ވ. އާރަށް މައްސަލައިގައި ދައުލަތުގެ ވަކީލުން ހުލާސާ ބަޔާން ހުށަހަޅަނީ

ޔާމީން އިންވެސްޓުކުރި 3.4 މިލިއަނާއި އޭގެ ފައިދާ ނަގައިދޭން ޕީޖީން އެދިއްޖެ

ދައުލަތުން ބުނީ މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން ޔާމީން އާއި ނައީމްގެ މައްޗަށް މައްސަލަ ސާބިތުވާތީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިދީ އިންވެސްޓުކުރި އެކައުންޓުގައިހުރި ހުރިހާ ފައިސާއެއް ނަގައިދޭން
30 ނޮވެމްބަރު 2022

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކުރަން ރިޝްވަތު ނެންގެވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އިންވެސްޓުކޮށްފައި ހުރި 3.4 މިލިއަން ޑޮލަރާއި އިންވެސްޓުކޮށްގެން ލިބިފައިވާ ފައިދާ ނަގައިދޭން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އާރަށް މައްސަލައިގައި ޔާމީން އާއި ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިހާރު ކުރިޔަށް ދަނީ ހުލާސާ ބަޔާން އިއްވުމެވެ. ފުރަތަމަ ހުލާސާ ބަޔާން އިއްވީ ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުންނެވެ.

ހުލާސާ ބަޔާން ނިންމަވާލައްވަމުން ޕީޖީ އޮފީހުގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުން، މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ:

  • އާރަށް ދީގެން ޔާމީންއަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރާއި އިންވެސްޓުކުރަން އެއާ އެއްކުރި 2.4 މިލިއަން ޑޮލަރު ހިމަނައިގެން، 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ނަގައިދޭން

  • އެމްއައިބީގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓުގައި އިންވެސްޓުކޮށްގެން ލިބުނު ފައިދާ ނަގައިދޭން

ތަފްސީލް - ޔާމީނާއި ނައީމާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކުން މައްސަލަ ސާބިތުވާ ސަބަބުތަައް ފާހަގަކުރަމުން ޕީޖީގެ ވަކީލުން ކޯޓުގައި ވިދާޅުވީ ހުށަހަޅާފައިވާ ހެކިތަކުން ނައީމް ރިޝްވަތުގެ ގޮތުގައި ދިން ފައިސާ ކަމާއި، ޔާމީން އެ ރިޝްވަތުގައި ހިފިކަމާއި، އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އިންވެސްޓުކޮށްފައިވާ ކަން އެނގޭ ކަމަށެވެ.

މިއީ ރިޝްވަތުގެ ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް ޔާމީނާއި ނައީމް ވެސް ވިދާޅުވީ މިއީ ސައްހަ ޑޮލަރުގެ މުއާމަލާތެއް ކަމަށާއި ފައިސާ ބަދަލުކުރެވުނީ ޑޮލަރު މާރުކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އާރަށް ދިނުމާ ގުޅޭ ކަންކަން ހިނގައިދިޔަ ތާރީހުތަކާއި ފައިސާއާ ގުޅޭ މުއާމަލާތްތައް ހިނގާފައިވާ ތާރީހުތައް "އިއްތިފާގަކަށް" ނުވާނެ ކަމަށް ޕީޖީގެ ވަކީލުން ކޯޓުގައި ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށާއި، އެއީ ކުށްކޮށްގެން ހޯދި ފައިސާކަން ޔާމީނަށް އެނގޭ ސަބަބުތައް ފާހަގަކުރަމުން ޝަހުމާ ވިދާޅުވި ގޮތުގައި:

  • މި ފައިސާއާ ގުޅޭގޮތުން އެކި ތަންތަނުގައި ވާހަކަ ދެއްކީ އެކި ގޮތަށް، އެއީ މަސްދަރު އޯޅުވާލަން

  • އެއް މިލިއަން ޑޮލަރުގެ ޗެކު ލިބުމުން ޑީއެކްޓިވޭޓް ވެފައި ހުރި އެކައުންޓެއް ރީއެކްޓިވޭޓް ކުރި

  • ފައިސާ ޖަމާކުރުމަށް ފަހު އިތުރު ބޭންކު އެކައުންޓްތަކެއްގައި ފަށަލަކުރި

އެނގުން މުހިންމު - ދައުލަތުން ހުލާސާ ބަޔާން ހުށަހަޅާ ނިމުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޝަރީއަތް މެދުކަނޑާލާފަ އެވެ. ޝަރީއަތް އަލުން ފަށައިގެން ކުރިޔަށް ދާނީ، ޔާމީން އާއި ނައީމްގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް