ހުޅުމާލެ ފޭސް: ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި 'މާލޭ ރައްޔިތެއް'ކަމުގައި ބަލާ މިންގަނޑާ މެދު ހިތްހަމަނުޖެހިގެން ވަނީ ކޯޓަށް ހުށަހަޅާފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ގޯތި ދިނުމުގައި 'މާލޭ ރައްޔިތު'ކަން ބަލާ މިންގަނޑުގެ މައްސަލަ ކޯޓަށް
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' އާއި މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ހިންގާ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ބޯހިޔާވަހިކަން ދިނުމުގައި މާލޭގެ ރައްޔިތެއް ކަމުގައި ބަލާ މިންގަނޑާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހުޅުވާލައި ފުރަތަމަ އާއްމު ކުރި އުސޫލުގައި ބުނެފައިވާ ގޮތުން، މާލޭ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވާ އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތަކެވެ.
މި އުސޫލު އާއްމު ކުރުމާ އެކު އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ވީ ކިހިނެއް؟ - އޭގެ ތެރެއިން މި މައްސަލަ ކޯޓަށް ހުށަހެޅި އެކަކު ކަމަށްވާ، އެސްޖޭ ކުންފުނީގެ ވެރިޔާ ޝިހާދު އިބްރާހިމް ކުރިން ވިދާޅުވެފައި ވަނީ، މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށާއި އެހެންވެ، މާލޭ ރައްޔިތުކަން ވަކި ގޮތަކަށް މާނަކޮށް ހައްގުތައް ހަނި ނުކުރެވޭނެ ކަމަށެވެ.
ތަފްސީލް - މި މާއްދާ ބާތިލް ކުރުމަށް އެދި އޭނާ ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ވަނީ ބަލައިގަނެފަ އެވެ. ހައި ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް 'ދައުރަ'ށް ޔަގީންކޮށްދެއްވި ގޮތުގައި، އެ މައްސަލަ ކުރިއަށް ގެންދާނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ.
އެކަމަކު އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، ގޯތި ދޫކުރުން ހުއްޓުމުގެ އަމުރަކަށްތޯ ނޫނީ ހަމައެކަނި އެ މާއްދާ ބާތިލް ކުރުމަށްތޯ ސާފުނުވާ ކަމަށް އަމީން ވިދާޅުވި އެވެ.
މިއީ ދުސްތޫރީ މައްސަލައަކަށްވުމުން، އެކަން ބަލާނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ގޯތި ދޫކުރުމުގެ ސްކީމުގައި މާލޭގެ ރައްޔިތުކަން މާނަކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެހެން ބަޔަކު ވެސް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
އެކަމަކު އެ އުސޫލަށް ސަރުކާރުން އިސްލާހުތަކެއް ގެނައުމާ އެކު އެ މައްސަލަ ވަނީ އަނބުރާ ނަގާފަ އެވެ.
ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން ގެނައި އިސްލާހާ އެކު:
-
އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތަކަށް ވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން، ކަނޑައަޅާފައިވާ ގަވައިދެއްގެ ސަބަބުން، ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށް ފަހު މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުންނަކީ ވެސް މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލާނެ
މި އިސްލާހާ އެކު، ގޯތި ދޫކުރުމުގެ މުއްދަތު ވެސް ވަނީ އަންނަ މަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
އެނގުން މުހިއްމު - 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވެ އެވެ. ނަމަވެސް ގޯއްޗަށް ކުރިމަތިލެވެނީ ހަމައެކަނި މާލޭ މީހުންނަށް ކަމަށް ވާތީ މާލޭގައި ދިގު މުއްދަތަށް ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މާލޭ މީހުން ކަމަށް ބަލާ އުސޫލު އޮތް ގޮތުން، މާލޭ ދަފްތަރުގައި ހިމެނޭ ބައެއް މީހުން ވެސް ގޯތީގެ ސްކީމުން ބާކީވެ އެވެ.