ބިންވެރިޔާ ސްކީމުގެ ދަށުން ބިން ދޫކުރާ ހުޅުމާލެ ދެވަނަ ފިޔަވަހި. (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

ދުސްތޫރީ މައްސަލައަކަށް ނުވާތީ 'ބިންވެރިޔާ' ސްކީމުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، މި އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ހަދާފައިވާ އުސޫލަކަށް ނުވާތީ އެއީ ދުސްތޫރީ މައްސަލައަކަށް ނުވޭ
11 ޑިސެމްބަރު 2022

މާލޭ ރަށްވެހިންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ދޫކުރަން ސަރުކާރުން ހުޅުވާލި 'ބިންވެރިޔާ ސްކީމް' އުސޫލު ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިލޭ ބިން ދޫކުރަން ހައުސިން މިނިސްޓްރީން ހުޅުވާލާ އާންމުކުރި އުސޫލުގައި، ބިމަށް އެދެވޭނީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓްރީ ވެފައި ނުވާ މީހަކަށް ވުން ޝަރުތެއްގެ ގޮތުގައި ކަނޑައެޅި އެވެ.

މި މައްސަލަ، ކޯޓަށް ހުށަހެޅީ މާލޭ ރަށްވެއްސެއް ކަމަށް ބަލާ މިންގަނޑާ މެދު ހިތްހަމަނުޖެހިގެންނެވެ. އެގޮތުން، ދެ ވަކީލެއްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، ބިން ދޫކުރާ އުސޫލު ގާނޫނުއަސާސީ އާއި ބިމާ ބެހޭ ގާނޫނާއި ދިރިއުޅުމުގެ ބޭނުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ހިލާފު ކަމަށެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ވަނީ މިއީ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭ ބާވަތުގެ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ކޯޓުގައި ފާހަގަކުރައްވާފަ އެވެ. އެ ކޯޓުގައި މި މައްސަލަ ބެލި ފަސް ފަނޑިޔާރުން ވެސް އިއްތިފާގުވީ މި ނުކުތާގެ މައްޗަށެވެ.

ހައި ކޯޓު. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ތަފްސީލް - ހައުސިން މިނިސްޓްރީގެ ގޯތި ދިނުމުގެ އުސޫލު ދުސްތޫރީ މައްސަލައަކަށް ނުފެތޭ ސަބަބުތައް ފާހަގަކުރައްވަމުން ބެންޗުގެ ތާއީދު ލިބުނު ރައުޔުގައި، އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވި ގޮތުގައި:

  • ދުސްތޫރީ މައްސަލަތަކަކީ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބަޔެއް މާނަކުރަން ހުށަހަޅާ މައްސަލަތައް

  • މިފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުން

  • ގެދޮރުވެރިޔާ ސްކީމާ ގުޅޭ އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ހަދާފައިވާ އުސޫލެއް ނޫން

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހަދާފައިވާ އުސޫލެއް

ދުސްތޫރީ މައްސަލައެއްގެ ނޫން ނަމަވެސް ނަމަވެސް، އުސޫލާ ގުޅޭ މައްސަލަ، ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ތެރެއަށް ފެތޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެނގުން މުހިންމު - މާލޭ ރައްޔިތުކަން ބަލާ މިންގަނޑާއި މެދު އާންމުންގެ ފަރާތުން ރައްދުވީ ފާޑުކިޔުންތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ވަނީ އެ މިންގަނޑަށް ކުޑަ ލުޔެއް ދީފަ އެވެ. އެކަމަކު އެ ލުއި ދިނީ އެހެން ރަށެއްގައި ރަޖިސްޓްރީ ވުމަށް ފަހު އަލުން މާލޭ ރަށްވެހިންނަށް ވެފައިވާ، މަންމަ ނުވަތަ ބައްޕަގެ ރަޖިސްޓްރީގައި މާލޭގައި އޮންނަ މީހުންނަށެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 1000 ގޯއްޗަށް 15،164 މީހުން ގޯއްޗަށް ކުރިމަތިލި އެވެ. ބޮޑުމިނުގައި 1250 އަކަފޫޓުން ފެށިގެން ގޮސް 4000 އަކަފޫޓާ ހަމައަށް ދޫކުރާ މި ތަންތަން ލިބޭ މީހުން އިއުލާނު ކުރާނެ ސީދާ ތާރީހެއް އަދި ނުބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް