އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހިމް ޝަހުމް އާދަމް
އަހުސަންގެ މަރު: ޝަހުމް މަރަން ހައި ކޯޓުން ހުކުމްކޮށްފި
ވަޅިން ހަމަލާދީ 2011ގައި ސ. ހިތަދޫ، ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވި ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް މަރުގެ ހުކުމް އިއްވައި އަހުސަން މެރުމުގައި އެހީވި މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ޖަލަށް ލާން ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އަހުސަން މަރުވީ، އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން:
-
ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ
-
ޝިމާޒްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
އެ މައްސަލައިގައި 2014ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދެ މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތު ނުވާ ކަމަށެވެ. ހައި ކޯޓުން މިއަދު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ތަފްސީލް - މަރުގެ ތުންފަތް މަތީގައި އޮވެ، މީގެ 10 އަހަރު ކުރިން އަހުސަން ބުނި ބަހަށް ހެކީގެ ބުރަދަން ދީ، އެ މައްސަލައިގައި ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އަހުސަންގެ ވާރިސުންގެ ބަސް ވެސް ކޯޓުން ވަނީ ނަގައިފަ އެވެ. ހުރިހާ ވާރިސުން ވެސް ވަނީ ޝަހުމްގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ހައި ކޯޓުގެ ހުކުމް - މައްސަލަ ނިންމައި ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ، އަހުސަންގެ ވާރިސުން ޝަހުމަށް މައާފުކޮށްފައި ނުވާތީ އޭނާގެ މައްޗަށް މަރުގެ އުގޫބާތް ތަންފީޒުކުރެވެންދެން ޖަލެއްގައި ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފަ އެވެ.
މަރުގެ އުގޫބާތް ތަންފީޒުކުރެވެންދެން ބަންދުގައި ބަހައްޓަންޖެހޭ މުއްދަތު ގުނަންޖެހޭނީ އެހެން ކުށެއްގެ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވާ މުއްދަތު އެއް ފަހަރާ ތަންފީޒު ނުވާނެހެން ވަކިން ކަމަށް ވެސް ކޯޓުން ހުކުމް ކުރި އެވެ.
އެނގުން މުހިންމު - ޝަހުމް އަކީ މިހާރު ވެސް މަރުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އެއީ 2010ގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސައިން މަރާލި މައްސަލައާ ގުޅިގެންނެވެ.
ޝިމާޒަށް ޖަލު އަދަބެއް
އަހުސަން ގަޔަށް ވަޅި ޖެހި ތަނަށް ސައިކަލުގައި ޝަހުމް ގެންދިޔައީ ޝިމާޒެވެ. އަދި އަހުސަންއަށް ހަމަލާ ދިން އިރު އެ ތަނުގައި ޝިމާޒް މަޑުކޮށްގެން އިނެވެ. އަހުސަންއަށް ހަމަލާ ދިނުމަށް ފަހު، ޝަހުމް ގޮވައިގެން ސައިކަލުގައި އެ ތަނުން ގޮސް، ޝަހުމް ފިލުވުމުގައި ވެސް ޝިމާޒް އެހީވި އެވެ.
ޝިމާޒްގެ އަމަލަށް ބަލާއިރު، ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން އޭނާ ވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ ކަމަށް އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުންޏެވެ. ނަމަވެސް ޝިމާޒަށް ގިސާސްގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ހައި ކޯޓުން އޮތީ ނިންމައިފަ އެވެ. އެއީ އަހުސަން މަރާލުމުގައި ޝިމާޒް އާއި ޝަހުމްއާ ދެމެދު ކުރިން އެއްބަސްވުމެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.
ހައި ކޯޓުން މިއަދު ބުނީ ޝިމާޒް އެހީތެރިވެދިން ކުށަކީ މީހެއްގެ ގަދަރާއި ކަރާމާތަށް ފަރުވާލެއް ނުބަހައްޓައި އަނިޔާވެރިކަން ދެއްކުމަށް ކުރި އަމަލަކަށް ވާތީ އޭނާގެ މައްޗަށް އަދަބު ކަނޑައަޅާއިރު އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން، ޝިމާޒް އެހީވި އަމަލުގެ ސަބަބުން މީހަކު މަރުވެފައިވާތީ، އަދަބުގެ ދަރަޖަ ދެ ދަރަޖައަށް މަތިކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، ޝިމާޒްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްވި އެވެ.
ހައި ކޯޓުން މި ހުކުމް އިއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އިތުރަށް ކިޔާލަން -