އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ވެރިކަމުގެ ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރީ އެއްބައިވަންތަކަން ދަމަހައްޓަން: ރައީސް

ރައީސް ވިދާޅުވީ ރާއްޖެ އަށް އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް

ވެރިކަމުގައި މިހާތަނަށް ހޭދަކުރެއްވި ދުވަސްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަން ދަމަހައްޓަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ދިވެހިިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން މ. ކޮޅުފުށީގަައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނިކުންނެވި އިރު އެމަނިކުފާނުގެ ކުރިމަތީ އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހިންގެ ތެެރޭގައި ހަމަޖެހުމާއި ސުލްހަ އާއި އެއްބައިިވަންތަކަން ގެއްލި ބައިބައިވެފައި އޮތް އޮތުން ކަމަށެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ދިވެހިން ދެއްކި ނަމޫނާ ފާހަގަ ކުރުން ކަމަށް ވިޔަސް، ރާއްޖެ އަށް އިރު އަރާ އިރުއޮއްސޭ ކޮންމެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ސިޔާސީ ބޭނުންތަކަށް ޓަކައި ވަކި ބަޔަކު ގަސްތުގައި ހަމަޖެހުން ނަގާލަމުން ދިޔަ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މުޖުތަމައުގައި ހަމަޖެހުން ގާއިމު ކުރުމަކީ ފުރަތަމަ ކުރަންވީ ކަންތައް ކަމަށް ވިސްނިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްބައިވަންތަ ކުރެވޭނީ ހިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށްގެން ކަމަށެވެ.

"އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށި ކޮންމެ މަޝްރޫއެއްގެ އަމަޒަކީ ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން،" ރަައީސް ވިދާޅުވި އެވެ.

ސުނަމީ ކާރިސާގެ ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވީ އެދުވަހު ދިވެހިން ސާބިތުކޮށްދިނީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން ކިތަންމެ ބޮޑު ގޮންޖެހުމެއް ވެސް ހުރަސްކުރެވިދާނެ ކަން ކަމަށެވެ.

"މީހުން ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް ވީރާނާ ވެގެން ދިޔަ އަދި ވަރަށް ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނު. އެހެން ނަމަވެސް އެ ހިތާމަތައް ތަހައްމަލު ކުރުމުގައްޔާއި އެ ދަތިތައް ފޫބެއްދުމަށް ކުރި މަސައްކަތުގައި އެ ގެއްލުން ލިބުނު ރަށަކާއި ގެއްލުން ނުލިބޭ ރަށަކާ ތަފާތެއް ނެތް ކޮންމެ ބަޔަކު ވެސް އެބަޔަކަށް ވީ ވަރަކުން، ކެރި ފޯރުން ތެރިކަން ހުރި ވަރަކުން އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ:

  • ސުނާމީ އާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ މެދުގައި އެހެން ގައުމުތަކުގައި ޖެހުނު ފަދަ މައްސަލައެއް ރާއްޖޭގައި ނުޖެހޭ ކަމަށާއި އެއީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެއްކި ނަމޫނާ އެއް ކަމަށް

  • ސުނާމީ ފަދަ ކާރިސާތަކަކީ މޫސުމަށް އަންނަ ބަދަކުތަކާ ގުޅިގެން ކުރިމަތިވާ މައްސަލަތަކަށް އިތުރަށް ސަމާލުވާން ހަނދާންކޮށްދޭ ކަމެއް ކަމަށާއި ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ވެސް ތިމާވެށީގެ ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމަށް އަދި އެ ގޮންޖެހުންތައް ހުރަސް ކުރުމަށް ރާއްޖޭގެ މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް މިއަދު ދޭން ޖެހިފައިވާ ކަމަށް

ކޮޅުފުށީ ރައްޔިތުންނަށް ރައީސް ވިދާޅުވީ އެރަށުގައި ގާއިމް ކުރުމަށް ރައްޔިތުން އެދޭ ހިދުމަތްތައް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެގޮތުން އެރަށުގައި ބޯފެނުގެ ނިޒާމު ގާއިމުކޮށް އިންޖީނު ގޭގެ މަސައްކަތް ކުރަމުންދާ ކަމަށާއި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެރަށުގައި 100 ހައުސިން ޔުނިޓު ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި ބޯހިޔާވަހި ކަމުގެ މަައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭ ހިމެނޭ މ. ކޮޅުފުށިން އެ ކާރިސާގައި 16 މީހުން މަރުވި އެވެ.

ކޮމެންޓް (3)

އަނގަގޮއްވި

26 ޑިސެމްބަރު 2022
އަހަރުމެން އަނގަ ގޮއްވަން ނޫޅޭ.. ހީކުރީ ވަރަށް ރަނގަޅު ވެރިކަމެއް ކުރާނެ ކަމަށް. ނަމަވެސް ފެނުނީ ތިމާއަށްވެސް ކޮރަޕްޝަންގެ ފައިސާދިން މުލުވަގު އަމީން އެވެނިއުގަ ހިމާޔަތްކޮށްފަ ބާއްވައިގެން ހަމައެކަނި ޔާމީންގެ ފަހަތުން ދުވެ ކޮރަޕްޝަންގެ މައްސަލަ ބަލާ ވަޢުދު ފުއްދިކަމަށް ދައްކަންއުޅޭ މަންޒަރު. މިހާ ރައްޔިތުންނަށް ދުއްތުރާކުރި ވެރިއެއް ނުދެކެން.
3 0

ހޫރުޝީދާ

26 ޑިސެމްބަރު 2022
އެކަމަކު ބަހާ އަމަލާ ސީދާ ނުވާތީ ދެރައީ ދެއްތޯ! ހަމަހަމަކަން ގާއިމް ކުރަން އުޅެގެން ބޭއިންސާފުން ކިތައް ކަންތައް ތޯ ކުރެއްވުނީ؟
2 0

ސިޔާސަތު

26 ޑިސެމްބަރު 2022
ކޮންމެ މީހަކު ވެސް ވެރިކަމަށް އަރަން ގިނަ ވައުދުތަކެއް ވެ، ގިނަ ހުވާ އަހުދުތަކެއް ކުރާނެ ރައްޔިތުންނަށް. އެކަމަކު ބަހާ އަމަލާ ދިމާވާނީ މަދު މީހެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް