އަބްދުﷲ އަލީގެ ހިދުމަތް ފާހަގަކުރުމަށް މިއަދު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަބްދުﷲ (ކ)އާ އެކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. (ފޮޓޯ/މިނިސްޓްރީ)

އަބްދުﷲ އަލީ 41 އަހަރަށް ފަހު ފިނޭންސް މިނިސްޓްރީން ރިޓަޔާކުރައްވައިފި

ފިނޭންސް މިނިސްޓަރު އަމީރު، އަބްދުﷲގެ މަސައްކަތް ސިފަކުރެއްވީ ނަމޫނާއެއްގެ ގޮތުގައި
30 ނޮވެމްބަރު 2022

ފިނޭންސް މިނިސްޓްރީގައި 41 އަހަރު ހިދުމަތްކުރެއްވުމަށް ފަހު، އެ ތަނުގެ ޑިޕާޓްމެންޓެއްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އަލީ މިއަދު ރިޓަޔާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އަބްދުﷲ ވަޒީފާއިން ރިޓަޔާކުރެއްވުމާ ގުޅިގެން، އޭނާގެ ހިދުމަތް ފާހަގަކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ އަބްދުﷲއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ބުނީ ކީކޭ؟ - ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، މާލިއްޔަތު ގަވައިދު އެކުލަވާލުމާއި ދައުލަތުގެ ފައިސާ އާއި ބަޖެޓާ ބެހޭ ކަންކަން އަބްދުﷲ ކުރައްވާފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކުގަ އެވެ.

"އަބްދުﷲ އަލީ މިއަދު ތިޔަ ރިޓަޔާކުރެއްވީ، އަޅުގަނޑުމެން އެންމެންނަށް ވެސް އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދީފައި،" އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ދައުލަތަށް އަބްދުﷲ ކުރެއްވި މަސައްކަތްތައް، މިނިސްޓަރު ސިފަކުރެއްވީ ނަމޫނާއެއްގެ ގޮތުގަ އެވެ. އަދި އެކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ވަޒީފާއިން ރިޓަޔާކުރެއްވި އިރު، އަބްދުﷲ ހުންނެވީ ދައުލަތުގެ ބޮޑެތި ބައެއް ބަޖެޓުތައް ބެލެހެއްޓުމުގެ ޑިޕާޓްމެންޓުގެ އެންމެ އިސްވެރިޔާގެ ގޮތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް