ދައްޕަރު: އާންމުން ނުރުހުންވުމުން ރައީސް މިއަދު ވަނީ އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައި

ރައީސް ގަރާރު ނެރުއްވާ ދައްޕަރު ފިއްލަދޫގެ ބައެއްގެ ގޮތުގައި އަލުން ހިމަނައިފި

ރައީސް އޮފީހުން ބުނީ ފިއްލަދޫގެ ބައެއްގެ ގޮތުގައި ދައްޕަރު ބޭއްވުމަށް ރައީސް ނިންމެވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށް

ހއ. ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު އަލުން ހިމަނައި ރައީސްގެ ގަރާރު މިއަދު ގެޒެޓްކޮށްފި އެވެ. އެއާ އެކު ދައްޕަރު މިވަނީ އަނެއްކާ ވެސް ފިއްލަދޫގެ ބަޔަކަށް ވެފަ އެވެ.

މައްސަލައިގެ ފެށުން - ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފިއްލަދޫގެ އުތުރުކޮޅުގައި އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސޯސުން ވަކިކޮށް، ޓޫރިޒަމްގެ ބޭނުމަށް ހާއްސަ ކުރީ މިދިޔަ އޮގަސްޓު މަހުގެ 29ގަ އެވެ. އެ ނިންމެވުމާއެކު، ފިއްލަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން 'ސޭވް ދައްޕަރު'ގެ ނަމުގައި ހަރަކާތެއް ފެށި އެވެ. އެ ހަރަކާތުން އިސްނަގައިގެން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި އަލުން ދައްޕަރު ހިމެނުމަށް ފެށި މަސައްކަތުގެ ނަތީޖާއަކަށްވީ، ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސޯސުގެ ތެރެއަށް ވެއްދުމަށް ރައީސް ނިންމެވުމެވެ. ރައީސް އެގޮތަށް ނިންމެވީ މި މަހުގެ ހަތަރެއްގަ އެވެ. އެކަން ރަސްމީވެ، ފިއްލަދޫގެ އިހުތިސޯސްގެ ތެރޭގައި ދައްޕަރު ހިމެނިގެން ދިޔައީ ރައީސްގެ ގަރާރުން އެކަން މިއަދު ނިންމެވުމުންނެވެ.

ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސޯސްގައި ހިމެނުއްވުން

ބުނީ ކީކޭ؟ - ފިއްލަދޫގެ އިހުތިސޯސްގައި ދައްޕަރު ހިމަނުއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ، ފިއްލަދޫގެ އިހުތިސޯސް އަށް އޮގަސްތު މަހު ގެނައި ބަދަލު، އަނެއްކާވެސް ބަދަލު ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތް ހިނދު، ދައްޕަރު ފިއްލަދޫގެ އިހުތިސޯސްގައި ހިމަނުއްވަން ނިންމަވާފައިވާ ކަމަށެވެ.

އެނގުން މުހިއްމު - ދައްޕަރު، ފިއްލަދޫގެ އިހުތިސޯސްގައި ހިމެނުއްވުމަށް ނިންމަވާ އާންމު ކުރެއްވި ގަރާރުގައި މިފަހަރު އެ ސަރަހައްދު ވަކި ބޭނުމަކަށް ހާއްސަ ކުރައްވައިފަ އެއް ނުވެ އެވެ. ފިއްލަދޫ ރައްޔިތުން އެދެނީ، ރަށުގެ ރައްޔިތުންނާއި ކައުންސިލަށް ފައިދާވާނެ މަސައްކަތެއް ދައްޕަރު ސަރަހައްދުގައި ހިންގުމަށެވެ.

 މީގެ ކުރިން ރައީސް އޮފީހުން ބުނީ ފިއްލަދޫގެ ބައެއްގެ ގޮތުގައި ދައްޕަރު ބޭއްވުމަށް ރައީސް ނިންމެވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށެވެ.

އިތުރަށް ކިޔާލުމަށް -

އިތުރު އާޓިކަލް

އިތުރު އާޓިކަލް