މޫސުން ގޯސްވެ ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދުއްވާފައި ދަނީ: މި މަހުގެ ފަހުކޮޅު ކަނޑުތައް ގަދަވުން އެކަށީގެންވޭ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިރުވައި މޫސުން ލައްވާލާނީ މި މަހުގެ ފަހުކޮޅު؛ ގަދަވެދާނެ

އާއްމު ގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ގަދަވޭ

އިރުވައި މޫސުން ރާއްޖެއަށް ފެށޭނީ  މި މަހުގެ ފަހުކޮޅު ކަމަށާއި އެ ދުވަސްވަރު މޫސުން ގޯސްވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މެޓު އޮފީހުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހު ވެސް އިރުވައި މޫސުން ފެށޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އެހެންވެ، އިރުވަޔަށް ލައްވާލާނީ، އޭނާ ލަފާކުރެއްވި ގޮތުގައި، މި މަހުގެ ފަހުކޮޅެވެ.

ތަފްސީލް - އިރުވައި މޫސުން ފެށޭ ދުވަސްވަރު ގަދަވެ އެވެ. އެގޮތުން:

  • އެއަށް އާއްމުކޮށް ކިޔަނީ 'އިރުވައިގެ ހަޅަ' 

  • އެ ދުވަސްވަރު ގަދަ ވަޔާ އެކު ކަނޑުތައް ގަދަވޭ 

  • ބޯކޮށް ވާރޭ ވެސް ވެހޭ 

  • ބައެއް ރަށްތަކަށް އުދަ ވެސް އަރާ

އާއްމު ގޮތެއްގައި ޖެނުއަރީ މަހުގެ މެދުތެރެއަށް ނުވަތަ ފަހުކޮޅާ ހަމައަށް މި ހަޅަ ދިގުލައިގެން ދެ އެވެ.

މި އަހަރުގެ ދެ ވަނަ ޓާމުގެ ބަންދު ވެސް ދިމާވަނީ ޑިސެމްބަރު ފަހުކޮޅާ އެވެ.

  • ދެ ވަނަ ޓާމު ބަންދު ވަނީ މި މަހުގެ 22ގައި

  • ތިން ހަފުތާއަށް ފަހު ދެން ސްކޫލުތައް ހުޅުވޭނީ އަންނަ މަހުގެ 8ގައި

  • އެހެންވެ، ޗުއްޓީ ތެރޭގައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ

އެނގުން މުހިންމު - މޫސުމާ ބެހޭ އިދާރާ އިން 'ދައުރު'އަ ހިއްސާކޮށްފައިވާ، މިދިޔަ 12 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު:

  • ޑިސެމްބަރު މަހުގެ ތެރޭގައި ވިއްސާރަ ދުވަސްތައް ގިނަ

  • އެކަމަކު ގިނައިން އަވި ދީފައިވަނީ ވެސް ޑިސެމްބަރު މަހު

  • ޑިސެމްބަރު މަހަށް ބަލާއިރު، ވައިގެ ބާރުމިން އާއްމުކޮށް ހުންނަނީ އެއް މިންވަރެއްގައި

  • ގަދަ މަހެއްގައި، މުޅި މަސް އެއްކޮށް ގަދަވޭ

ކުރިއަށް އޮތް 3 ދުވަސް ގަދަވާނެ

ސްރީ ލަންކާ ކައިރީގައި މިހާރު އުފެދެމުންދާ ވިއްސާރަ ވިލާތައް މިއަދު ހަވީރު ތޫފާނަކަށް ބަދަލުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.

އެކަމަކު މެޓު އޮފީހުން ބުނީ އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި ތޫފާނުގެ މިސްރާބު ހުރީ ރާއްޖެއާ ދުރަށް ކަމަށެވެ. އެގޮތުން، އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިންޑިއާގެ ޓެމިލްނާޑު އާއި ޕޮންޑިޗަރީ ފަދަ ހިސާބުތަކަށް ކަމަށް ބުންޏެވެ.

ނަމަވެސް، ތޫފާނުގެ ސަބަބުން މާދަމާއިން ފެށިގެން ރާއްޖެ ސަރަހައްދުގެ ވައި، ތަންކޮޅެއް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ. އެ އަސަރު ބޮޑަށް ކުރާނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށެވެ.

"އެ ސަރަހައްދުތަކަށް ކުރިއަށް އޮތް ތިން ދުވަހު ވައި ގަދަވާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް (3)

ޝަނާޔާ

7 ޑިސެމްބަރު 2022
އަހަންނަށް ހެޔޮ ވިއްސާރަ ވިޔަސް. މަ އޮންނާނީ ގެގައި ރަޖާ އަޅައިގެން
1 0

ހާނިމް

7 ޑިސެމްބަރު 2022
ވަރަށް ފޫހި. ކޮންމެ އަހަރަކު އެ ދުވަސް ކޮޅާ ދިމާވާ އިރަށް ވިއްސާރަ ވާނެ
0 0

ނަފޫ

7 ޑިސެމްބަރު 2022
ވާއޮ. ތި ދިނީ ވަރަށް ރަނގަޅު ހަބަރެއް. މަ މި ހުރީ ޗުއްޓީ ލިބޭ އިރަށް ރަށަށް ދާން ފޮއްޓަށް އެއްޗެހި އަޅައިގެން. ވަރަށް ރަނގަޅެއްނު މި ވީ ގޮތް. ރަށަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ކަނޑު މަގު ވިއްޔަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް