ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ޓެކްސް ބޮޑުކުރާ ބިލު، އެމަނިކުފާނު މިއަދު ވަނީ ތަސްދީގުކުރައްވާފައި (ފައިލް ފޮޓޯ/ ރައީސް އޮފީސް)
އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑު ކުރުމުގެ އިސްލާހު ތަސްދީގުކޮށްފި
އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއީ ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެނގުން މުހިންމު - ރައީސް މި ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު އަންނަ ޖެނުއަރީން ފެށީގެން ޓެކްސް ބޮޑުވަނީ:
-
ޖީއެސްޓީ %6 އިން %8އަށް
-
ޓީޖީއެސްޓީ %12 އިން %16އަށް
ތަފްސީލު - ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ބޮޑު ކުރުމަށް 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' އިސްލާހު ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސަރުކާރުން ފޮނުވި ބިލު، އެ އެ އޮތް ގޮތަށް ފާސް ކުރުމަށް މަޖިލީހުން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ.
ހަފްތާއެއްހާ ދުވަސް ފަހުން، މިއަދު ރައީސް ސޯލިހް ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ. އެއާއެކު ބިލު ގާނޫނަކަށްވެ ސަރުކާރުގެ ޖެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
ޓެކްސް ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ، 55 މެންބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވި އިރު، އޭގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑިޕީގެ 14 މަޖިލިސް މެންބަރުންވެސް ހިމެނެ އެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރީޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، ބިލާ ދެކޮޅަށް ވޯޓު ދިން އެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ އެ ޕާޓީއިން ދީފަ އެވެ.
ގުޅުން ހުރި - ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްވުމާއެކު، ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ، އެ ބިލް ފާސްވުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު ބާރެއް ކަމަށެވެ.
ފަސް މަންޒަރު - ރައީސް އެ ބިލު މިއަދު ތަސްދީގުކުރައްވާފައި މިވަނީ، މިކަމުގައި ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅުން އެދިފައި ވަނިކޮށެވެ.
ކޮމެންޓް (7)
ނަޔާ
އަހުން
ނަފޫ
މަރުކުރު
ސިކުނޑި
ގޮހޮރު
ސިކުނޑި