ފަސް މަސްދުވަސް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދަންނަވަނީ. (ފޮޓޯ/މަޖިލިސް)

ބަރުލަމާނީގެ މަސައްކަތް ކުރަނީ ރައީސްގެ މަޝްވަރާއާ އެކު: ނަޝީދު

ނަޝީދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވާނީ ރައީސް ސޯލިހާއެކު "ފުރިހަމަ" މަޝްވަރާއެއް ކުރުމަށް ފަހު ކަމަށް
13 އޮކްޓޯބަރު 2021

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހީމް ސޯލިހުގެ މަޝްވަރާއާ އެކު ކުރައްވާ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ފަސް މަސް ފަހުން ރާއްޖެ ވަޑައިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮތުން އެންމެ އެކަށީގެންވާނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑުކޮށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމަށް އަބަދު ވެސް ގަބޫލުކުރައްވާ ކަމަށެވެ.

 "މި މަސައްކަތަކީ އަޅުގަނޑު ރައީސް އާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ. 

ނަމަވެސް އެ މައުލޫގައި އިތުރަށް ވާހަކަދައްކަވަން އިންކާރުކުރެއްވި އެވެ. ނަޝީދު ވިދާޅުވީ އެކަމާ ގުޅިގެން ދެން އިތުރަށް އެއްޗެއް ދަންނަވާނީ ރައީސް ސޯލިހާ "ފުރިހަމައަށް" މަޝްވަރާކުރެވުމުން ކަމަށެވެ. 

ރައީސް ސޯލިހާ ފިކުރީ ގޮތުން ހިޔާލު ތަފާތުވެފައިވާ ކަމަށާއި ސިޔާސީ ގޮތުން ރައީސްއާ އެކު ހުރެވެން ނެތް ކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ތަފްސީލް - ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޕެޓިޝަނުގައި ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ސޮއިކުރައްވައިފަ އެވެ.

އެނގުން މުހިންމު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް