ދެ މީހަކު މަޑުކޮށްލައިގެން: ރާއްޖޭގައި މިހާތަނަށް 39 މީހަކަށް ވަނީ އެއިޑްސް ޖެހިފައި (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)
ރާއްޖޭގެ އެއިޑްސްގެ ހާލަތު: 31 އަހަރު ތެރޭގައި ބަލި ޖެހުނީ 39 މީހަކަށް
މީގެ 31 އަހަރު ކުރިން ރާއްޖޭން ފުރަތަމަ ފަހަރަށް އެއިޑްސް ފެނުނު ފަހުން، މިހާތަނަށް 39 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 1 ބައިނަލްއަގްވާމީ އެއިޑްސްގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު، މި ދުވަހާ ގުޅިގެން އެޗްޕީއޭ އިން ވެސް ވަނީ ބައްޔާ ގުޅޭ ބައެއް މައުލޫމާތުތައް އާއްމުކޮށްފަ އެވެ.
ތަފްސީލް - އެ ތަނުން ބުނިގޮތުގައި:
-
ރާއްޖޭން އެންމެ ފުރަތަމަ އެއިޑްސް ބަލި ފެނުނީ 1991ގައި
-
މިދިޔަ އަހަރުގެ ނިޔަލަށް ބަލި ޖެހުނު މީހުންގެ އަދަދު 39އަށް ވަނީ އަރާފައި
-
މިދިޔަ އަހަރު ދެ މީހަކަށް ބަލި ޖެހުނު
-
ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ ހަ އަންހެނުންނާއި 33 ފިރިހެނުން
-
ބަލީގައި މިހާތަނަށް 15 މީހަކު ވަނީ މަރުވެފައި
-
22 މީހުން ދަނީ ފަރުވާ ހޯދަމުން
އެނގުން މުހިންމު - އެޗްއައިވީ ވައިރަސްގެ ސަބަބުން ޖެހޭ މި ބަލީގެ ސަބަބުން، މީހާގެ ދިފާއީ ނިޒާމު އެއްކޮށްހެން ހަލާކުކޮށްލައި، އެހެން ބަލިތަކަށް މަގުފަހި ކުރުވަ އެވެ. ބަލިން އެއްކޮށް ރަނގަޅު ވާނެ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ މި ބަލިން ރައްކާތެރިކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
އެއިޑްސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ އިތުރަށް ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވަނީ ޓެސްޓު ކުރުމަށެވެ. މި އަހަރުގެ އެއިޑްސްގެ ދުވަހުގެ ޝިއާރަކީ ވެސް 'އެޗްއައިވީން ރައްކާތެރިވުމަށްޓަކައި ގަވައިދުން ޓެސްޓުކުރުން އާދައަކަށް ހަދަމާ' އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، ބަލާ ބެލުމަށް ސިއްހަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައި ވެސް އެޗްއައިވީ ވައިރަސް ހުރެދާނެ އެވެ. ޓެސްޓުކުރުން މުހިއްމު ވަނީ އޭނާގެ ސަބަބުން އިތުރު މީހަކަށް ބަލި ފެތުރުނަ ނުދިނުމަށެވެ.
ބަލި ފެތުރޭ ގޮތްތައް
-
ރައްކާތެރިނޫން ގޮތުގައި (ހުރަސް ބޭނުން ނުކޮށް) ޖިންސީ ގުޅުން ހިންގުން
-
އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ބޭނުންކުރުން
-
ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމުގައި ނުވަތަ ޓެޓޫ ޖެހުން، ކަންފަތް ނުވަތަ ހަށިގަނޑުގެ ތަނެއް ތޮރުފުން ނުވަތަ ސިއްހީ ހިދުމަތް ހޯދުމުގެ ތެރޭގައި އެކަކު ބޭނުން ކޮށްފައިވާ ކަށި ބޭނުންކުރުން
-
އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރު ނޫނީ ވިހެއުމުގެ ތެރޭގައި ގާތުން ކިރުދިނުމުން
-
އެޗްއައިވީ ހުރިތޯ ބެލުމަށް ޓެސްޓުނުކޮށް ލޭ އެޅުން
ރާއްޖޭގައި ސިއްހީ އެކި ޕްރޮސީޖާތަކުގެ ތެރެއިން އެޗްއައިވީއަށް ޓެސްޓު ކުރެ އެވެ. އާއްމުކޮށް، މާބަނޑު ދުވަސްވަރާއި އާއްމު ސާޖަރީތަކުގެ ކުރިން، ލޭ ދިނުމުގެ ކުރިން އަދި ބޭރު މަސައްކަތްތެރިންގެ މެޑިކަލްގެ ތެރޭގައި އެ ވައިރަސްއަށް ޓެސްޓު ކުރެ އެވެ. އެގޮތުން:
-
މާބަނޑުކަން އެނގުމާ އެކު، ވީހާ ވެސް އަވަހަކަށް އެޗްއައިވީއަށް ޓެސްޓުކުރުން މުހިއްމު؛ އޭރުން މަންމަގެ ހަށިގަނޑުގައި ވައިރަސް ހުރި ނަމަ، ފަރުވާ ދީގެން ދަރިފުޅު ބަލިން ރައްކާތެރިކުރެވޭނެ
-
ރާއްޖެ އަކީ، މައިމީހާގެ ފަރާތުން، ބަނޑުގައި އޮންނަ ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް ވާސިލްވުން ނައްތާލެވިފައިވާ ގައުމެއް؛ އެކަން ފުރިހަމަވީ 2019ގައި
-
ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުން ވެސް އެޗްއައިވީއަށް ޓެސްޓު ކުރެވޭނެ
ފަރުވާ އަކީ ކޮބާ؟
އެޗްއައިވީއަށް ދޭ ފަރުވާގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ އެންޓިރެޓްރޯ ވައިރަލް ތެރަޕީ (އޭއާރުޓީ) އެވެ. ނެޝަނަލް އެއިޑްސް ޕްރޮގްރާމް މެދުވެރިކޮށް، 2004 ވަނަ އަހަރުން ފެށިގެން މި ފަރުވާ ރާއްޖޭގައި ދެ އެވެ.
-
ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، ގަވައިދުން ބޭސް ބޭނުންކޮށްފި ނަމަ، ލޭގައި އެޗްއައިވީ ވައިރަސް ހުންނަ މިންވަރު މަދު ކުރެވޭ
-
މީގެ ސަބަބުން ދިފާއީ ނިޒާމު ރައްކާތެރި ކުރެވި، ރަނގަޅު ސިއްހަތެއްގައި ގިނަ ދުވަހު ދެމި ހުރޭ
-
އަދި ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދޭ
މި އަހަރުގެ އެއިޑްސް ދުވަސް ފާހަގަކުރަން ހަމަޖެހިފައިވަނީ ގއ. އަތޮޅުގަ އެވެ. އެ ހަރަކާތްތައް މި މަހުގެ5-12އަށް ކުރިއަށް ދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮމެންޓް (2)
ހަކުރުގޭ އައިމިނަ
ސައުރަޔާޅީސް