އާރަށް މައްސަލައިގައި، ޔާމީންގެ ދީފާއި ވަކީލުންގެ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު ކްރިމިނަލް ކޯޓުގައި ވާހަކަދައްކަވަނީ
އާރަށް ދޭން ޔާމީން ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ނެތް؛ މައްސަލަ ސާބިތެއް ނުވޭ: ވަކީލުން
ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ ދައުވާތައް އުފުލި އިރު، އެ ރަށް ވަކި މީހަކަށް ކުއްޔަށް ދޭން ކުރި ކަމެއް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، އެހެންވެ ދައުވާތައް ސާބިތު ނުވާ ކަމަށް ކަނޑައަޅައިދޭން އެ މަނިކުފާނުގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ދޫކުރަން 1 މިލިއަން ޑޮލަރު ރިޝްވަތަށް ނެންގެވި ކަމަށް ބުނާ މި މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ހުލާސާ ބަޔާން އިއްވަމުން އެ މަނިކުފާނުގެ ވަކީލުން ވިދާޅުވި ގޮތުގައި:
-
އާރަށް ވަކި މީހަކަށް ކުއްޔަށް ދޭން ޔާމީން ކުރި ކަމެއް ހެކިތަކުން އެނގޭކަށް ނެތް
-
މަނީ ލޯންޑްރިން ދައުވާ ސާބިތުވާނީ އާރަށް ދޫކުރީ ޔާމީންގެ ނުފޫޒުންކަން ސާބިތު ވެގެން
-
ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ނުފޫޒު ފޯރުވަން ކުރި ކަމެއް ސާބިތެއް ނުވޭ
ތަފްސީލް - ޔާމީންގެ ހުލާސާ ބަޔާން އިއްވަވަމުން އެ މަނިކުފާނުގެ ވަކީލުން ފާހަގަކުރެއްވީ ހެއްކާ ބެހޭ ގޮތުން ދިގުކޮށް ދެއްކި ވާހަކަތަކެކޭ އެއްފަދައިން، މި މައްސަލައަކީ "ހަމަހަމަ" ކަމެއް ނެތި، ޔާމީންގެ މައްޗަށް ވަކި ކަމެއް ސާބިތުކުރަން ވެގެން އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށެވެ.
ޔާމީންގެ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި، ޔާމީންގެ ނިޔަތް އޮތްކަން ދައްކުވައިދޭން އުޅުނަސް، އެކަން ހެކިކޮށްދޭން ސައްހަ ޔައުމިއްޔާއެއް ނުވަތަ އާރަށް ދިނުމުގެ ނިންމުން ޔާމީން އެންޑޯސް ކުރެއްވިކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އާރަށް ޓޫރިޒަމްގެ ބޭނުމަށް ބަދަލުކުރުމަކީ ޔާމީނަށް ނޭނގި ހިންގާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"[އާރަށަކީ] ޓޫރިޒަމް ޕާޕަސްއަށްޓަކާ އެލޮކޭޓު ކުރުމަށް ނޫނިއްޔާ އެގޮތަށް ކުރުމަށް ލިޔުމެއް ދިނުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ [ޔާމީން]ގެ ނޮލެޖުގެ ތެރެއިން ހަގީގަތުގައި ހިނގި ކަމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - އާރަށް ދޭން ޔާމީން ކުރި ކަމެއް ލިޔެކިޔުންތަކުން ނޭނގޭ: ވަކީލުން
މި ހެކިތަކުގެ އިތުރުން، ދައުލަތުގެ ހުލާސާ ބަޔާން އިއްވަމުން އިއްތިފާގުތަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް ވެސް ޖަމީލު ރައްދު ދެއްވި އެވެ. އަދި ރަށް ކުއްޔަށް ދިން ދުވަސްވަރާއި ސިޔާސީ ބޭނުމެއްގައި ފައިސާ ހޯދަން ޑޮލަރު މާރުކުރި ދުވަސްވަރު ދިމާވުުމާއި، ކުރިން ޑީއެކްޓިވޭޓްކޮށްފައި ހުރި އެކައުންޓެއް ރީއެކްޓިވޭޓް ކުރުމަކީ، މައްސަލައިގައި ޔާމީން ގޯހެއް ހައްދަވާފައިވާކަން ސާބިތުކޮށްދޭ ހެއްކެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
-
އިތުރަށް ކިޔާލަން - ޔާމީން އިންވެސްޓުކުރި 3.4 މިލިއަނާއި ފައިދާ ނަގައިދޭން އެދިއްޖެ