީ ބޭނުންތައް ފުއްދަން މަގުފަހި ކުރުން! ސިސްޓަމްތައް ޑިޒައިން ކުރެވިފައިވަނީ ވެރިންކައިރީ ސަލަންޖަަހަންޖެހޭގޮތަށް! ވެރިންގެ ވިސްނުމާއި ފިކުރު ހުރީވެސް އެބީދައިން! އިޚްތިޔާރާއި ބާރަކީ ޒިންމާއެއް ކަމަށް ބަލާ ވެރިޔެއް މަދުން ނޫނީ ނުފެންނާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް