މާލޭ ގްރޭންޑް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކަރަންޓު

ކަރަންޓު ކެނޑި ލިފްޓް ހުއްޓުމުގެ ހާދިސާތަކެއް، ބަޔަކު ތާށިވެއްޖެ

ބަޔަކު ތާށިވެފައި ވަނީ މާލޭ ގްރޭންޑްގެ ލިފްޓުގައި. ލިފްޓް ހުއްޓުނު އިރު ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވޭ
12 އޮކްޓޯބަރު 2021

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުމާ ގުޅިގެން، ހަތަރު އިމާރާތެއްގެ ލިފްޓުތައް ހުއްޓި، އަދި ލިފްޓްގައި ބަޔަކު ތާށިވުމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާލެއިން ކަރަންޓު ކެނޑުނީ މެންދުރު 12:10 އެހާކަންހާއިރު އެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލެ، މާފަންނު، އަދި ގަލޮޅުގެ އެކި ހިސާބުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.

ތަފްސީލް - އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން ހަތަރު އިމާރާތެއްގެ ލިފްޓް ހުއްޓުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. ލިފްޓު ހުއްޓުނު އިމާރާތްތަކަކީ؛

  • ކުރީގެ އާލިއާ ސްކޫލް

  • ވެލާނާގެ

  • މާލޭ ގްރޭންޑް

  • މޯލްޑިވިއަންގެ އިމާރާތް

ބުނީ ކީކޭ؟ - ކެޕްޓަން ހަނާ ވިދާޅުވީ އޭގެ ތެރެއިން މާލޭ ގްރޭންޑް ނޫން އަނެއް ތިން އިމާރާތުގެ ލިފްޓު މިހާރު ހުޅުވާފައިވާ ކަމަށެވެ. އަދި މާލޭ ގްރޭންޑްގެ ލިފްޓް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ލިފްޓު ތެރޭގައި ބަޔަކު ތާށިވެފައިވާ ކަމަށް ހަނާ ވިދާޅުވި އެވެ. ނަމަވެސް އެތެރޭގައި ތިބީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ.

ލިފްޓްގައި ބަޔަކު ތާށިވިތާ ގަޑިއެއްހާއިރު ފަހުން ވަނީ ލިފްޓް ހުޅަވައި މީހުން ނެރެފަ އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ކަމެއް ނުވެ އެވެ.

ސްޓެލްކޯގެ ބަސް - ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ދިމާވި މައްސަލަ ހައްލު ކުރެވި، ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް