ގއ. މާމެންދޫ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ (ފޮަޓޯ/ ރައީސް އޮފީސް)

އާ އިންޖީނުގެތަކުން ކުރިއަށް އޮތް 50 އަހަރަށް ކަރަންޓު ދެވޭނެ: ރައީސް

މާމެންދޫ ކައުންސިލުން އެދުނު ގިނަ ކަންކަން ފުރިހަމަކޮށްދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި

މި ސަރުކާރުން ރަށްރަށުގައި ހަދަމުންދާ އާ އިންޖީނުގެތަކަކީ، ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ ވަރަށް ރަށްރަށަށް ކަރަންޓް ދެވޭނޭ ވަރުގެ އިންޖީންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ، ގއ. ނިލަންދޫ އާއި ގއ. މާމެންދޫގައި ފެނަކައިން ގާއިމްކުރި އާ އިންޖީނުގެ ހުޅުވައިދެއްވާފަ އެވެ.

ތަފްސީލް - ނިލަންދޫއަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު، މާމެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ:

  • އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ހަފްތާއެއް ނުވަނީސް ހައްލު ކުރަން ޖެހުނު މައްސަލައަކީ ރަށްރަށުގެ ކަރަންޓްގެ މައްސަލަ 

  • އެގޮތަށް ދިމާވީ، ކުރީގެ ސަރުކާރުތަކުން ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްފައި ނެތުމުން ކަމަށް ރައީސް ފާހަގަ ކުރެއްވި 

"ރާއްޖޭގެ ރަށްތަކުގައި މި ގާއިމްކުރާ އިންޖީނުގެއާއެކު، ކުރިއަށް މި އޮތް 50 އަހަރަށް އިރާދަކުރެއްވިއްޔާ ދަތިކަމެއް ނެތި ކަރަންޓު ދިނުމުގެ ކެޕޭސިޓީ ހުންނާނެ. ރައްޔިތުން ނުޖެހޭނެ މާ ބޮޑު ޝަކުވާތަކެއް މިކަމުގައި ކުރާކަށް،" މާމެންދޫ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު، މާމެންދޫ އާ އިންޖީނުގެ އިމާރާތް ހުޅުވައިދެއްވަނީ(ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވިދާޅުވީ، ޒަމާނީ އާ އިންޖީނުގެތަކެއް ހެދި ނަމަވެސް އިންޖީނަކަށް ދިމާވާ ޓެކްނިކަލް މައްސަލައަކުން ފަހަރެއްގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ. ނަމަވެސް ބޮޑު އިންވެސްޓްމަންޓެއް ނުކޮށް ހަމައެކަނި އިންޖީނަށް ދިމާވާ މައްސަލަ ހައްލުކޮށްގެން މިހާރު ހަދާ އިންޖީނުގެ ތަކުން 50 އަހަރަށް ކަރަންޓް ދެވޭނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ ގައިމުވެސް މިއީ، އަޅުގަނޑުމެންގެ ފަހުން ވެރިކަމަށް އަންނަން ތިބި ބަޔަކު، އެއީ 2028 ކަމަށް ވިޔަސް އަދި 2032ކަމަށް ވިޔަސް މިކަމަކާ [ކަރަންޓު ހިދުމަތާ] ދޭތެރޭ ވިސްނާކަށް ނުޖެހޭނެ. މުޅިން އެހެން ކަމެއް އެބޭފުޅުން ވިސްނަން ޖެހޭނީ،" 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

މާމެންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސްގެ ވާހަކައިގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެއްވި ބައެއް ކަންކަން ހަނދާންކޮށް ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ:

  •  ޖުމްލަ 313 އިންޖީނު 144 ރަށަކަށްވަނީ ފޯރުކޮށްދީފައި

  • 137 ރަށުގައި ކަރަންޓް ކޭބަލް ނެޓްވޯކް ވަނީ މުޅިން އާކޮށްފައި

  • 46 ރަށުގެ ފެނަކަ އޮފީސް މުޅިން ނިމިއްޖެ؛ 64 ރަށުގެ މަސައްކަތް ކުރިއަށްދާއިރު، 36 ރަށުގައި އަންނަ އަހަރު މަސައްކަތް ފެށޭނެ

  • ޖުމްލަ 146 ރަށުގެ އިންޖީނުގެ އާއި އޮފީސް މި ފަސް އަހަރު ނިމޭއިރު ނިމޭނެ

އަޅުގަނޑުމެންގެ ފަހުން ވެރިކަމަށް އަންނަން ތިބި ބަޔަކު، އެއީ 2028 ކަމަށް ވިޔަސް އަދި 2032 ކަމަށް ވިޔަސް މިކަމަކާ [ކަރަންޓު ހިދުމަތާ] ދޭތެރޭ ވިސްނާކަށް ނުޖެހޭނެ. މުޅިން އެހެން ކަމެއް އެބޭފުޅުން ވިސްނަން ޖެހޭނީ

އިބްރާހިމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ
މާމެންދޫ ކައުންސިލް މެންބަރުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ގުޅުން ހުރި - މި ރަސްމިއްޔާތުގެ ކުރިން ރައީސް ވަނީ މާމެންދޫ ކައުންސިލާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން ރައީސް ވިދާޅުވީ:

  • އަންނަ އަހަރު، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އަމަލީ މަސައްކަތް ފަށާނަން

  • މާމެންދޫ ކައިރީގައި އޮންނަ ހުޅެމެންދޫ، ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްދޭނަން

  • ކުނި މެނޭޖުކުރުމަށް ބަޖެޓް ކުރުވިފައި އޮންނާނެ، އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ

  • ކައުންސިލުން އެދުނު އަދަދަށް އަބަދުވެސް ރަށުގައި ފުލުހުން ބައިތިއްބައިދޭނަން

  • ސިއްހީ މަރުކަޒު 24 ގަޑިއިއަށް ބަދަލުކުރުމަށް މަސައްކަތްކޮށްދޭނަން

  • ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފަތި ރަށް ކައިރީގައި އަޅައިދޭނަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް