ރ. ކިނޮޅަހުގެ ބަނދަރު ހެދި ފަހުން ކުރިމަތިވާން ފެށި، ފަޅު ތެރެއަށް ވެލި އަރާ މައްސަލަ ބޮއްސުންލައި ރަށު ބަންދުގައި ތިބެން ޖެހޭތީ ކިނޮޅަހު މީހުން މި މަހު އިހްތިޖާޖް ކުރަނީ.

ތިމާވެށި

މަޝްރޫއުތަކަށް ވެށި ހަލާކުކުރުމުގެ ޒިންމާ ނަގަންވީ ރައްޔިތުން ބާ؟

މަޖިލީހުގެ ރައީސް ނަޝީދާއި ޕްލޭނިން މިނިސްޓަރު އަސްލަމް ބުދަދުވަހު ވިދާޅުވިގޮތުގައި ރަށްރަށަށް ގެއްލުން ލިބެނީ ރައްޔިތުން ވަކި ކަހަލަ މަޝްރޫއުތަކަކަށް ޑިމާންޑްކުރާތީ. ނަމަވެސް ތިމާވެށީގެ ހިމާޔަތަށް ގޮވާލާ ފަރާތްތަކުން ބުނަނީ ޒިންމާ ނަގަން ޖެހެނީ ސިޔާސީ މީހުން ކަމަށް.

ރާއްޖޭގެ ސަރުކާރުތަކުން ތާއަބަދު ބޭރު ދުނިޔޭގައި ތަކުރާރުކުރާ ވާހަކައެއް އޮވެ އެވެ؛ ތިމާވެށި ނާޒުކުކަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ކުރިމަތީގައި، ރާއްޖެ އޮތީ މަރުގެ ތުންފަތްމަތީގަ އެވެ. އެކަމަކު އޭގެ އަނެއް ކޮޅުން، އުމްރާނީ މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ދިފާއީ ނިޒާމުތައް ހަލާކުކުރަނީ ނުވަތަ އެ ޖާގަ ދެނީ ވެސް ސަރުކާރުތަކުންނެވެ.

މި ފުށުއެރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ނޫސްވެރިޔަކު ބުދަދުވަހު ސުވާލުކުރުމުން ސަބަބަކަށް ދެއްކެވީ އާއްމުން "ކޮންކްރީޓް ތަރައްގީ" ބޭނުންވާތީ ކަމެވެ. އެ ދުވަހު މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވައިގެން ބޭއްވި ޖަލްސާގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ހަމަ އެ މޭރުމުން ވާހަކަދެއްކެވި އެވެ. އަސްލަމް ވިދާޅުވީ މަޝްރޫއުތަކުގައި ރަށްރަށުގެ ވެއްޓާ ކުޅެނީ "ޕަބްލިކް ޑިމާންޑަށް" ކަމަށެވެ.

އެކަމަކު ތިމާވެށީގެ ހިމާޔަތަށް އަޑުއުފުލާ މީހުން ދެކޭގޮތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން ދީފައި ހުރި ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހެނީ ސިޔާސީ މީހުންނެވެ. އެއީ މަޝްރޫއުތައް ހިންގުމުގައި ސިޔާސީ އަދި ވިޔަފާރީގެ މަސްލަހަތުތައް އިސްކުރުމާއި ގެއްލުން ކުޑަކުރަން އެހެން ގޮތްތަކެއް ސަރުކާރުން ރައްޔިތުންނަށް ދައްކައިނުދޭތީ އާއި އާއްމުން ހޭލުންތެރިކުރުމަށް ވެސް މަސައްކަތެއް ނުކުރާތީ އެވެ.

ތިމާވެށީގެ މައްސަލަތަކުގައި ހަރަކާތްތެރިވާ 'ސޭވް މޯލްޑިވްސް' އިން ބުނިގޮތުގައި މަޝްރޫއުތަކުގެ ގެއްލުންތަކުން ފެންނަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާގައި ސިޔާސީ މީހުން ފެއިލްވެފައިވާ ތަނެވެ.

"ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހާލަތު ރަނގަޅުކޮށްދޭނަމޭ ކިޔައިގެން މެނިފެސްޓޯ ހަދައިގެން ރައްޔިތުންނަށް އެކި ވާހަކަތައް ވިއްކައިގެން އައިސް މި ކަމެއް މި ކުރަނީ. މި ހަޑި ހާވާފައި ރައްޔިތުން ބޮލަކަށް ކަނޑައެއް ނުލެވޭނެ،" ސޭވް މޯލްޑިވްސްގެ ތަރުޖަމާނު ހުމޭދާ އަބްދުލްޣަފޫރު ވިދާޅުވި އެވެ. "ޒިންމާ ނަގާ ހިސާބުން ރައްޔިތުންގެ ބޮލަކަށް ކަނޑައެއް ނުލެވޭނެ. ސިޔާސީ މީހުން ޒިންމާ ނަގަން ޖެހޭނެ. އެ މީހުން ފެއިލްވެއްޖެ."

އުމްރާނީ މަޝްރޫއުތަކުގައި ތިމާވެއްޓަށް ފަރުވާލެއް ނުބަހައްޓައި އޭރަކު ފެނުނު އެންމެ ފަސޭހަ، އަވަސް މަގަކުން ގޮސް އެ ކަމެއް ނިންމާލުމުގެ ސަގާފަތެއް އަށަގަނެ އޭގެ ނަތީޖާ ހިތިކަން، މޫސުން ގޯސްވާ އިރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ އަދި ގިރަމުންދާ ރާއްޖޭގެ ރަށްރަށުން، އެބަ ފެނެ އެވެ. ސަރުކާރުން ނުވަތަ ސިޔާސީ މީހުން ހިންގަން ބޭނުންވާ މަޝްރޫއުއެއް ނަމަ ފަޅުތަކާއި ކުޅިތައް ހިއްކައި ހޭޅިތައް ބިމާ ހަމަކޮށްލުން އެއީ އާދައިގެ ކަންކަމެވެ. އެހެންކަމުން އެއީ އާއްމުން ބޭނުންވާ ގޮތް ކަމަށް ބުނެ ވާހަކަދެއްކުމަކީ، ހުމޭދާ ސިފަކުރެއްވި ގޮތުގައި، "ހުތުރު" ކަމެކެވެ.

"ރައްޔިތުން ބޭނުންވާނެތޯ އެ މީހުންގެ ގެދޮރު ގިރައިގެން ދާން؟" އޭނާ ސުވާލު އުފެއްދެވި އެވެ.

ނަޝީދު ބުދަދުވަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގެއްލުންދެނިވި ބިޔަ މަޝްރޫއުތަކާ ބެހޭ ގޮތުން ކުރި ސުވާލަށް ނަޝީދު ދެއްވި ޖަވާބުގައި، އެއްވެސް ހައްދެއް ނެތި ޓޫރިޒަމް ފުޅާކުރުމުގެ ސިޔާސަތަކުން މުއްސަނދިންނަށް ހުއްދަ ދީގެން ފަރުތަކަށް ކިސަޑު އަޅައި ރަށްރަށުން ރުއްގަސް އުފުރައިގެން ރިސޯޓު ހެދުމާއި ސަރުކާރުގެ ބިޔަ މަޝްރޫއުތަކުގެ ވާހަކައެއް ނުގެންނަވަ އެވެ. އެމަނިކުފާނު ފާޅުކުރެއްވީ "ބޮޑު ހިލަ ބަނދަރު ހަދާތީވެ، އެއްގަމު ތޮށި އަޅާތީވެ، ކޮންކްރީޓް ތަރައްގީ ގެންނަން ވެގެން ވިސްނާތީވެ" ރުހިވަޑައިނުގަންނަވާ ކަމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ވާހަކަދެއްކެވުމުގައި ދުނިޔޭގެ މަގްބޫލުކަން ހޯއްދަވާފައިވާ ކުރީގެ ރައީސް ވިދާޅުވި ގޮތުން ނަމަ، "އަޅުގަނޑާ އެއްވަރަށް މި ކަމަށް ފާޑުކިޔާ މީހަކު މަދުވާނެ" އެވެ. އެކަމަކު މައްސަލައިގެ އަސްލަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އާއްމުންނަށް އޭގެ ގެއްލުންތައް ނުވިސްނޭ ކަމެވެ.

"ކޮންމެ ރަށެއްގެ ވެސް ރައްޔިތުން އެދި މި ތިބެނީ ގިރާ ސަރަހައްދު ގިރާތީވެ ބޮޑު ހިލަ ބަނދަރެއް ބޭނުމޭ. އެއްގަމު ތޮއްޓެއް އަޅާން ޖެހެއޭ. ރަށް ހިއްކާން ޖެހެއޭ. އެ ރައްޔިތުންގެ ހިތްތަކަކަށް ގެންނަން ދަތިވެފައި މި އޮތީ، ފަރަށް ވާ ގޮތުގެ ސަބަބުން ތިމަންނާއަށް ސީދާ ގޮތުގައި ލިބިދާނެ ގެއްލުން،" ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ގިނަ ދުވަސްތަކަކަށް ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން، ނޫސްވެރިންނަށް ނަޝީދު ވިދާޅުވި އެވެ.

އަސްލަމްގެ 'އިއުތިރާފް'

އަސްލަމް މަޖިލީހުގައި މިކަމާ ބެހޭގޮތުން ވާހަކަދެއްކެވީ، ރަށްރަށުގައި ތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރާ އިރު ވެސް އުދަ އެރުމާއި ރަށް ގިރުން ފަދަ މައްސަލަތައް ހައްލުނުވަނީ ކީއްވެގެންތޯ މެމްބަރަކު ސުވާލުކުރެއްވުމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި ތޮށި ލާން "ޑިމާންޑް" އަންނަނީ "ކުއްލިއަކަށް" ކަމަށާއި ދެން އެ "މަސައްކަތް ޕްލޭންކުރުމުގައި އެ ދެވޭ ވަގުތު ކުޑަވެފައި އަޅުގަނޑުމެންނަށް އެކަމަށް ތައްޔާރުވުން ކުޑަވެފައި" ކަމުގެ ގޮންޖެހުންތައް ވެސް ބޮޑީ ކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެ ގޮތަށް ބަނދަރު ހަދައި، ބިން ހިއްކައި، ތޮށިލީމާ ވާނެ ގޮތް ބަލާކަށް އާއްމުން ވެސް އަދި ސިޔާސީ މީހުން ވެސް ނޫޅެ އެވެ. އެފަދަ ކަންކަން ރަނގަޅަށް ބެލުމުގެ ގާބިލްކަން ވެސް ރާއްޖޭގައި ކުޑަ ކަމަށާއި އަދި އީއައިއޭ ހެދުމުގެ ނިޒާމެއް އޮތަސް، "ގިނަ ފަހަރަށް އެއީ ކަޓް ޕޭސްޓް އެއްޗެއް" ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ވަރަށް ގިނަ ފަހަރަށް އަޅުގަނޑަށް އަންނަ މައްސަލައެއް މީ، މިހެނޭ ހަދަން ޖެހޭނީ. މީގެ އެކްސްޕާޓް އޮޕީނިއަން ވެސް އަހާކަށް ގިނަ ފަހަރަކަށް ބޭނުމެއް ނުވޭ. އެތާ ތޮއްޓެއް ލީމަ މި ތަން ރަނގަޅުވާނޭ. ދެން އަޅުގަނޑުމެން ސިޔާސީ މީހުން ވީމަ، ޕަބްލިކް ޑިމާންޑަށް ވަރަށް ގިނަ ފަހަރަށް ދީލާލާ. ދެން ވަރަށް ގިނަ ފަހަރަށް އުނދަގޫ ވާހަކައެއް އަޑުއަހަން، ނޫނެކޭ ބުނުން، ތި ގޮތް ކަމުނުދެއޭ ބުނުން،" އަސްލަމް ވިދާޅުވި އެވެ.  

އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ހުމޭދާ، އަސްލަމްގެ ވާހަކަ މާނަކުރައްވަނީ "އިއުތިރާފެއް"ގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ކަމުގެ އިލްމާއި ތަޖުރިބާ ހުރި އަދި ޒިންމާ ނަގަން ޖެހޭ މީހުން އެ ގޮތަށް ވާހަކަދެއްކުން ބަލައިނުގަނެވޭނެ ކަމަށެވެ.

"އަމިއްލައަށް އިއުތިރާފް އެ ވަނީ، ގެއްލުންކަން ލިބެނީ އެނގި ތިބެއޭ މިކަހަލަ ނިންމުންތައް ނިންމައިގެން ކުރިއަށް ދަނީ. ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ވާ، އަދި ކުރިމަގުގައި ވެސް ރަށްތަކަށް ބޮޑެތި ގެއްލުންތައް ވާ ކަހަލަ ނިންމުންތައް ނިންމައިގެން ކުރިއަށް ދަނީ މީގެ ސަބަބުން އެ ނަތީޖާ ނުކުންނާނެކަން އެނގިތިބެއޭ،" ހުމޭދާ ވިދާޅުވި އެވެ.  

ކޮންމެ ކޮންޓްރެކްޓަކީ އެތަކެއް ވިޔަފާރި

ހުމޭދާ ވިދާޅުވީ "ތަރައްގީއަކީ ކޮން އެއްޗެއްކަން ރައްޔިތުންނަށް ކިޔައިދެނީ ސިޔާސީ ފަރާތްތަކުން" ކަމަށެވެ. އަދި މަޝްރޫއުތަކަކީ ރައްޔިތުން ޑިމާންޑް ކުރާ ގޮތް ކަމަށް ބުނާ އިރު، އެއީ ކޮން ބައެއްތޯ ސާފުކޮށްދޭން ޖެހޭ ކަމަށާއި ރައްޔިތުންނަކީ "ދެތިން ވިޔަފާރިވެރިން" ނުވަތަ އަމިއްލަ އެދުމެއް އޮތް މަޖިލީހުގެ މެމްބަރެއް ނުވަތަ ކައުންސިލަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާއްމުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެތް އެއާޕޯޓުތަކާއި ހިއްކި ބިންތަކާއި ބަނދަރުތަކަށް ދައުލަތުގެ ބަޖެޓުންނާއި ދަރަނިން މިލިއަނުން ކުރާ ހަރަދުގެ އިތުރުން، އެ ތަންތަން ބޭކާރުވުމުގެ ނަތީޖާއެއްގެ ގޮތުން "ކުރިއަށް އޮތް ތާނގައި ވެސް ރައްޔިތުންގެ ބޮލުގައި ދަރަނި އެޅިގެން ދިޔުމަކީ ތަރައްގީއެކޭ ނުކިޔޭނެ" ކަމަށް ހުމޭދާ ވިދާޅުވި އެވެ. އަދި ހުއްޓާލާ މަޝްރޫއުތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދޭ ފައިސާގެ ބޮޑެތި އަދަދުތަކާ މެދު ހުމޭދާ ސުވާލުއުފެއްދެވި އެވެ. އެހެންކަމުން، އޭނާ ވިދާޅުވީ، މަޝްރޫއުތައް ހިންގުމުގެ ފަހަތުގައި އޮތް ހަމައެކަނި ސަބަބަކީ "ކޮންޓްރެކްޓް ވިޔަފާރި" ކަމަށް ބުނެވިދާނެ ކަމަށެވެ.

"ކޮންޓްރެކްޓް ހެދުމުގެ ތެރޭގައި ދިވެހިރާއްޖެއަކީ ކޮރަޕްޝަން ބޮޑު ތަނަކަށް ވާތީ ކޮންމެ ބޮޑު ކޮންޓްރެކްޓަކީ އެތައް ވިޔަފާރީގެ ކަންކަން އޭގެ ތެރޭ ހިމެނޭ އެއްޗަކަށް ވާތީ، މިކަމުގައި އުޅޭ މީހުންނަށް ކޮންމެވެސް ފައިދާއެއް ވާތީ ކަމަށް ބުނުމުގެ ޖާގަ އޮތް ކަމަށް ގަބޫލުކުރެވޭ ހިސާބަށް ކަންތައްތައް ގޮސްފައި އޮތީ،" ހުމޭދާ ވިދާޅުވި އެވެ.

ނަޝީދާއި އަސްލަމް ބުދަދުވަހު ވާހަކަދެއްކެވީ ގުދުރަތީ ނިޒާމުތައް ބޭނުންކޮށްގެން ރައްކާތެރިކަން ހޯދުމަށް ތާއީދުކުރައްވަ އެވެ. ފަރު ހެދުމާއި ހޭޅިފަށް އިއާދަކުރުން ފަދަ ކަންކަމެވެ. ކުރިއަށް އޮތީ، މޫސުމަށް އަންނަ ބަދަލުތަކާ އެކު، ތިމާވެށީގެ މައްސަލަތައް ހައްތަހާ ބޮޑުވެގެންދާނެ ދުވަހެވެ.

ބޭރުގައި ރާއްޖޭގެ ލީޑަރުން އެ ވާހަކަ ދައްކަވަނީ ވަރަށް އަސަރާއި ޖަޒުބާތުގަ އެވެ. އަޑުއުފުއްލަވަނީ ޖޯޝުގަ އެވެ. އެކަމަކު އެތެރޭގައި އޮތީ ސިޔާސީ ކެމްޕެއިންތަކަށް ރަށްރަށުގައި މަޝްރޫއުތައް ހިންގުމުގެ ބޮޑެތި ވައުދުތައް ވެ، ޖެހިގެން އަންނަ އިންތިހާބު ކައިިރިވާން ފެށުމުން، އެ އިންތިހާބަކަށް މުހިއްމުވާ މިންވަރަކުން، މުހިއްމުވާ ތަންތަނުގައި، ކޮންމެ ގޮތެއް ހަދާފައި ވެސް އެ މަޝްރޫއުއެއް ހިންގުމެވެ. ހުމޭދާ ސުވާލުކުރެއްވީ، އެއީ ގެއްލުން ހުރި ކަމެއްކަން ސިޔާސީ މީހުންނަށް އެނގި ތިބެ، ޒިންމާ "ރައްޔިތުން ބޮލަށް ޖަހަނީ"ތޯ އެވެ.

ކޮމެންޓް (2)

އަހުމަދު

18 އޮކްޓޯބަރު 2021
ނަޝީދު ބުންޔެއްކަމަކު ތެދެއް. ކޮންކްރީޓް ތަރައްގީ މި ބޭނުންވަނީ ވަގުތުން ވަގުތައް. ދިރާސާ އެއް ކުރަން ލަސް ވެއްޖިޔާ އިސްތިއުފާ އައް ގޮވާ ހަޅުތާލު ކުރޭ. ސަރުކާރުތައް ދިފާއު ކުރަނީކީއެއް ނޫން އެކަމަކުވެސް ދިވެހިންގެ ކަންތަށްވެސް ތަންކޮޅެއް ބޮޑީ
0 0

އަބްސީ

16 އޮކްޓޯބަރު 2021
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން ދީފައި ހުރި ގެއްލުންތައް ރާއްޖޭގައި ވަރަށް ގިނަ އެކަމަކު ޒިންމާވާނެ ބައެް ނެތީ. ދެރަކަންތަށް މިއީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް