ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ފޮޓޯ/ މަޖިލިސް)

ޝަރީފްއާ ދެކޮޅަށް ނަޝީދު ހުށަހެޅި އަބުރުގެ ދައުވާ ކޯޓުން ބަލައިގެންފި

އެ މައްސަލައިގައި ނަޝީދު ހުށަހެޅުއްވީ ބަދަލުގެ ގޮތުގައި ޝަރީފް އަތުން 10 މިލިޔަން ރުފިޔާ ހޯދުމަށް
7 ޑިސެމްބަރު 2022

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި ހުންނެވި އިރު މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ބޮމެއް ގޮއްވާލަން އުޅުއްވި ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގެންފި އެވެ.

ވީ ކިހިނެއް؟- ޓްވިޓާގައި ޝަރީފް ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ނަޝީދު މިދިޔަ މަހު 28ގައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ، އޭގެ ސަބަބުން އެ މަނިކުފާނުގެ އަބުރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ބަދަލެއްގެ ގޮތުން ޝަރީފްގެ އަތުން 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ، ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހިންގަވާ ލޯ ފާމް، ލިޓިގެންޓްސް އިންނެވެ.

އެނގުން މުހިއްމު- މައުމޫންގެ ވެރިކަމުގައި އޭރު އެމްޑީޕީން އިދިކޮޅު ހަރަކާތްތައް ހިންގިއިރު، ނަޝީދު އިސްވެ ހުންނަވައި ބޮމެއް ގޮއްވާލައިގެން މަދުވެގެން 50 މީހުން މަރާލައި އޭގެ އިލްޒާމު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން މަސައްކަތް ކުރެއްވި ކަމަށް ޝަރީފް ތުހުމަތުކުރެއްވި އެވެ. އެގޮތުން، އޭނާ ޓުވިޓާގައި ވިދާޅުވީ:

  • އެކަން ހުއްޓުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ގަރާރެއް ފާސްކޮށް، ބޭރުގެ އެހީއަށް އެދެން ވެސް ނިންމި؛ އޭރު ޝަރީފަކީ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު

  • ނަޝީދަށް އެކަން ނުކުރެވުނީ ބޭރުގެ ލީޑަރުން އެކަމާ ދެކޮޅު ހެއްދެވުމުން

  • ބޭރުގެ ފަރާތްތަކަށް ފޮނުވި ސިޓީތަކުގައި، ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުގެ ހައިސިއްޔަތުން ސޮއިކުރެއްވީ ޝަރީފް

އެ ތުހުމަތުތައް ނަޝީދު ވަނީ ދޮގު ކުރައްވާފަ އެވެ.

ޝަރީފްގެ ވާހަކަތައް އައީ ވަގު ނަމެއްގައި ނަޝީދު ހިންގަވާ ޓްވިޓަ އެކައުންޓެއް ކަމަށް ބެލެވޭ އެކައުންޓަކުން ޝަރީފާއި އޭނާގެ ދަރިކަނބަލުންނަށް ފާޑުކިޔައި، ޓްވީޓްތަކެއް ކުރުމުން އެކަމުގެ ރައްދުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް