މަޖިލިސް ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބު ޝިމާޒް އަލީ. (ފައިލް ފޮޓޯ)

ޝިމާޒް އަލީ

ޝިމާޒަށް ހަމަލާދިނުން: އެކަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހެއް

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު މިނިސްޓަރު ޝިމާޒު އަލީއަށް ހަމަލާ ދިން މައްސަލައިގައި އެކަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގަލޮޅު ދަނޑު ކައިރީގައި ހުންނަ ޝިމާޒް ދިރިއުޅުއްވާ ގެއިން އޭނާ ނުކުންނަވަނިކޮށް ގްރޫޕަކުން އޭނާއަށް ހަމަލާދީ މަރާމާރީ ހިންގާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާ އަންގާރަ ދުވަހު އެވެ.

ތަފްސީލް - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތުވެސް ކޯޓުން މިހާރު އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދީފައި،" ތަރުޖަމާން ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެނގުން މުހިންމު - ހަމަލާދިންތާ ދެ ދުވަސް ފަހުން ޝިމާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާއަށް ދިން "ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް" ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އޭނާ ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

ގުޅުން ހުރި ކަމެއް - ޝިމާޒަށް ހަމަލާދިން ފަހުން، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ފެންމަތި އެވެ. އަދި އެކަމުގެ ތުހުމަތުގައި 18 އަަހަރުގެ ދިވެހި ފިރިެހެނަކު މިިދިޔަ ހުކުރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން:

  • ފުލުހުންގެ ތަރުޖަމާނު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރު ކުރި ޒުވާނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް 

  • 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މި ދެ މައްސަލައާ ވެސް ކޮންމެވެސް ގުޅުންތަކެއް އެބަހުރި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

ފަސް މަންޒަރު - ހަމަލާގެ ކުރިން، މި މަހުގެ 11ގައި ޝިމާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ ބޮލުގައި "ދޮގު ތުހުމަތު އަޅުވައި" ސައިކަލަށް ގެއްލުންދީ، އިންޒާރުގެ މެސެޖުތަކެއް ފޮނުވާފައިވެ އެވެ. އަދި އޭނާގެ އާއިލާއަށް ގުޅައި އިންޒާރު ދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޝިމާޒަށް ހަމަލާ ދީފައި މި ވަނީ:

  • އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އޮފީހަށް މައްސަލަ ހުށަހަޅުއްވާފައި ވަނިކޮށް  

  • ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ޝިމާޒަށް ހަމަލާ ދިނުމުން ނަހުލާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރާ މޭރުމަކުން އަޑުތައް ފެތުރުނު  

  • ނަމަވެސް ނަހުލާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން ވަނީ އެކަން ދޮގުކޮށް މި ހަމަލާ ކުށްވެރިކޮށްފައި

  • ނަހުލާ ވެސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާއިލާއަށް ނިސްބަތްކޮށް "އަބުރު ކަތިލުމުގެ" ވާހަކަތަކެއް ދެއްކި ނަމަވެސް، ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް